އަޅުގަނޑުމެން ދުރަށް ޖެހިލީމާ އެމްޑީޕީ ނިންދަވާލައިފި: ރައީސް ނަޝީދު

އެމްޑީޕީން ދުރަށް ޖެހިވަޑައިގަތުމުން އެމްޑީޕީ ނިންދަވާލާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން މިއަދު ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގައި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ޒުވާން އުމުރު ޖަލުގައި ވޭނުގައި ހޭދަކުރެއްވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ރާއްޖެއަށް ގެންނަނ ްވެގެން ކަމަށެވެ. އަދި އެމްޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ކަމަށެވެ.
އެހެންނަމަވެސް، ޕާޓީއާ ދުރަށް ޖެހިވަޑައިގަތުމުން ޕާޓީ މިއަދު ނިންދަވާލާފައިވާ ކަމަށާއި ޕާޓީން ކުޑަ ހަރަކާތެއް ވެސް ބޮޑު ހަރަކާތެއް ވެސް ނުހިންގޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
”މިހާރު އަޅުގަނޑުމެން ދުރަށް ޖެހިލީމާ އެމްޑީޕީ ނިންދަވާލައިފި،“ ނަޝީދު ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނިތައް ދައްކަން ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަށް ވެސް ނަޝީދު މިއަދު ފާޑުވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދަރަނި ދެއްކުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތަކީ ރައްޔިތުންގެ ޖީބުތަކުން ފައިސާ ނެގުމެވެ. އަދި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަމުންދާ ކަމަށާއި ލިބޭ ޑޮލަރެއް ވިއްޔާ ދަރަނި ދައްކަން ހިފަހައްޓަމުންދާކަމަށް ވިދާޅުވިއެވެ.
އޭގެ ސަބަބުން ޑޮލަރުގެ އަގު މިހާރު 20ރ. އިން މައްޗަށް ގޮސްފައިވާއިރު، މި އަހަރު ނިމޭއިރު ޑޮލަރުގެ އަގު 30ރ. އަށް އަރާނެ ކަމަށް އެމަނިކުފާނު ލަފާކުރެއްވިއެވެ. އަދި ރާއްޖެ މެދު އާމްދަނީގެ ގައުމެއްގައި އޮތުމަށްފަހު ވަރަށް ބޮޑަށް ފަހަތައް ކައްސާލައިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީގައި އޮންނަ އެއްޗަކާއި ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީއާ ގުޅުމެއް ނެތް ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށެވެ. ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވިއެވެ.
އެގޮތުން، މިދިޔަ 18 ވަރަކަށް އަހަރުގެ ތެރޭގައި އެކަނި ރާއްޖޭގައި މިދިޔަ 2000 އަހަރަށް ކުރެވުނު ވަރަށް ވުރެ ގިނައިން އުމްރާނީ މަސައްކަތްތައް ހިންގާފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެކަން އެގޮތަށް ހިނގީ ޑިމޮކްރެސީ ގެނައުމުގެ ސަބަބުން ކަމަށެވެ.
އޭގެ އިތުރުން، އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުތަކުން ކައުންސިލުތަކަށް ކަންތައްތައް މަނާކުރާކަމަށް ކައުންސިލުތަކުން ބުނާކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް، ބަލަންވީ އެ ކަންތައްތަކުގެ މައްޗަށް އެރޭނެ ގޮތްތަކާއި ކަންކަން ކުރެވޭނެ ގޮތްތައް ކަމަށް ވިދާޅުވިއެވެ. ނުވާނެއޭ ކިޔައިގެން ތިބެންޏާ އެއް ކަމެއް ވެސް ނުވާނެ ކަމަށާއި ވާނެ ކަމަށް އެދިގެން މަސައްކަތްކުރުމުން އެ ކަންކަން ވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އެމްޑީޕީއާ ދުރަށް ޖެހިވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށެވެ. އެފަހުން އެމަނިކުފާނު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމު އަދާކުރައްވަން އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާގައި ވެސް ދިރިއުޅުއްވިއެވެ. އެ މަގާމުގެ ދައުރު ހަމަވުމުން އެނބުރި ރާއްޖެ ވަޑައިގަތީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ