ކޯވިޑުން ވިޔަފާރިތައް އަރައިގަތުމުގައި އީޔޫގެ ދައުރު މުހިއްމު: ފައްޔާޟް

ކޯވިޑް-19 ގެ ޙާލަތުގައި ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ރާއްޖޭގެ ކުދި ވިޔަފާރިތަކާއި، މެދު ފަންތީގެ ވިޔަފާރިތަކަށް ވެދިން އެހީތެރިކަމަކީ ކޯވިޑުން ރާއްޖެ އަރައިގަތުމަށް އެހީތެރިވި ކަމެއްކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، "އީޔޫ-މޯލްޑިވްސް ބިޒްނަސް ރައުންޑް ޓޭބަލް" ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެއް ދުވަހުގެ މުއްދަތަކަށް ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު ވަނީ އީޔޫއަކީ އަބަދުވެސް ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނުއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ މި ދިގު ތާރީޚުގައި އީޔޫގެ ޤައުމުތައް ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޟު ވަނީ ކޯވިޑްގެ ޙާލަތުގައި ރާއްޖެއިން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކާއި އަދި އެކަމުން އަރައިގަތުމަށް އީޔޫއިން ވެދިން އެހީތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ކޯވިޑް-19 ގެ އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައި އީޔޫއިން ރާއްޖޭގެ ކުދި ވިޔަފާރިތަކާއި، މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދިން އެހީއަކީ ކޯވިޑުން ރާއްޖެ އަރައިގަތުމަށް އެހީތެރިވެދިން ކަމެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.
ކޯވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަނުން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީވުމަށް އީޔޫއިން ވަނީ 2 މިލިއަން ޔޫރޯގެ އެހީގެ ޕެކޭޖެއް ރާއްޖެއަށް ދީފައެވެ. މި ލޯނު މިހާތަނަށް 360 އަށްވުރެ ގިނަ ވިޔަފާރިއަކަށް ވަނީ ފޯރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ