ރިޔާސީގައި އަޅުގަނޑު ރައީސްކަން ކޮށްގެން ލިބޭނީ ބޮޑިއެއް، ރައްޔިތުން އަންނާނީ ރުޅި: ނަޝީދު

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުނުކޮށް އެ މަނިކުފާނު ރާއްޖޭގެ ރައީސްކަމަށް ހޮވިވަޑައިގެންފި ނަމަ ލިބޭނީ ބޮޑިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވީ، އައްޑޫއަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ އެމްޑީޕީގެ މެންބަރުންނާއެކު މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި ނޫން ގޮތަކަށް ރާއްޖޭގެ ވެރިކަން ހިންގޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. އަދި ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކޮށް، އެކަން ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
“އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައީސްކަން ކޮށްގެން ލިބޭނީ ބޮޑިއެއް… ތިބޭފުޅުން އަޅުގަނޑު ދެކެ ރުޅި އަންނާނީ،” ރިޔާސީ ނިޒާމެއްގައި ވެރިކަން ކުރާނަމަ ވާނެ ގޮތް ސިފަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބަށްވުރެ މުހިންމު ވެގެން އަންނަންޖެހޭނީ ބަރުލަމާނީ އިންތިހާބު ކަމަށެވެ. އެހެންކަމުން ވެރިކަމަށް ކުރިމަތިލާނަންތޯ އަހާ ސުވާލުގެ ޖަވާބު އަދި ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ