ތަނަވަސް މައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަންހެން ކުއްޖެކެވެ. އެދަރިފުޅުގެ ހިތް އުފާވާނެ ހުރިހާ ކަމެއް ކުރަން ހުރީ ދޫކޮށްލައިފައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ހެޔޮ ނަޞޭޙަތްދެއެވެ. ތެދުވެރި ނުވަތަ ޙަޤީޤީ ލޯތްބަކީ ކޮބައިކަން ތަޖުރިބާއިން ކިޔައިދެއެވެ.
ދަރިފުޅަށް އެކަމަކުން އެއްވެސް ފައިދާއެއް ނުކުރެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެޜޭގައި 3، 4 ލޯބިވެރިންނާއި ވަކިވާންޖެހުމުން ލޯބިވުންމަތިން ދަރިފުޅު ހުރީ ފޫހިވެފައެވެ. އެއްދުވަހު މަންމަ ނަޞީޙަތްދީ ނިންމުމުން ބުންޏެވެ. "މަންމާއެވެ! ކޮންމެ މީހަކުވެސް އަހުރެން ދެކެ ލޯބިވާކަމަށް ބުނަމުން ކުރީ ވައްކަމެވެ. އަހުރެންގެ ފައިސާއިންވެސް ކުރީ ވައްކަމެވެ. އަހުރެންގެ ހިތުންވެސް ކުރީ ވައްކަމެވެ. ވީމާ ކުރިއަށް އޮތްތަނުގައި ފިރިހެނުންގެ ވޮލެޓުން ވައްކަންކުރުން ނޫން ކަމެއް އަހުރެން ނުކުރާނަމެވެ." އެވާހަކަތަކަށް މަންމަ އެއްވެސް ޖަވާބެއް ނުދެއެވެ.
އަނެއްދުވަހު ހެނދުނު ސައިބޮއި ނިމިގެން މަންމަ ބުންޏެވެ. މަންމައަށް ކަމެއް ކޮށްދޭންވެއްޖެއެވެ. އެކަމަކީ ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ގޭގެ މަގީޗާއަށް ބަގީޗާ ބަލަހައްޓާ ޒުވާނާ ފެންދީހަދާއިރު އޭނާއާއިއެކުގައި މަސައްކަތްކުރުމެވެ. ދަރިފުޅު ވަޤުތުން އެކަމަށް އެއްބަސްވިއެވެ.
ބަގީޗާ ބަލަހައްޓާ މީހާއަކީ ޒުވާނެކެވެ. ފަޤީރެކެވެ. ނަމަވެސް ރީތި ޒުވާނެކެވެ. ހިތުގެ ރީތިކަން މާބޮޑެވެ. ދެމީހުން އެކުގައި އުޅެން ފެށުމުން އެޒުވާނާގެ ހިތުގެ ރީތިކަމުގެ އަސަރު އަންހެންކުއްޖާއަށް ކުރަން ފެށިއެވެ. ނަތީޖާއަކަށްވީ ބޭރުގައި އުޅޭވަޤުތު މަދުކޮށް އެޒުވާނާއާއިއެކު ބަގީޗާގައި ހޭދަކުރާ ވަޤުތު ގިނަވާން ފެށުމެވެ.
ޒުވާނާ ހުންނަނީ ވަރަށް ބިރުންނެވެ. އެއީ ކިތަންމެ ކުޑަނަމަވެސް އަންހެންކުއްޖާ ހިތްނުރުހޭނެ ބަހެއް ބުނެފިނަމަ އޭނާގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށެވެ. އެހެންވެ ވާހަކަ ދައްކަނީވެސް ވަރަށް މަދުންނެވެ. އެކަމަށް ކެތް ނުކުރެވުނީ އަންހެން ކުއްޖާއަށެވެ. ޖެހިލުމެއް ނެތި ހިތް ނަގައި ޒުވާނާއަށް ހަދިޔާކުރިއެވެ. ދެއަތް ހުޅުވާލައި ބައްދައިލިއެވެ.
ޒުވާނާ ބުންޏެވެ. "އަހުރެން ކިތަންމެ ފަޤީރަސް އަހުރެންގެވެސް އޮތީ ހިތެކެވެ. ހަމަ ތިބާގެ ހަށިގަނޑުގައިވެސް އޮތް ފަދަ ހިތެކެވެ. ފުރަތަމަ ކަމަކަށް މަންމަގެ ރުހުން ހޯދާށެވެ! ނޫންނަމަ ހުރިހާ ދެރައެއް ލިބޭނީ އަހުރެންނަށެވެ. ތިބާވެސް ގެއްލޭނީއެވެ. ވަޒީފާވެސް ގެއްލޭނީއެވެ."
މިހުރިހާ ކަމެއް ބަލަމުން އައި މަންމަ އަޑުއަހަންހުރެފައި ގާތަށް ގޮސް ހުއްޓުމުން ދެމީހުންވެސް ދިއައީ ސިއްސައިގެންނެވެ. މަންމަ ބުންޏެވެ. "އެއްވެސް އެއްޗެއް ގެއްލޭކަށް ނުޖެހޭނެއެވެ. ދެކުދިން އަވަހަށް ކައިވެނިކުރާށެވެ! ހަމަ މިރޭ ކައިވެނިކުރަންވާނެއެވެ!"
އަދިވެސް ބުންޏެވެ! "ދަރިފުޅާއެވެ! އަހުރެމެންގެ ހުރި ތަނަވަސްކަން އެނގޭތީ ކޮންމެ މީހަކުވެސް ދަރިފުޅުދެކެ ލޯބިވާކަމަށް ހެދޭނެއެވެ. އެކަން ނުވިސްނި ދަރިފުޅަށް ގޮތްގޮތަށް އުޅެވެން ފެށުމުން މިޒުވާނާ ގެއަށް ގެނައީވެސް ހަމަ ދަރިފުޅަށްޓަކައެވެ. ބަގީޗާ ބެލެހެއްޓުން ފަދަ މަސައްކަތްކުރާނީ ފައިސާގެ ގޮތުން ފަޤީރުންނެވެ. އެކަމަކު އެމީހުން ގަސްތަކާއި މައުތަކުގައި އަތްލާނީ ވަރަށް އޯގާތެރިކަމާއިއެކުގައެވެ. އެހެންވެ އެމީހުންގެ ހިތް ވަރަށް އޯގާތެރިވާނެއެވެ. ކެތްތެރިކަންވެސް ހުންނާނެއެވެ."
ދެމީހުންގެ ކައިވެންޏަށް މިހާރު 20 އަހަރެވެ. ފރިމީހާގެ ކިބައިން އަދިވެސް އަނބިމީހާއަށް އިޙްޞާޞްވަމުން އަންނަނީ މަންމަ އެދުވަހު ބުނި ފަދަ އޯގާތެރިކަމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ
ތަނަވަސް އަންހެން ކުއްޖަކު ލޯބިވާ އެންމެން އޭނާއަށް ލަނޑުދޭތީ އެކަކުދެކެވެސް ތެދުވެރި ލޯބިނުވާން ނިންމީމާ ލޯތްބަކީ ކޮބައިކަން ދަސްކޮށްދޭން މަންމަ ބޭނުންކުރި ކާމިޔާބު އުކުޅުގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ