ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓުރޯލުނުކުރެވި، މި ބަލީގައި އަދި ބަލީގެ ޢަލާމާތްތަކާއެކު މަރުވި ކުދިންގެ އަދަދު 500 އަށް އުފުލިފައިވާކަން އެ ޤައުމުގެ އިދާރާތަކުން ހާމަކޮށްފިއެވެ. މިއީ، ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި ހިމަބިހީގެ އެންމެ ބޮޑު ބަލިމަޑުކަމެވެ.
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސްއިން (ޑީޖީއެޗްއެސް) ބުނީ، މި އަހަރުގެ މާރިޗު 15 އިން މޭ 23 ގެ ނިޔަލަށް ހިމަބިހި ޖެހިގެން 86 ކުޑަކުދިން މަރުވެފައިވާ ކަން ލެބޯޓަރީ ތަޙުލީލުތަކުން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. އަދި، ބަލީގެ ޢަލާމާތްތަކާއެކު މަރުވި އިތުރު 426 ކުދިންނާއެކު، ބަލިމަޑުކަމުގައި މަރުވި ކުދިންގެ ޖުމްލަ އަދަދު ވަނީ 512 އަށް އުފުލިފައެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް މި ބަލީގައި އިތުރު 11 ކުދިން މަރުވެފައިވާ ކަން ބަންގްލަދޭޝްގެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދަނީ ވެރިރަށް ދާކާގައެވެ. އެ ރަށުން އެކަނިވެސް 210 ކުދިން މަރުވެފައިވާކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި ލެބޯޓަރީ ތަޙުލީލުތަކުން ކަށަވަރު ކުރެވިފައިވާ 50 މަރު ހިމެނެއެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، މި ބަލި ދެނެގަތުމަށް ބޭނުންވާ ޓެސްޓު ކިޓުގެ އަދަދު މަދުވުމުގެ ސަބަބުން ގިނަ ވޭދަނަތައް ވަގުތުން ކަށަވަރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ.
ޑީޖީއެޗްއެސްގެ ހިސާބުތަކުން ދައްކާ ގޮތުގައި ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 62,507 ވޭދަނައެއް ރިޕޯޓްކޮށްފައިވެއެވެ. އަދި ލެބޯޓަރީން ކަށަވަރު ކުރެވުނު ވޭދަނަތަކުގެ އަދަދު ވަނީ 8,494 އަށް އުފުލިފައެވެ. މީގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ބަލި ޖެހިފައިވާ 54 ވޭދަނަ ކަށަވަރުކުރެވުނުއިރު، ބަލީގެ ޢަލާމާތްތައް ހުރި 1,261 ވޭދަނައެއް ވަނީ ރިޕޯޓްކޮށްފައެވެ. ފާއިތުވި މަސްތަކުގައި ވޭދަނަތައް ހަލުވިކަމާއެކު އިތުރުވުމުގެ ސަބަބުން، ދާކާގެ އިތުރުން ރަށްބޭރު ސަރަޙައްދުތަކުގައި ހަސްފަތާލުތައް ފުރި، ބާރުބޮޑުވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން (ޑަބްލިޔުއެޗްއޯ) ބުނީ، ބަންގްލަދޭޝްގައި ހަލުވިކަމާއެކު މި ބަލި ފެތުރެން މެދުވެރިވީ 2024 އާއި 2025 އާ ދެމެދު ވެކްސިން ހުސްވުމުގެ ސަބަބުން، ކުޑަކުދިންނަށް ވެކްސިން ޖަހައިދޭ މިންވަރު ދަށްވުމުން ކަމުގައެވެ. ދާކާގައި ހުންނަ އދގެ ކުޑަކުދިންނާ ބެހޭ ފަންޑުން (ޔުނިސެފް) ބުނީ، ވެކްސިން ލިބުން ލަސްވުމާއި ޕްރޮކިޔުމަންޓްގެ މައްސަލަތަކުގެ އިތުރުން، މައިންނާއި ކުޑަކުދިންނަށް ފައިދާހުރި ކާނާ ލިބެން ނެތި މެލްނިއުޓްރިޝަންގެ ޞިއްޙީ ޙާލަތު ކުރިމަތިވުމާއި، ކުޑަކުދިންގެ ޞިއްޙީ ދިފާޢީ ނިޒާމު ބަލިކަށިވުމަކީ ބަލި ފެތުރެން މެދުވެރިވި މައިގަނޑު ސަބަބުތައް ކަމުގައެވެ.
ހިމަބިއްސަކީ ވައިރަހެއްގެ ޒަރީއާއިން ވަރަށް ފަސޭހައިން ފެތުރޭ، ނަމަވެސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ރައްކާތެރިކަން ހޯދޭ ބައްޔެކެވެ. މިއީ ދުނިޔޭގައި ވެކްސިން ބޭނުންކޮށްގެން ރައްކާތެރިވެވޭ ބަލިތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކުޑަކުދިން މަރުވާ އެއް ބައްޔެވެ. މި ބަލީގެ ސަބަބުން ނިއުމޯނިޔާ، ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި ޙާލަތްތައް ކުރިމަތިވެއެވެ. މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިނުވާ އަދި މެލްނިއުޓްރިޝަންގެ ޙާލަތު ކުރިމަތިވެފައިވާ ކުދިންނަށެވެ. މި ބަލި ފެތުރުން ކޮންޓުރޯލުކުރުމަށް ބަންގްލަދޭންގެ ސަރުކާރުން މިހާރު ދަނީ ވެކްސިން ޖަހައިދިނުމުގެ ބޮޑު ކެމްޕޭނެއް ހިންގަމުންނެވެ.
ބަންގްލަދޭޝްގައި ހިމަބިހި ފެތުރެނީ، 500 އަށްވުރެ ގިނަ މަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ