އެޗްޑީސީގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި ދެ މީހަކު ހޯދަނީ

އެޗްޑީސީގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މަތީގައިވާ ވީޑިއޯއިން ފެންނަ ދެމީހުންނަކީ އެޗްޑީސީގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުން ކަމަށެވެ.
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ރާއްޖޭގެ އެކި މުއައްސަސާތަކުގެ ނަމުގައި މަކަރާ ހީލަތުން ފައިސާ ހޯދުމަށް ބޭނުންކުރާ ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
މިކަމުގެ ކަންބޮޑުވުމާއި އާންމުން މިކަމަށް ސަމާލުވުމަށް ފުލުހުންގެ މުއައްސަސާއިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ، އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު އެ މުއައްސަސާއަށް ލިބިފައިވާ ކަމަށާއި މި މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ. އަދި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ކްލިކް ނުކުރުމަށް އެދިފައިވެއެވެ.
ފުލުހުން ބުނީ އެފަދަ މައްސަލަތައް އެ އިދާރާގެ އޮންލައިން ކްރިމް ރިޕޯޓިންގ ޕޯޓަލަށް ނުވަތަ ހޮޓްލައިން ނަންބަރު 3322111 ގުޅައިގެން ރިޕޯޓް ކުރުމަށެވެ.
އޮޅުވާލައިގެން ފައިސާ ހޯދުމަށް މި ހިންގާ ސްކޭމްގެ ދަށުން، ފެނަކަ އާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)ގެ ނަމުގައި އަދި މިނޫން އެހެން މުއައްސަސާތަކުގެ ނަމުގައިވެސް ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާކަން ފުލުހުންނަށް މީގެ ކުރިންވެސް ފާހަގަކުރެވިފައިވެއެވެ.
ފުލުހުން ބުނީ އެކި ފަރާތްތަކުން އެކި ނަން ނަމުގައި ގުޅައިގެން އެމީހެއްގެ ޒާތީ މަޢުލޫމާތާއި އީމެއިލް އާއި ކޭޝް ކާޑުގެ މަޢޫލޫމާތާއި އެނޫންވެސް މުހިންމު މަޢުލޫމާތު ހޯދަން ގުޅިކަމުގައިވީނަމަވެސް އެފަދަ މަޢުލޫމާތު ހިއްސާ ނުކުރުމަކީ މިފަދަ މައްސަލަތައް މަދުކުރަން އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ. އަދި ކާކުކަން ކަށަވަރުނުވާ އަދި ފޯނަށް އަންނަ މެސެޖެއްގައިވާ ލިންކުތަކަށް ނުފިއްތުމަކީވެސް މިފަދަ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ.
ބޭންކާއި، އެޗްޑީސީ އާއި އެނޫންވެސް ތަނަކުން އެމީހެއްގެ ޒާތީ މަޢުލޫމާތު ނުވަތަ އައިޑީ ކާޑު ނަންބަރާއި އޯޓީޕީ ފަދަ މަޢުލޫމާތު ހޯދުމަށް ނުގުޅާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ.
ހަމައެއާއެކު ބޭނުންކުރާ އީމެއިލް އަކީ ބޭންކިންގ ފަދަ ޚިދުމަތްތަކުގައި އާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ އީމެއިލް އެއްނަމަ ސެކިއުރިޓީ ގޮތުން ވަރުގަދަކުރުމާއި ފޯނަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ