ޖިސްމަށް ކުރާ އަނިޔާގެ އިތުރުން އަނެކާގެ ހިތަށް ކުރާ އަނިޔާއަށްވެސް ﷲ ބަދަލު ހިއްޕަވައި ދެއްވަވާނެ! ޢަޛާބުވެސް ދެއްވަވާނެ!

ތިމާގެ ސަބަބުން އެއްވެސް މީހެއްގެ ހިތުގައި ޖެހި، ހިތަށް އަނިޔާލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރާށެވެ! އެކަމަކީ ޤިޔާމަތް ދުވަހު ތިބާއަށް ޢަޛާބު ލިބެނިވި ޢަމަލެއް ކަމަށް ބިރުވެތިވާށެވެ! ހަރުބަހުގައިވަނީ "ކަނޑިފާރު ފިލާނެއެވެ. ހިތުފާރު ނުފިލާނެއެވެ."
މިބަހުގެ މާނައަކީ ރުޅި އައިސްގެން ކަނޑިން ހަމަލާދީ ކުރާ ޒަޚަމްތަކުގެ ފާރު ފަސޭހަވުމުން އެކަން މަތިން ހަނދާންނެތިދާނެއެވެ. ނަމަވެސް މީހުންނަށް ނުބައި ބަސްތައް ބުނެ އަދި އަނިޔާވެރިވެ ހިތުގައި ޖައްސުވައި ރޮއްވާ ހެދުމަކީ އެކަމުގެ ހަނދާންތައް ހިތުން ނުފިލައި ގިނަ ދުވަސްތަކަކަށް ދެމިގެންދާ ކަމެކެވެ. 
ﷲ ތައާލާ ޤިޔާމަތް ދުވަހު ބަދަލު ހިއްޕަވައި ދެއްވަވާނީ ހަމައެކަނި ބަޑި ޖެހުމަކުން ނޫނެވެ. އަދި ކަނޑިންދޭ ހަމަލާތަކަކަށްވެސް ނޫނެވެ. އަނެކާގެ ހިތަށް އަނިޔާއެއްކޮށްފައިވާނަމަ އެކަމަށްވެސް ހަމަ އެންމެ ފުރިހަމަ ގޮތުގައި ބަދަލުހިއްޕަވައިދެއްވަވާނެތެވެ! 
މިކަންކަމަށް ވިސްނާށެވެ! އެއްވެސް މީހެއްގެ ހިތަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރާށެވެ. އެކަމަށް ބަދަލުދޭން ޖެހޭނެއެވެ. ފަށަމުން ބުނިފަދައިން ދުނިޔޭގައި އުޅުމުގެ ފުރުޞަތު މިލިބޭ ކުޑަ ދުވަސްކޮޅުގައި އެހެން މީހުންގެ ހިތްތަކަށް އަނިޔާކުރުމުގެ ބަދަލުގައި އެހެން މީހުންނަށް އުފާވެރިކަން ހޯދައިދޭ މީހަކަށްވާށެވެ! އެމީހަކަށް ﷲ އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 
ދުނިޔޭގަ އުޅެން ލިބޭ ކުޑަފުރުޞަތުގައި އަމިއްލަ ބޭނުންތަކަށްވުރެ އެހެން މީހުންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރާށެވެ! ޤިޔާމަތް ދުވަހު ފައިދާކުރާނީ އެއިރުންނެވެ. އަދި ވީވަރަކުން އެހެން މީހަކަށް ތަކްލީފް ނުޖައްސައި އުޅެވޭތޯބަލާށެވެ! ހަމަ އެއާއިއެކު ބައްދަލުވާ މީހުންގެ ހިތުގައި ތިބާއަށް މަޤާމެއް ހޯދޭތޯ ބަލާށެވެ! ގިނަ ބައެއްގެ ހިތުގެ ލޯބި ލިބުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެމީހަކަށް ލިބިގެންދާ ސަބަބެކެވެ. އިން ޝާ ﷲ 
ދުނިޔޭގައި ހޭދަކުރަން ލިބޭ ކުރުމުއްދަތުގައި އެހެން މީހަކަށް ފައިދާހުރި ކޮންމެވެސް ކަމެއް، އެއީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! އެއީ އާޚިރަތަށް ގެންދަން ޖަމާކުރެވޭ އަގުހުރި ހެޔޮ ޢަމަލުތަކަށްވެގެންދާނެއެވެ. 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ