ޓެކްސް ބޮޑުކުރުމުން ރައްޔިތުން އިތުރަށް ފަގީރުވާނެ

ޓެކްސްތައް ބޮޑުކުރުމުން ރައްޔިތުން އިތުރަށް ފަގީރުވެގެންދާނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފި އެވެ.
ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ފާސްކޮށްފަ އެވެ. އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރާނީ މި އުސޫލަށެވެ.
އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް މާލީ އިދާރާތަކުންނާއި ކަމާގުޅޭ ފަރާތްތަކުން ދީފައިވާ ލަފާގެތެރެއިން ހަމަ އެކަނި ފެނިގެން ދިޔައީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުން ކަމަށެވެ. މިކަމުންވެސް ނިކަމެތި ރައްޔިތުންނަށް ލިބޭ އާމްދަނީން ބޮޑުބައެއް ދައުލަތަށް ދައްކަން ޖެހުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ފަގީރު ވެގެން ދާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
"ފުދުންތެރިކަން ކުޑަ ރައްޔިތުން ގެ އަތުން ވެސް ގާތްގަނޑަކަށް -/640 ރުފިޔާ ޖީއެސްޓީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހުމަކީ އެމީހުންގެ އާންމު ހާލަތަށް އިތުރު ހީނަރު ކަމެއް ލިބިގެން ދާނެ ކަމެއްކަމުގައި އެމްއާރްއެމް އިން ދެކެމެވެ." އެ ބަޔާނުގައިވެ އެވެ.
އެމްއާރްއެމުން ބުނީ މާލީ އިދާރާތަކުން ލަފާ ދީފައިވާ ގޮތަށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަކީ މުހިންމު ކަމެއް ކަމެއް ކަމަށެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ބަޖެޓުން ހަރަދު ކުޑަކުރުމަށް އިސްކަމެއް ދީފައިނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މި ޕާޓީން ދެކޭ ގޮތުގައި ސަބްސިޑީގެ ގޮތުގައި ދޭ ފައިސާ، ޓާގެޓް ސަބްސިޑީސް އަށް ބަދަލުކޮށް ޓާގެޓް ސަބްސިޑީސް ދޭނެ ގޮތެއް ރޭވުމަކީ ހަރަދު ކުޑަކުރުމަށް ކުރެވިދާނެ މުހިންމު މަސައްކަތެއް ކަމުގައި ދެކެމެވެ. އެގޮތުން ނިކަމެތިންނާ އެއް ހަމަޔަކުން މުއްސަދިންނަށް ސަބްސިޑީ ލިބޭ ގޮތަށް އޮންނަ އުސޫލު މުރާޖާ ކޮށް ހައްގުވެރިންނަށް ސަބްސިޑީ ލިބޭނޭ ގޮތް ހެދުމަށް ގޮވާލަމެވެ." އެ ބަޔާނުގައިވެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ކޮމިޓީން ވަނީ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކުރަން ފާސްކޮށްފަ އެވެ. އެއާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 42.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ