الله سُبْحَانَهُ وَتَعَالَى، ކޮންމެ ނަބިއްޔަކަށްމެ އެ ބޭކަލަކަށް ތަބަޢަވާނޭ ޞަޙާބީން ލެއްވެވިއެވެ. އެ ގޮތުން އެކަލާނގެ މި އުންމަތަށް ކައުކުރެއްވި ނަބިއްޔާ مُحَمَّدٌ zގެ އަޞްޙާބުންވެފައި ވަނީ އުންމަތް ދެކެފައިވާ ރަންމުތްތަކެއްކަމުގައެވެ. އަދި އޭގެ ތެރެއިން ވެސް ދިހަ ބޭކަލަކު ޚާއްޞަކުރައްވައި އެ ބޭކަލުންނަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ.
އަލްޚުލަފާއުއްރާޝިދޫންއަކީ، މާތް ނަބިއްޔާގެ ޚަލީފާކަން ކުރެއްވި ހަތަރު އަޞްޙާބުބޭކަލުންކަމުގައިވާ أَبُوْ بَكْر (رَضِيَ اللّٰهُ عَنْهُ) އާއި، عُمَرُ (رَضِيَ اللّٰهُ عَنْهُ) އާއި، عُثْمَانُ (رَضِيَ اللّٰهُ عَنْهُ) އާއި عَلِي (رَضِيَ اللّٰهُ عَنْهُ) މި ހަތަރު ބޭކަލުންނެވެ. މި ބޭކަލުންނަކީ ނަބިއްޔާ مُحَمَّدٌ z، އެބޭކަލުންނަށް ތަބާވުމަށް އިރުޝާދުދެއްވައިފައިވާ ބޭކަލުންނެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْـخُلَفَاءِ الرَّاشِدِيْنَ الْمَهْدِيِّيْنَ)([1]) މާނައީ: "ފަހެ، ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިމަން ނަބިއްޔާގެ ސުންނަތުގައި ހިފުމެވެ. އަދި ތެދުމަގު ލިބިގެންވާ އަލްޚުލަފާއުއްރާޝިދޫންގެ ސުންނަތުގައި ހިފުމެވެ." މި ބޭބޭކަލުންގެ ސުންނަތުގައި ހިފުމަށްޓަކައި އެ ބޭކަލުންގެ ޙަޔާތްޕުޅަށް ނަޒަރު ހިންގައި، އެއިން ލިބޭ ފިލާވަޅުތަކުގެ އަލީގައި އަހަރެމެންގެ ދިރިއުޅުން ބިނާކުރުން ވަރަށް މުހިންމެވެ.
މުސްލިމުންގެ އެންމެ ފުރަތަމަ ޚަލީފާއަކީ أَبُوْ بَكْر (رَضِيَ اللّٰهُ عَنْهُ) އެވެ. އެކަލޭގެފާނު ވެވަޑައިގެންފައިވަނީ އީމާންކަމާއި ހެޔޮ ޢަމަލުގައި ނަމޫނާ ބޭކަލެއްކަމުގައެވެ. އެއް ދުވަހަކު މާތް ނަބިއްޔާ z ޞަޙާބީންގެ މަޖިލީހެއްގައި އިންނަވައި، އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. "މިއަދު ރޯދައަށް ހުންނެވީ ކޮން ބޭކަލެއްހެއްޔެވެ؟ އަބޫބަކުރުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނެވެ. ދެން ސުވާލުކުރެއްވިއެވެ. މިއަދު ޖަނާޒާއެއްގައި ބައިވެރިވެވަޑައިގަތީ ކޮންބޭކަލެއް ހެއްޔެވެ؟ އަބޫބަކުރުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނެވެ. ދެން ސުވާލުކުރެއްވިއެވެ. މިއަދު މިސްކީނަކަށް ކާންދެއްވީ ކޮންބޭކަލެއްހެއްޔެވެ؟ އަބޫބަކުރުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނެވެ. ދެން ސުވާލުކުރެއްވިއެވެ. މިއަދު ބަލިމީހަކަށް ޒިޔާރަތްކުރެއްވީ ކޮން ބޭކަލެއްހެއްޔެވެ؟ އަބޫބަކުރުގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނެވެ. އެ ހިނދު ކީރިތި ރަސޫލާ z ޙަދީޘްކުރެއްވިއެވެ. އެ މީހެއްގެ ކިބައިގައި މި ކަންކަން ފުރިހަމަވެއްޖެ މީހަކު ސުވަރުގެ ވަދެއްޖެއެވެ."([2])
އަބޫބަކުރުގެފާނަކީ، ހެޔޮ ޢަމަލުކުރެއްވުމަށް ނުހަނު ލޯބިކުރައްވާ ބޭކަލެއްކަން މި ޙަދީޘުން އެނގެއެވެ. ހެޔޮ ކޮންމެ ކަމެއް ކުރެއްވުމުގައި އެކަލޭގެފާނު ކުރި ހޯއްދަވައެވެ. މާތް ނަބިއްޔާގެ އިސްރާއާއި މިޢުރާޖުގެ ޙާދިޘާގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގަތުމުން ވިދާޅުވި ބަސްފުޅުން އެ ކަން ދޭހަވެއެވެ. ބާރަށް ދުވާ އަހުގައި އެތައް ދުވަހަކުން ކުރެވޭ ދަތުރެއް މާތް ނަބިއްޔާ z ކުޑަ ހިނދުކޮޅެއްގެ ތެރޭ ނިންމަވައިލައްވައި، ހަމަ އެ ދަތުރުފުޅުގައި އުޑުތަކަށް އަރައިވަޑައިގަތް ޚަބަރު ޤަބޫލުކުރައްވަން ބައެއް ޞަޙާބީންނަށް ވެސް ދަތިފުޅުވިއެވެ. އެހެނަސް މައްކާގެ މުޝްރިކުން މަލާމާތުގެ ރާގެއްގައި އަބޫބަކުރުގެފާނު އަރިހުގައި، ކަލޭގެފާނުގެ އެކުވެރިޔާ، مُحَمَّدٌ z، މި ފަދައިން އެބަ ޙަދީޘްކުރައްވައޭ، ކަލޭގެފާނު އެ ވާހަކަ ތެދުކުރައްވަންތޯއޭ ދެންނެވުމުން، އެކަލޭގެފާނުގެ ޖަވާބަކަށް ވީ ސިޔަރަތުގައި ރަން އަކުރުން ލިޔެވިފައިވާ އަންނަނިވި ބަސްފުޅެކެވެ. (نَعَمْ، إِنِّيْ لَأُصَدِّقُهُ فِيْمَا هُوَ أَبْعَدُ مِنْ ذَلِكَ؛ أُصَدِّقُهُ بِـخَبَرِ السَّمَاءِ فِيْ غَدْوَةٍ أَوْ رَوْحَةٍ)([3]) މާނައީ: "އާނއެކެވެ. އަހުރެން އެ ވާހަކަ ތެދުކުރަމެވެ. އަހުރެން މިހުރީ ތިޔަށް ވުރެ މާ ބޮޑެތި ކަންތައްތައް އެކަލޭގެފާނާ ބެހޭ ގޮތުން ތެދުކޮށްގެންނެވެ. އެހެނީ ހެނދުނާއި ހަވީރު އެކަލޭގެފާނުގެ އަރިހަށް އުޑުގެ ޚަބަރުތައް (އެބަހީ ވަޙީ) އަންނަކަން އަހުރެން މި ހުރީ ތެދުކޮށްގެންނެވެ." މިއާ އެކު، އެކަލޭގެފާނަށް އައްޞިއްދީޤުގެ ލަޤަބު އެރުވުނެވެ.
އިސްލާމްދީނާ މެދު ޝައްކާއި ވަހުމުތައް އުފައްދައި ފަތުރަމުންދާ މިޒަމާނުގައި އަހަރެމެން ވެސް އަބޫބަކުރުގެފާނު ދެއްކެވި ފަދަ ސާބިތުކަމެއް ދައްކާން ޖެހޭނެއެވެ. މީހަކު، އެ މީހެއްގެ ކޮށި ވިސްނުން ޙުއްޖަތަކަށް ހަދައި، މުސްލިމުންގެ ސިކުނޑި ދޮވެލުމަށްޓަކައި ދައްކާ ވާހަކައަކުން، ޤުރްއާނާއި ސުންނަތުން ސާބިތުވާ، އިސްލާމް ދީނުގެ އަސާސަކާ މެދު ޝައްކު އުފައްދައިގެން ނުވާނެއެވެ.
އަލްޚުލަފާއުއްރާޝިދޫންގެ ތެރެއިން ދެވަނަ ޚަލީފާއަކީ عُمَرُ بْنُ الْخَطَّابُ (رَضِيَ اللّٰهُ عَنْهُ)އެވެ. އެކަލޭގެފާނަކީ، އިސްލާމްވެވަޑައިގަތުމުގެ ކުރީގައި މައްކާގެ މުޝްރިކުންގެ ތެރެއިން ނަބިއްޔާ zގެ މައްޗަށް އެންމެ ޢަދާވާތްތެރި އެއް ބޭކަލެކެވެ. އުރައިން ކަނޑި ދަންމަވައިގަނެ، ﷲގެ ނަބިއްޔާ z ޤަތުލުކުރުމަށް އެކަލޭގެފާނު ވަޑައިގަތެވެ. ނަމަވެސް، ﷲ تَعَالَى އެކަލޭފާނަށް ހިދާޔަތް ދެއްކެވުމާ އެކު، ދީނުގެ ދިފާޢުގައި ވަގުތުން މަސައްކަތް ފެށްޓެވިއެވެ. އަދި ގުނައި އަދަދު ނުކުރެވޭހައި ގިނަގުނަ ޚިދުމަތްތަކެއް އިސްލާމްދީނަށް ކުރައްވައި ގިނަގުނަ ނަޞްރުތަކެއް ހޯއްދަވައިދެއްވިއެވެ. އެކަލޭގެފާނު ވެވަޑައިގަތީ ސިޔާސީ ދާއިރާއާއި ދައުލަތް ހިނގުމުގެ ގޮތުން ވެސް މުޅި އިސްލާމީ ދައުލަތަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވައި، އިސްލާމީ ފުތޫޙާތު ފުޅާކުރެއްވި ވަރުގަދަ ލީޑަރަކަށެވެ. ޝައިޠާނާ ވެސް ޢުމަރުގެފާނު ހިންގަވާ މަގަކުން ހިނގާން ޖެހިއްޖެ ނަމަ، މަގު ބަދަލުކުރާކަމުގައި މާތް ނަބިއްޔާ ޙަދީޘްކުރައްވައިފައި ވެއެވެ.([4])
عُمَرُ بْنُ الْخَطَّابُ (رَضِيَ اللّٰهُ عَنْهُ)ގެ ޙަޔާތްޕުޅުން އަހަރެމެންނަށް ލިބޭ އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާއަކީ މާޒީގައި ކުށްތަކަށް އަރައިގަތުމާއި، ފާފަކުރުން ގިނަ، ދީނީ ކަންކަމަށް ފަރުވާކުޑަ މީހެއްކަމުގައި ވިޔަސް، އިސްލާޙުވެ، ދީނަށާއި، އުންމަތަށް ޚިދުމަތްކުރުމަކީ ހުޅުވިފައިވާ ދޮރެއްކަމެވެ. އަދި އެހައި ފަސޭހައިން މީސްތަކުންނާ މެދު އުންމީދު ކަނޑައިލައިގެން ނުވާނެކަމެވެ. ދީނާ ދުރު ވިސްނުންތައް ގެންގުޅޭ މީސްތަކުންނާ މެދު ވެސް އަހަރެމެންގެ ޒިންމާއަކީ، ހެޔޮ ގޮތުގައި ވާހަކަދައްކައި، ނަސޭހަތް ދީ، ޝަރުޢީ ދަލީލުތަކުންނާއި ބުއްދީގެ ދަލީލުތަކުން ޙުއްޖަތް ދައްކައި، ހެޔޮ މަގު ދައްކައިދީ، ﷲއާ ވަކީލުކުރުމެވެ. އެހެނީ ހިދާޔަތުގެ މަގަށް ތައުފީޤު ދެއްވަނީ ﷲ سُبْحَانَهُ تَعَالَىއެވެ. ހަމަ އެހެންމެ، ތިބާއަށް ފާފަކުރެވުމަކީ، އިސްލާޙުގެ މަގާ މެދު ތިބާ މާޔޫސްވާން ވީ ސަބަބެއް ނޫނެވެ. ކިތަންމެ ބޮޑެތި އަދި ކިތަންމެ ބައިވަރު ފާފަތަކެއް ކުރެވިފައިވީ ނަމަވެސް އިސްލާޙުވާން ބޭނުންވާ މީހަކަށް މަގު ފަހިވެފައިވާކަން މާތް ﷲ ވަނީ އަންގަވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفسތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللهގެ رحمةން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، الله އީ، އެންމެހައި ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ."
މުސްލިމުންގެ ތިންވަނަ ޚަލީފާ، عُثْمَانُ (رَضِيَ اللّٰهُ عَنْهُ) ފާހަގަކުރެވެނީ އަޚްލާޤީ ރިވެތި ސިފަތައް ލިބިވަޑައިގެންވާ ލަދުވެތި ބޭކަލެއްގެ ގޮތުގައެވެ. މަލާއިކަތުން ވެސް އެކަލޭގެފާނު ދެކެ ލަދުވެތިވެވަޑައިގަންނަވާކަމުގައި ރަސޫލު ﷲ z ހަދީޘްކުރައްވައިފައި ވެއެވެ.([5]) އިސްލާމީ އަޚުލާޤިއްޔާތުގެ މި ރިވެތި ސިފަތަކާ އެކު، އެކަލޭގެފާނަކީ ނަބިއްޔާގެ ދެ ދަރިކަނބަލަކާ ކައިވެނި ބައްލަވައިގަތުމުގެ ޝަރަފު ލިބިވަޑައިގަތް ހަމައެކަނި ޞަޙާބީއެވެ. އެހެންކަމުން އެކަލޭގެފާނަށް ޛުއްނޫރައިން ނުވަތަ ދެނޫރުގެ ވެރިޔާގެ ލަޤަބު ލިބިވަޑައިގަތެވެ.
عُثْمَانُ (رَضِيَ اللّٰهُ عَنْهُ) އަކީ ތަނަވަސް އަދި މީސްތަކުންނަށް ނުހަނު ދީލަތި ބޭކަލެކެވެ. މަދީނާއަށް ބޮޑު ތަދުމަޑުކަމެއް ކުރިމަތިވީ ދުވަސްވަރެއްގައި، ޢުޘްމާނުގެފާނުގެ މުދާ ޤާފިލާއެއް މަދީނާއަށް އައެވެ. އެހިނދު މަދީނާގެ ވިޔަފާރިވެރީން އެ މުދާތައް ގަތުމަށް عُثْمَانُ (رَضِيَ اللّٰهُ عَنْهُ) އަރިހަށް އައުމުން ކަން ހިނގި ގޮތް اِبْنُ عَبَّاس (رَضِيَ اللهُ عَنْهُمَا) ގެ އަރިހުން ރިވާވެފައިވާ ޙާދިޘާއިން އެނގެއެވެ.([6]) އެ ޙާދިޘާގައި މުދާތަކަށް އަގެއް ކިޔާން عُثْمَانُ (رَضِيَ اللّٰهُ عَنْهُ) އެދިވަޑައިގަތުމުން ވިޔަފާރިވެރީން ބޮޑެތި އަގުތައް ކިޔެވެ. އެއާ އެކު عُثْمَانُ (رَضِيَ اللّٰهُ عَنْهُ) ގެ ޖަވާބަކަށް ވީ، "ތިއަށްވުރެން ބޮޑު ފައިދާއެއް ތިމަންކަލޭގެފާނަށް ލިބިވަޑައިގަންނަވާން އެބައޮތެވެ." ތަކުރާރުކޮށް އެތައް ފަހަރަކު ގަންނަ އަގު ބޮޑުކޮށް ކިޔުމުން ވެސް ޢުޘްމާނުގެފާނު ދެއްވީ ހަމަ އެ ޖަވާބެވެ. އެހިނދު މަދީނާގެ ވިޔަފާރިވެރީން އެކަލޭގެފާނަށް ދެންނެވިއެވެ. "ތިމަންމެން ނޫން ވިޔަފާރިވެރިޔަކު މަދީނާގައެއް ނޫޅެއެވެ. އަދި ތިމަންމެންނަށް ވުރެ ކުރިން ކަލޭގެފާނުގެ އަރިހަކަށް އެހެން ވިޔަފާރިވެރިޔަކު އައިސްފައެއް ވެސް ނުވެއެވެ. ކަލޭގެފާނަށް މިއަށް ވުރެ ބޮޑު އަގެއް ހުށަހަޅަނީ ފަހެ ކާކުތޯވެ؟" عُثْمَانُ (رَضِيَ اللّٰهُ عَنْهُ) ވިދާޅުވިއެވެ. "ހަމަކަށަވަރުން މާތް اللهُ عَزَّ وَجَلَّ ތިމަންކަލޭގެފާނަށް ކޮންމެ ދިރުހަމަކަށް ދިހަ ދިރުހަމު ދެއްވައެވެ. ތިޔަބައިމީހުންނަށް އެއަށްވުރެ ބޮޑު އަގެއް ދެވޭނެހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "ﷲ ގަންދީ ދަންނަވަމެވެ. ނޫނެކެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "ފަހެ ހަމަކަށަވަރުން ﷲ ހެކިކޮށް، މުސްލިމުންގެ ފަޤީރުންނާއި މިސްކީނުންނަށް ޞަދަޤާތުގެ ގޮތުގައި، މި މުދާ ޤާފިލާ ތިމަންކަލޭގެފާނު ދެއްވައިފީމެވެ."
އަހަރެމެންނަކީ ވެސް عُثْمَانُ (رَضِيَ اللّٰهُ عَنْهُ) ފަދައިން، އަޚްލާޤީ ރިވެތި ސިފަތައް އަށަގެންފައިވާ، މުޖުތަމަޢަށް މަންފާކުރަނިވި ބަޔަކަށް ވުމަކީ މުހިންމުކަމެކެވެ. މި ކަން ޙާޞިލުކުރުމަށް ޓަކައި، ދިރިއުޅުމުގައި އަޚްލާޤީ ގޮތުން ހިފަހައްޓާނެ އިސްލާމީ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ އުޞޫލުތަކެއް ކަނޑައަޅާށެވެ! އަދި އެ އުޞޫލުތަކުގައި ވަރުގަދައަށް ހިފަހައްޓާށެވެ! ތިމާއަކީ ތަނަވަސްކަމުގެ އަހުލުވެރިއެއް ނަމަ، ޒަކާތް ނެރެ، ނިކަމެތީންނަށް އެހީވެ، މީހުން ބިނާކުރުން ފަދަ މުޖުތަމަޢަށް ފައިދާ ކުރަނިވި ކަންކަމަށް ހޭދަކުރާށެވެ!
އަލްޚުލަފާއުއްރާޝިދޫންގެ އެންމެ ފަހު ބޭކަލަކީ، عَلِي (رَضِيَ اللّٰهُ عَنْهُ)އެވެ. އެކަލޭގެފާނަކީ ހިތްވަރުގަދަކަމުގެ ރަމްޒެކެވެ. ހަނގުރާމައިގެ މައިދާނުގައްޔާއި، ޚަލީފާކަމުގައި ބޮޑެތި ފިތުނަތަކެއްގެ ތެރޭގައި އެކަލޭގެފާނު ދެއްކެވި ޤިޔާދަތާއި، ހިތްވަރަކީ ތާރީޚު ހެކިދޭ ކަންކަމެވެ. ހަމަ އެހެންމެ، މާތް ނަބިއްޔާ z މަދީނާއަށް ހިޖުރަކުރެއްވުމަށް މައްކާއިން ނުކުމެވަޑައިގަތް ރޭގައި، މައްކާގެ މުޝްރިކުން ތިބީ އެކަލޭގެފާނުގެ ގެކޮޅުން ނުކުމެވަޑައިގަތުމާ އެކު، އެކަލޭގެފާނު އަވަހާރަކޮށްލާން ތައްޔާރަށެވެ. އެ ޚުޠޫރަތްތެރި ވަގުތުގައި ވެސް މުޝްރިކުންނަށް އޮޅުވައިލެއްވުމަށް ނަބިއްޔާގެ ދާންމަތިކޮޅުގައި އޮންނެވީ ޢަލީގެފާނެވެ. އިސްލާމްދީނާއި، ރަސޫލުﷲ zގެ ދިފާޢުގައި އެކަލޭގެފާނުގެ ޖާނު ޤުރުބާން ކޮށްލައްވާން ވެސް ތައްޔާރަށް ހުންނެވިކަން މި ހިތްވަރުގަދަ ޢަމަލުފުޅުން އެނގެއެވެ. އެހެންކަމުން އަހަރެމެންނަކީ ވެސް ދީނުގެ ދިފާޢުގައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހެއެވެ. ޒަމާނާއެކު އަންނަ ގޮންޖެހުންތަކާ، ކެރިގެން ކުރިމަތިލާ ބަޔަކަށް ވާންޖެހެއެވެ. ކަޅު ފޮއި ރެއެއްގެ އަނދިރިކަން ފަދަ ފިތުނަވެރި ދުނިޔެއެއްގައި އަހަރެމެން ދިރިއުޅެމުންދާ އިރު، ޙައްޤު މަގުގައި ކެރިގެން ފައިތިލަ ސާބިތު ކުރާންޖެހެއެވެ.
ތިޔަބައިމީހުން، ލޮބުވެތި ރަސޫލާ z އަށް ޞަލަވާތް ކިޔަވާށެވެ! މާތް ﷲ ވަނީ އެކަމަށް އަމުރުކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ހަމަކަށަވަރުން، اللهއާއި، އެކަލާނގެ مَلَائِكَةُން ނަބިއްޔާގެ މައްޗަށް صَلَوَات ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صَلَوَاتލެއްވުން އެދި دُعَاءކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سَلَامْލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دُعَاء ކުރާށެވެ!"
ޚުޠުބާ: މުސްލިމުންގެ މައްޗަށް އޮތީ ރަސޫލް ޞޢޥ އާއި ތެދުމަގު ލިބިގެންވާ އަލްޚުލަފާއުއްރާޝިދޫންގެ ސުންނަތުގައި ހިފުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ