މުބާރަކްގެ މިރޭ އިސްތިއުފާ ދެއްވާނެ ކަމުގެ ޔަގީން ޚަބަރުތައް ވަނީ ފެތުރިފައި

ޤާހިރާ : މިސްރުގެ ރައީސް ހުސްނީ މުބާރަކްގެ މިރޭގެ ވަގުތެއްގައި މަޤާމުން އިސްތިއުފާ ދެއްވާނެ ކަމުގެ ވަރަށް ޔަގީން ޚަބަރުތަކެއް މިސްރުގައި ފެތުރިއްޖެއެވެ. މިޚަބަރުތައް ބުނާގޮތުން މުބާރަކް މިސްރުގެ ވެރިކަމުން އިސްތިއުފާދެއްވުމަށްފަހު ޤައުމު ދޫކުރައްވައި ބޭރަށް ފުރާވަޑައިގަތުމަށް މިހާރު ވަނީ ނިންމަވާފައެވެ. ނަމަވެސް މިޚަބަރުގެ ތެދުދޮގު އަދި ކަށަވަރެއް ނުވެއެވެ.
މިސްރުގެ އިންފޮރމޭޝަން މިނިސްޓަރ ވިދާޅުވީ މުބާރަކް މިރޭގެ ވަގުތެއްގައި ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބު ކުރައްވާނެ ކަމަށާ ވެރިކަމުން އިސްތިއުފާދެއްވުމަށް މުބާރަކް ނިންމަވާފައިނުވާ ކަމުގައެވެ. ނަމަވެސް މިސްރުގައި ވެރިކަންކުރާ މުބާރަކްގެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ މުބާރަކް މިރޭ އިސްތިއުފާދެއްވުމުގެ ފުރްސަތު އެބައޮތް ކަމަށާ މުބާރަކަށްވެސް އަދި މިސްރުގެ ރައްޔިތުންނަށްވެސް މިހާރު އެންމެ ރަނގަޅު ގޮތަކަށްވާނީ މުބާރަކް ވެރިކަމުން އިސްތިއުފާދެއްވުމަށްފަހު އޭނާ ޤައުމުން ބޭރަށް ވަޑައިގަތުން ކަމުގައެވެ.
އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ ސީ.އައި.އޭ. ގެ ވެރިޔާވެސްވަނީ މިރޭ މުބާރަކް އިސްތިއުފާދެއްވާނެ ކަމުގެ މަޢްލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް މުބާރަކްގެ ނިންމަވާގޮތެއް އެނގޭނީ ހަމަ އޭނާއަށް ކަމަށް ސީ.އައި.އޭ. ގެ ވެރިޔާ ވިދާޅުވިއެވެ. މިޚަބަރުތަކާގުޅިގެން ވައިޓް ހައުސް އިން ބުނީ މުބާރަކް މިރޭ އިސްތިއުފާދެއްވުމަކީ ރައީސް ބަރަކް އޮބާމާ އަށް ކުއްލި ޚަބަރަކަށް ނުވާނެ ކަމުގައެވެ. އެމެރިކާގެ މިޝިގަން ގައި ހުންނަވައިގެން ދެއްވި ބަޔާނެއްގައި އޮބާމާ ދާދިދެންމެއަކު ވިދާޅުވީ މިސްރުގައި މިހާރު ދަނީ ތާރީޚުގެ އާސަފްޙާއެއް ފެށިގެން ކަމަށާއި މިސްރުގެ ރައްޔިތުން ޑިމޮކްރަސީ އާ ދިމާއަށް ކުރާ ދަތުރަށް އެމެރިކާ ތާއީދުކުރާ ކަމުގައެވެ. މުބާރަކްގެ ޚުދުމުޚްތާރު އަދި ހުޅަނގަށް ބަރޯސާވާ އަދި އިސްރާއީލަށް އަމާންކަންދޭ ވެރިކަމުގެ ނިޒާމުގެ ފަހަތުގައިވާ އެންމެ ބޮޑު ވާގިވެރިއަކީ އެމެރިކާއެވެ. މުބާރަކްގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އެމެރިކާއިން ކޮންމެ އަހަރަކު ދެބިލިޔަނެއްހާ ޑޮލަރުގެ އެހީ މިސްރަށް ދެއެވެ.
އަނެއްކޮޅުން މިސްރު ސިފައިންގެ އެންމެ މަތީ ކައުންސިލް މިރޭގެ ވަގުތެއްގައިވަނީ ރައީސް މުބާރަކާނުލާ ފުރަތަމަ ފަހަރަށް ބައްދަލުކޮށްފައެވެ. މިބައްދަލުކުރުމަށްފަހު ނެރުނު ބަޔާނެއްގައި ސިފައިންގެ ލަޝްކަރުން ބުނެފައިވަނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް ރައްޔިތުން ކުރިޔަށްގެންދާ އިޙްތިޖާޖް ތައް މިހާރުވަނީ ވަރަށް މަތީ މަރްޙަލާއަކަށް ގޮސްފައި ކަމަށާއި މިކަންކަމަށް ރިޢާޔަތްކޮށް މިސްރުގެ ރައްޔިޔުންނާއި ދައުލަތާއި ދައުލަތުގެ މިލްކިއްޔާތާއި މުއައްސަސާތަކާއި ތަކެތި ޙިމާޔަތް ކުރުމަށްޓަކައި ސިފައިން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެހެންކަމުން ސިފައިންގެ އެންމެ މަތީ މަޖިލީހުގެ މެންބަރުންގެ ޚާއްސަބައްދަލުވުމެއް މިހާރުން ވަނީ ހުޅުވާލެވިފައި ކަމުގައެވެ. - އަލްޖަޒީރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ