ސިފައިންގެ އުޅަނދެއްގައި މާރިޔާއާއި ފިރިކަލުން ”ޓައިޓޭނިކް” ގެ މަންޒަރެއް ކުޅުއްވާ ވީޑިއޯއެއް

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ފިރިކަލުން މުހައްމަދު އާމިރު, ހޮލީވުޑްގެ މަޝްހޫރު ފިލްމު, “ޓައިޓޭނިކް” ފިލްމުގެ މަންޒަރެއް ކުޅުއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ސިފައިންގެ އުޅަނދެއްގެ ކޮޅުފަސްކޮޅުގައި “ޓައިޓޭނިކް” ކުޅުއްވަނިކޮށް ނަގާފައިވާ އެ ވީޑިއޯއަކީ މާރިޔާގެ އިންސްޓަގުރަމް އެކައުންޓުގައި އިއްޔެ އަމިއްލައަށް އާންމުކުރެއްވި ވީޑިއޯއެކެވެ. އެ ވީޑިއޯގައި ކުޑަކުއްޖަކާއި ސިފައިންގެ މީހަކުވެސް ފެނެ އެވެ.
ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އިރު, ބައެއް މީހުން ބުނަމުންދަނީ މިއީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
ސިފައިންގޭގެ ވަޒީފާގައި ކުރިން އުޅުއްވި ކުރީގެ ކޮމާންޑަރު އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ގައުމީ ސަލާމަތުގެ މުދާ އާއިލާގެ އުފަލުގައި ބޭނުންކުރަމުންދާ ކަމަށާއި އޭސީސީން މިކަން ތަހުގީގުކުރަންޖެހޭ ކަމަށެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން މާރިޔާ ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ, ކޯސްޓްގާޑު އުޅަނދުފަހަރު އަމިއްލަ ބޭނުމަށް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އިތުރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ