މާދަމާގެ ނިޔަލަށް ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަކީ، ސީނިއާ ފުޓްބޯޅައިގައި ރާއްޖޭން އަމިއްލަ ފަސްގަނޑުގައި ކުޅުނު ފަސް ވަނަ މުބާރާތެވެ.
ރާއްޖޭގެ ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން 2000 ވަނަ އަހަރު ކުޅުނު ގޯލްޑަން ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފައިނަލުގައި ރާއްޖޭން ކުޅުނު އެވެ. އޭގެ އަށް އަހަރު ފަހުން، 2008 ވަނަ އަހަރު ރާއްޖެ އާއި ލަންކާ ގުޅިގެން ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނު ގްރޫޕްގެ މެޗުތައް ކުޅުނީ ރާއްޖޭގަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅެން ދިވެހި ޓީމު ދަތުރު ކުރީ ލަންކާ އަށެވެ. އަދި ފައިނަލް މެޗުގައި އިންޑިއާ ބަލިކޮށް، ލަންކާގެ މަޝްހޫރު ސުގަތަދާސާ ސްޓޭޑިއަމްގައި ދިވެހި ޓީމުން ފުރަތަމަ ފަހަރަށް ތަށި ކާމިޔާބު ކުރި އެވެ.
ޖެހިގެން އައި 2009 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގެ ކޮލިފައިންގައި ރާއްޖެ ހިމެނުނު ގްރޫޕް ބީ ގެ މެޗުތައް ބޭއްވީ ރާއްޖޭގަ އެވެ. އެފަހަރު ތުރުކުމެނިސްތާނާއި ފިލިޕީންސް އަދި ބޫޓާން ހިމެނުނު ކޮލިފައިން ބުރުން ރާއްޖެ ދެ ވަނަ ހޯދި އެވެ.
އެއަށް ފަހު ރާއްޖޭން އަމިއްލަ ފަސްގަނޑުގައި އަނެއްކާވެސް ބޭއްވީ އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިން މަރުހަލާ އެވެ. މާޗް 2011 ގައި ތަޖިކިސްތާނާއި ކިރިގިސްތާން އަދި ކެމްބޯޑިއާއާ ވާދަކޮށް ރާއްޖޭން ގްރޫޕްގެ އެއް ވަނަ ހޯދި އެވެ. އޭގެ ދެ އަހަރު ފަހުން 2014 ގައި އޭއެފްސީ ޗެލެންޖް ކަޕް ބޭއްވުމުގެ ފުރުސަތު ރާއްޖެ އަށް ލިބުނެވެ. އެ މުބާރާތުން ތިން ވަނަ ރާއްޖޭން ހޯދި އެވެ.
އޭގެ ފަހުން ފުޓްބޯޅަ އަށް ކުރިމަތިވީ އަޑިގަނޑުތަކާއި ގޮންޖެހުންތަކުގެ ދުވަސްވަރެކެވެ. ކޮވިޑް-19 ގެ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއި ދިން ދުވަސްވަރު 2021 ގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖޭން ބިޑް ކުރި އެވެ. ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންގެ ކޯޗުކަމުގެ ދަށުން އަމިއްލަ ދަނޑުގައި ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލައި ލީގު އުސޫލުން ކުރިއަށްދިޔަ ފުރަތަމަ ބުރުގެ ތިންވަނަ ރާއްޖެއަށް ލިބުނެވެ.
އެ މުބާރާތް ޕްރޮމޯޓް ކުރަން އެފްއޭއެމުން އޭރު ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ފުޓްބޯޅައިގެ މަތިން މުޅި ގައުމު ފޫހިވެފައި ތިބި އެ ވަގުތުގައި ވެސް ގައުމީ ޓީމުގެ މެޗުތަކަށް ސަޕޯޓަރުން ވަދެ ދަނޑު ފުރާލި އެވެ.
މިފަހަރު ދިވެހިން ކުރިމަތިލީ ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމާ ދިމާކޮށް ބޭއްވި އަލިމަސްޔޫބީލް މުބާރާތާ އެވެ. ހަތަރު ޓީމު ވާދަކޮށް އަމިއްލަ ގައުމުގައި ރާއްޖެ ދިޔައީ ފުލަށެވެ. މިހާރުގެ ކޯޗު އިސްތަވާން އުރްބާނީ ޓީމު އެކުލަވާލާފައި އޮތީ ތަޖުރިބާކާރު އަދި ޒުވާން ކުޅުންތެރިންގެ މައްޗަށެވެ.
އަމިއްލަ ފަސްގަނޑުގައި ކުޅުނު މުބާރާތެއް ނުވަތަ ސީރީޒެއްގައި މިހާ ދަށުން، ރާއްޖޭން މީގެ ކުރިން ނިންމާލާފައެއް ނުވެ އެވެ. ދިވެހި ޓީމު މުބާރާތް ނިންމާލީ އެންމެ ޕޮއިންޓަކުންނެވެ. ޖެހުނީ އެންމެ ލަނޑެކެވެ. ފުލުގައި ނިންމާލުމުން ގައުމީ ކޯޗު އުރުބާނީ އާއި އެފްއޭއެމަށް އޮތް ފާޑުކިޔުން އޮތީ ބޮޑުވެފަ އެވެ.
ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ ބުނީ އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ގައުމީ ޓީމުގެ ކުރީގެ ދެ ކޯޗުން ކަމަށްވާ ސުޒޭން އާއި މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ގައުމީ ޓީމުގެ ޝަރަފަށްޓަކައި ވެސް ފެންވަރު ދަމަހައްޓައިދީފައި ކަމަށެވެ. އަދި އުރުބާނީގެ ކިބައިން ފެންނަނީ ޓެކްނިކަލް ގޯސްތައް ފޮރުވަން ބަހާނާ ދެއްކުމުގެ އުސޫލު ކަމަށް ޝާޒް ބުންޏެވެ.
"ސުޒޭން އާއި މޯހަން ވަނީ އުނދަގޫ ދަނޑިވަޅުތަކުގައި ގައުމީ ޓީމުގެ ފެންވަރު ދަމަހައްޓައި ޓީމުގެ ހައްގުގައި ފައިޓްކުރުމުގެ އަސްލު ނަމޫނާ ދައްކުވައިދީފަ. ނަމަވެސް، މިހާރުގެ ހެޑް ކޯޗުގެ ފަރާތުން މި ފެންނަނީ ޓެކްޓިކަލް ގޯސްތައް ފޮރުވަން ބަހަނާ ދެއްކުމާއި އަމިއްލަ ސަލާމަތް ހޯދަން "ދިފާއު" ވުމުގެ ވައްޓަފާޅިއެކެވެ،" ސޯޝަލް މީޑިއާގައި ޝާޒް ލިޔުނު އެވެ.
"މީގެ ކުރިން ވެސް މިއަށްވުރެ މާ ވަރުގަދަ "ޕްރެޝަރު" ހާލަތްތަކުން އަރައިގަނެ އަހަރެމެން ވަނީ މާ ރަނގަޅު ނަތީޖާތަކެއް ނެރެފައި. ސަޕޯޓަރުން ބޭނުންވަނީ ނަތީޖާއަށް ޒިންމާ ނެގުން ބަހަނާ ދައްކައިގެން "ބްލޭމް ގޭމް" ކުޅުމެއް ނޫން."
ރާއްޖޭގެ ފަހު މެޗަށް ފަހު، ސަޕޯޓަރުން ނަތީޖާއާ މެދު ހިތްހަމަނުޖެހޭކަން އުރުބާނީ އަށް ނޫސްވެރިން އިއްވައިދިނެވެ. އެކަމަކު އޭނާ ބުނީ އެ ސަޕޯޓަރުން ދަނޑުން ނުފެނުނު ކަމަށެވެ.
"ވޭތުވެދިޔަ ހަތަރު މަސްދުވަހު އަހަރެން ކުރި ކަމަކީ، ދަނޑުމަތީގެ ހަރަކާތްތަކާއި ދަނޑުން ބޭރުގެ ހަރަކާތްތައް ދިރާސާކުރުން. އަދި އަހަންނަށް ފާހަގަކުރެވުނު އެންމެ ބޮޑު އެއް ކަމަކީ އަހަރެމެންގެ ސަޕޯޓަރުން ނެތްކަން. ތިޔަ ވާހަކަދައްކަނީ ސަޕޯޓަރުންގެ ވާހަކަ. ނަމަވެސް އަހަންނަކަށް ސަޕޯޓަރުންނެއް ނުފެނޭ،" އުރުބާނީ ބުނި އެވެ.
"މެޗު ބަލަން އަންނަތަން މި ފެންނަނީ ކުޅުންތެރިންގެ އާއިލާގެ މީހުންނާއި ރައްޓެހިން. ދިވެހި ލީގުގެ މެޗުތައް ބަލަން ސަޕޯޓަރުން އަންނާތީއެއް އަހަންނަކަށް ނުފެނޭ."
ހަގީގަތަކީ މުބާރާތް ޕްރޮމޯޓް ކުރަން ވެސް އެފްއޭއެމުން އެކަށީގެންވާ މަސައްކަތެއް ނުކޮށް އޮތް ކަމެވެ. މީގެ ކުރިން، މިފަދަ މުބާރާތްތައް ކައިރިވުމުން މުބާރާތް ޕްރޮމޯޓް ކުރަން ކުރާ މަސައްކަތް އެފްއޭއެމުން ކޮށްފައެއް ނެތެވެ.
މުބާރާތް ފެށި ފަހުން މެޗުތަކުގެ ޓިކެޓްގެ އަގު އެފްއޭއެމުން ހެޔޮ ކުރި އެވެ.
"އެކަމަކު ޕްރޮމޯޓް ނުކުރެވޭ މުބާރާތަކަށް ޓިކެޓް އަގު ހެޔޮ ކުރިޔަސް ސަޕޯޓަރުންނެއް ނުވެއްދޭނެ. ޕްރޮމޯޝަން ޖެއްސުނުނަމަ ޓިކެޓްގެ އަގު ބޮޑުވުމުގެ މައްސަލައެއް ނާންނާނެ،" މީގެ ކުރިން ގައުމީ ޓީމުގެ މެޗުތައް ޕްރޮމޯޓް ކުރުމުގައި ބައިވެރިވި އޮފިޝަލަކު ބުނި އެވެ.
މުބާރާތް ޕްރޮމޯޓްކޮށް ސަޕޯޓަރުން ވެއްދުނުނަމަ، ރާއްޖޭގެ ކުޅުން ވެސް ތަފާތުވީސް ކަމަށް އޭނާ ބުނި އެވެ. މި މުބާރާތަކީ ރާއްޖެއަށް ކާމިޔާބު ކުރެވޭނެ ފެންވަރުގެ މުބާރާތެއް ކަމަށް އޭނާ ބުނި އެވެ.
އަމިއްލަ ފަސްގަނޑުގައި ބޭއްވި ޓީމު ސްޕޯޓްސް މުބާރާތެއްގައި، ދިވެހި ޓީމަކަށް އަދި މިހާތަނަށް ތަށީގައި އަތް ލެވިފައެއް ނުވެ އެވެ. މިފަހަރު ގައުމީ ފުޓްބޯޅަ ޓީމަށް ވެސް އެކަން ހާސިލެއް ނުކުރެވުނެވެ.
އަމިއްލަ ދަނޑުގައި ފުލަށް: މިއަށް ވުރެ ރަނގަޅު ވާން ޖެހޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ