މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޮންޑެޑް ވެއާހައުސްތަކުގައި ކޮންޓެއިނަރު ބެހެއްޓުމަށް ނަގާ އަގުތައް އޮގަސްޓު 15، އިން ފެށިގެން ދެ ގުނަ ބޮޑުކުރަން ނިންމައި އެކަން ވިޔަފާރިވެރިންނަށް އަންގައިފި އެވެ.
މީގެ ކުރިން ބޮންޑެޑް ވެއާހައުސްގައި 20 ފޫޓުގެ ކޮންޓެއިނަރެއް އެއް މަސްދުވަހަށް ބެހެއްޓުމަށް ނަގަމުންދިޔައީ 442 ޑޮލަރެވެ. އަދި، 40 ފޫޓުގެ ކޮންޓެއިނަރެއް ބެހެއްޓުމަށް ނަގަމުންދިޔައީ 884 ޑޮލަރެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ޖުލައި، 2024، ގައި އެ އަދަދުތައް 550 ޑޮލަރަށް އަދި 1،100 ޑޮލަރަށް ބޮޑުކުރި އެވެ. އެކަމަކު އެ އަދަދުތައް މިހާރު ވަނީ ދެ ވަނަ ފަހަރަށް ބޮޑުކޮށްފަ އެވެ.
ވިޔަފާރި ބަނދަރުތައް ބަލަހައްޓަމުން ގެންދާ އެމްޕީއެލްއިން ކުރި އިއުލާނެއްގައިވާ ގޮތުން ޖީއެސްޓީ ހިމަނައިގެން 20 ފޫޓޫގެ ކޮންޓެއިނަރަކަށް މަހެއްގެ މައްޗަށް މިހާރު 1،134 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އަދި، 40 ފޫޓުގެ ކޮންޓެއިނަރަކަށް މިހާރު 2،268 ޑޮލަރު މަހެއްގެ މައްޗަށް ދައްކަން ޖެހޭނެ އެވެ.
މި އަދަދުތަކަށް ބަލާއިރު އެމްޕީއެލްގެ ބޮންޑެޑް ވެއާހައުސްތަކުގައި މުދާ ބެހެއްޓުމުގެ އަގު 2023 އިން ފެށިގެން 2025 އާ ހަމައަށް ވަނީ 137 ޕަސެންޓު އުފުލިފަ އެވެ.
ހުޅުމާލޭގައި ހުންނަ ބޮންޑެޑް ވެއާހުސް 1،2،3 ގެ ފީތަކަށް ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ އޮގަސްޓު 15، އިން ފެށިގެންނެވެ.
ބޮންޑެޑް ވެއާހައުސްގައި ކޮންޓެއިނަރު ބެހެއްޓުމުގެ އަގުތައް ބޮޑުކުރުމަކީ ބާޒާރުގައި މުދަލުގެ އަގު ބޮޑުވުމަށް މެދުވެރިވާނެ ސަބަބެކެވެ.
މި އަގުތަކާ އެކުއެކީގައި ޑޮލަރުގެ އަގު ވެސް ހިފެހެއްޓުމެއް ނެތި މައްޗަށް ދަމުންދާތީ ކުރިއަށް އޮތް ދުވަސްތަކަކީ މުދަލުގެ އަގުތައް ބޮޑުވެ ދިރިއުޅުމުގެ ހަރަދު އިތުރުވެގެންދާނެ ދުވަސްތަކެއް ކަމަށް ބެލެވެ އެވެ. މިވަގުތު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20ރ. އަށް ބޮޑުކޮށެވެ.
ބޮންޑެޑް ވެއާހައުސްގައި ކޮންޓެއިނަރު ބަހައްޓައިދޭ އަގު ދެ ގުނަ ބޮޑުކޮށްފި ބޮންޑެޑް ވެއާހައުސްގައި ކޮންޓެއިނަރު ބަހައްޓައިދޭ އަގު ދެ ގުނަ ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ