އަންދަލުސްގެ ބާޒު - 15

(22 ނޮވެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ދެ ދުވަހުވެސް އޭނާ ހިނގައިލާން ދިޔައީ އެންޖެލާއާ އެކުގައެވެ. ކޮންމެ ދުވަހަކުވެސް ވަރަށް ހެނދުނާ ބަޝީރް ޙަސަން ބޭރަށް ވަޑައިގަނެއެވެ. ދެވަނަ ދުވަހުވެސް އެނބުރި ވަޑައިގަތް މަގުމަތީގައި ބައްދަލުވިއެވެ. އެންޖެލާ އަހައިލިއެވެ. [ބައްލަވައިލައްވާށެވެ. މިހާރު ދައްތަ އެ ހިނގަނީ ކޮރެއް ނުޖަހައެވެ.]
ބަޝީރު ވިދާޅުވިއެވެ. [ހިނގައި އުޅެން ފެށީމާ އިސާހިތަކު މުޅީން ރަނގަޅު ވެދާނެއެވެ.]
އެންޖެލާ ބުންޏެވެ. [ހޮނިހިރު ދުވަހު ފުރަން ޖެހޭ ވާހަކަ ބައްޕަ އޮތީ ބުނުއްވައިފައެވެ.]
[އެއީ ތެދުފުޅެކެވެ. ތިޔަ ބޭފުޅުންގެ ދަތުރުފުޅަށްޓަކައި ގްރަނާދާއިން އައު ގާޑިޔަލެއް ގެނެވިއްޖެއެވެ.]
[މި ކަހަލަ ވީރާނާ ތަނެއްގައި އުޅުއްވާއިރު ކަންބޮޑުވެވަޑައެއް ނުގަނޭތޯއެވެ؟] އެންމެ ފަހުން ހިތްވަރު ކޮށްފައި އެންޖެލާ އަހައިފިއެވެ.
[ބޮޑެތި ސަހަރުތަކުގެ މީސްތަކުންގެ ތޫފާން އަޅުގަނޑަކަށް ކަމަކު ނުދެއެވެ.]
[ވަރަށް ފަތިހު ބޭރަށް ވަޑައިގަންނަވަމެއް ނޫންތޯއެވެ؟]
[އަޅުގަނޑަކީ ފަތިހު ތެދުވާން އާދަވެފައި ހުރި މީހަކީމެވެ.]
މިހެން ވިދާޅުވެފައި ބަޝީރް ޙަސަން ކުރިއަށް ވަޑައިގެންފިއެވެ. އެންޖެލާ އެނބުރި ބަޝީރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.
ރަބީޢާ ބުންޏެވެ. [ހިނގާށެވެ.]
އެންޖެލާ ސިހިފައި އޭނާގެ ދައްތަޔާ ދިމާއަށް ބަލައިލިއެވެ. އަދި ކުޑަކޮށް ހިތާމަވެރިކަން އެކުލެވޭ ރާގަކަށް އަހައިލިއެވެ.[ދައްތާއެވެ. އެއީ ހިތްގައިމު މީހެއް ނޫން ހެއްޔެވެ؟]
ރަބީޢާ ބުންޏެވެ. [ކޮއްކޮގެ ޚިޔާލު ހުރި ގޮތަށް އޭނާގެ ޚިޔާލުވެސް ހުރިއްޔާ ދައްތަ ވަރަށް ދެރަވާނެއެވެ. ކޮއްކޮގެ ދިރިއުޅުމާއި މަގު، އޭނާގެ ދިރިއުޅުމާއި މަގާ ވަރަށް ތަފާތެވެ. ދެމީހުންގެ އަތުގެ ނާރުތައް އެކަކު އަނެކަކާ ނުގުޅެއެވެ.]
އެންޖެލާ އޭނާގެ ކަންބޮޑުވުން ފޮރުވަން ވެގެން ހީނގަތެވެ. [ދައްތާއެވެ. ދައްތަ ހީކުރަނީ ދައްތަގެ ދީނުގެ ޑަކްޓަރަކު ދެކެ އަހަރެން ލޯބިވީ ކަމަށް ހެއްޔެވެ؟]
[ނޫނެކެވެ. ލޯތްބަކީ ކޮއްކޮއަކަށް ވެވޭނޭ އެއްޗެއް ނޫނެވެ. އެ މުގައްދަސް ޖަޒުބާތާ ކޮއްކޮއާ އެއްވެސް ގުޅުމެއް ނެތްކަން ދައްތައަށް އެނގެއެވެ. އެކަމަކު ކަށި ފުންޏެއްގެ ތެރެއަށް ވަދެ ތާށިވުމުގެ ފައިދާއެއް ނެތެވެ. ބައެއް ކަށްޓަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. ކަށިތަކުގެ ތެރެއަށް ވަންނަ މީހާގެ ފަސްބައި ވީދި ކުދިކުދި ވާއިރުވެސް ކަށްޓަކަށް އެކަމެއް ނޭނގެއެވެ.]
[ދައްތަގެ ވިސްނުން މުޅިއަކުން ރަނގަޅެއް ނޫނެވެ. ލޯބީގެ ޖަޒުބާތަކީ އަހަންނަކަށްވެސް ބީރައްޓެހި އެއްޗެއް ނޫނެވެ. އަހަރެންގެ ހިތުގެ ވެރިއަކަށް ވާ މީހަކަށްޓަކައި އަހަރެންގެ ހުރިހައި އެއްޗެއް ގުރުބާން ކޮށްލާނަމެވެ. އެކަމަކު އެ މީހަކީ އަހަރެންގެ ދީން ނޫން ދީނެއްގެ މީހަކަށް ވެގެން ނުވާނެއެވެ. އަދި އެއީ ބޮޑެތި ސަހަރުތައް ދެކެ ފޫހިވާ މީހަކަށްވެސް ވެގެން ނުވާނެއެވެ. އަހަންނަކީ ގަނޑުފެނުގެ ފަރުބަދައަކުން އަލިފާން ކަންޏެއް ފެނިދާނޭ ކަމަށް ބަލާވަރުގެ މޮޔައަކީމެއް ނޫނެވެ. އަހަރެންގެ ހިތުގައި ބަޝީރްގެ މައްޗަށް އެއްވެސް ކަހަލަ ކުލުނެއް އިތިއްޔާ އެއީ ދައްތައަށް ބޭސްކުރާތީ އޮތް ކުލުނެކެވެ. ދައްތައަށް ކަމުނުދާ ކަމަށް ވަންޏާ އަހަރެން މީގެ ފަހުން އޭނާއާ ދިމާއަށް އިސް އުފުލައި ބަލައިވެސް ނުލާނަމެވެ. މީގެ ފަހުން ދައްތަޔާއެކީ ހިނގާކަށްވެސް ނާންނާނަމެވެ.]
ރަބީޢާ ބުންޏެވެ. [ނޫނެކެވެ. އެއީ އަހަރެން ކޮށްލީ ސަމާސައެކެވެ.]
(3)
ރަބީޢާގެ ކަންބޮޑުވުން ދުވަހަށްވުރެ ދުވަހެއް ދިޔައީ ބޮޑުވަމުންނެވެ. ހުކުރު ދުވަސް ޖެހެން އެންމެ ދެ ދުވަހަށް ވެއްޖެއެވެ. ރަބީޢާ ފަތިސް ނަމާދުން ފޭބިއިރު އެންޖެލާ އިނީ ހިނގާން ދާން ތައްޔާރު ވެގެންނެވެ. ފަތިހު ތިމަންވެސް ދާނަމޭ މާރިޔާ ކޮންމެ ރެޔަކު ނިދުމުގެ ކުރީން ބުނެއެވެ. އެކަމަކު ފަތިހު ގޮވީމާ ބޮލުގައި ރިއްސަނީއޭ ކިޔައި ބަހަނާއެއް ދެއްކުމަށް ފަހު ނުތެދުވެ އޮވެދެއެވެ. އެކަމަކު މާ ދުރަށް ނުދައްޗޭ، މިއީ ވަރަށް ނުރައްކާތެރި ބައެކޭ ކިޔައިގެން އެންޖެލާއަށް ނަސޭހަތް ދެއެވެ.
މިއަދުވެސް ރަބީޢާއާއި އެންޖެލާއާ ދެ ކުދިން ވެގެން މަންމައަށް ގޮވިއެވެ. އެކަމަކު އޭނާ ތެދުވާ ފިކުރެއް ނުކުރިއެވެ. އެކަމާ އެންޖެލާ އުފާވެސް ކުރިއެވެ. [ދައްތާއެވެ. ހިނގާށެވެ. ދެ މީހުން ގޮސް ވާދީ ހުރަސްކޮށްފައި މިއަދު ފަރުބަދަ މައްޗަށް އަރަން ވާނެއެވެ.]
އެ ފަރުބަދައަކީ ފަތިހު އާއްމު ގޮތެއްގައި ބަޝީރު ވަޑައިގެން އުޅުއްވާ ފަރުބަދައެވެ. ވާދީގެ ބޯ ގަސްތަކުގެ ތެރެއިން ލައިފައި ގޮސް ނުކުމެވެނީ ކޯރެއްގެ އައްސޭރިއަކަށެވެ. ފަރުބަދަ މައްޗަށް އެރެނީ އެ ކޯރު ހުރަސްކޮށްފައެވެ. ރަބީޢާއާއި އެންޖެލާއަށް އެ ހިސާބަށް ދެވުނީ ލައްކަ މަސައްކަތުންނެވެ. ފަރުބަދަ މައްޗަށް ދެބައިކުޅަ އެއްބަޔަށް އެރުމަށް ފަހު ރަބީޢާ ބުންޏެވެ.[އަހަންނަކަށް ދެނެއް ނޭރޭނެއެވެ. މާ ބޮޑަށް ވަރުބަލި ވެއްޖެއެވެ. ކުރިއަށް އަރާ ހިތުން އުޅެނީ ކޮއްކޮއެވެ. އަރާށެވެ. ދައްތަ މިތާގައި މަޑުކޮށްގެން އިންނާނަމެވެ.]
[އެންމެ ރަނގަޅެވެ. ފަރުބަދައިގެ ކުރިއަށް އަރައިފައި ވަރަށް އަވަހަށް އެބަ އަންނަމެވެ.] އެންޖެލާ މަޑުމަޑުން ފައުބަދައަށް އަރާން ފަށައިފިއެވެ. އޭރަކު ބަޝީރެއް ނުފެނެއެވެ. އެކަމަކު އޭނާ އުއްމީދުކޮށްގެން ހުރީ ފަރުބަދައިގެ ކޮންމެވެސް ހިސާބަކުން ބަޝީރު ފެންނާނޭ ކަމަށެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ވިންދު ދިޔައީ އަވަސް ވަމުންނެވެ.
ރަބީޢާ އިނީ ހިލަގަނޑެއްގެ މަތީގައި އިށީނދެގެންނެވެ. އެންޖެލާ އަރަމުން ގޮސް ގެއްލުނީމާ އޭނާ ތިރީގައި އޮތް ވާދީގެ ރީތި މަންޒަރުތަކަށް ބަލާން ފަށައިފިއެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ވައަތް ފަރާތުން އަންނަ އަސްވާރެކެވެ. އސް ދުވެފައި އައީ މީހެއްގެ ހަރަކާތަކާ ލައިގެންނެއް ނޫނެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން ދުވެފައި އަންނަނީއެވެ. އަސްމަތީގައި އިން މީހަކު ބާރަށް އަރަބި ބަހުން ލަވައެއް ކިޔަމުން ގެނެދެއެވެ. އަސްވާރުގެ ހުދު ހެދުން ފެނިފައި ރަބީޢާގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ. ހިނދުކޮޅަކު ވިސްނައިލުމަށް ފަހު އޭނާ ވާދީއާ ދިމާއަށް ހިނގައިގެންފިއެވެ. އެ އަސްވާރު ކޯރުގެ އައްސޭރިއާ ހަމައަށް ހިނގައްޖެ ނަމަ ހުއްޓުވަން އުނދަގޫވާނެކަން ރަބީޢާއަށް އެނގެއެވެ. އެހެންވީމާ ތަންކޮޅަކަށް ހިނގުމަށް ފަހު އޭނާ ބާރަށް ދުއްވައިގެންފިއެވެ. ކޯރުގެ އައްސޭިއަށް ދެވުނީމާ ގަހެއްގެ ހިޔަލުގައި މަޑުކޮށްލައިފިއެވެ. އަސްވާރުގެ އަޑު އަންނަނީ ކައިރި ވަމުންނެވެ. އެޔާއެކު ރަބީޢާގެ ހިތުގެ ތެޅުންވެސް ދިޔައީ ބާރު ވަމުންނެވެ.
އަސްވާރު ވަރަށް ކައިރިއަށް އައީމާ ރަބީޢާ ބޭނުންވީ ގަހުގެ ހިޔަލުން ނުކުމެ ކުރިމަތީގައި ހުއްޓިގެން ހުންނާށެވެ. އެކަމަކު އެހެން ހަދާކަށް ނުކެރުނެވެ. ލަދާއި ޖެހިލުންވުމުގެ ސަބަބުން ވަގުތުން އެއްވެސް ގޮތެއް ނިންމާކަށް އޭނާއަކަށް ނޭނގުނެވެ. އަސްވާރު ފަސްދީ ތަންކޮޅަކަށް ދިޔައީމާ އަތުން ބީވެގެން ހިނގައިދާނޭ ކަމުގެ ބިރު ހީވާގޮތް ވެއްޖެއެވެ. އެ ވަގުތު އޭނާގެ ހިތް ބުނަމުން ދިޔައެވެ. [މި ކަހަލަ ފަހި ދަނޑިވަޅެއް ދެނެއް ނާންނާނެއެވެ. ހުކުރު ދުވަސް އަންނާން އޮތީ އެންމެ ދެ ދުވަހެވެ.
[މަޑުކުރައްވާށެވެ.] އޭނާ ގަހުގެ ހިޔަލުން ނުކުމެ ހިނގައިގަންނަމުން ގޮވައިލިއެވެ.
ގެންފައި ހުރި ލަދެއްގެ ސަބަބުން އޭނާއަށް ގޮވައިލެވުނީ އެހައި ބާރަކަށް ނޫނެވެ. އެހެންވީމާ ބަދްރު ބިން މުޣީރާއަކަށް އެ އަޑެއް އިވިވަޑައެއް ނުގަތެވެ. އޭރު ބަދްރު ދެތިން ގަޒެއްގެ ދުރަށް ވަޑައިގެންފިއެވެ. މީގެ ކުޑައިރުކޮޅެއް ކުރީން އޭނާގެ ފައިތިލަ ހިފަހައްޓައިގެން އޮތް ބިންގަނޑުން މިހާރު އޭނާ ކޯރުގެ އައްސޭރިއާ ދިމާއަށް ކޮއްޕަމުން ދާ ކަހަލައެވެ. އޭނާ ބާރުލައިފައި ކޯރާ ދިމާއަށް ހިނގައިގެންފިއެވެ. ދިގު ފިޔަވަޅުތަކެއް އަޅަމުން ހިނގަމުން ގޮސް، އެންމެ ފަހުން ބާރަށް ދުއްވައިގެންފިއެވެ.
[މަޑުކުރައްވާށެވެ. މަޑުކުރައްވާށެވެ.] ދުވުން ބާރުވަމުން ދިޔަ ވަރަށް އޭނާގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ. އެ އަޑު އިވިވަޑައިގަތުމުން ބަދްރު އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އަދި އަހުގެ ލަގަނަށް ދަންމަވައިލެއްވިއެވެ. ގަތް ލަދެއްގެ ބޮޑުކަމުން ރަބީޢާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނާގެ ފައިތިލަ ބިންމަތީގައި ތަތްލީ ކަހަލައެވެ.
ބަދްރުގެ މޫނުފުޅުމަތީން ފެނުނީ ޙައިރާންކަމުގެ އަސަރެވެ. [ރަބީޢާ... މިތާނގައި... ގިނިކަންޏާ...]
ކުއްލިއަކަށް އަރުވާނޭ ޖަވާބެއް ރަބީޢާއަކަށް ނުވިސްނުނެވެ. ބަދްރު އަހުން ފައިބައިވަޑައިގެންފިއެވެ. [ރަބީޢާ ގޮވައިލެއްވީ ކަމަކާ ކަންބޮޑުވެވަޑައިގެންތޯއެވެ؟]
ރަބީޢާ ޖެހިލުންވެފައި ހުރެގެން އިސް އުފުލައި ބަލައިލިއެވެ. ބަދްރުގެ ހިނިތުންވުމުގައި ވަނީ ހިތްޕުޅުހެޔޮކަމާއި ހަމްދަރްދީއާއި ގާތްކަމުގެ އަސަރެވެ. ރަބީޢާ މަޑުމަޑުން ކުރިއަށް ދތިން ފިޔަވަޅު އަޅައިފިއެވެ. [އަޅުގަނޑު... އަޅުގަނޑު އުޅުނީ ވާހަކައެއް ދަންނަވައިލާން ވެގެންނެވެ.]
[ކޮން ވާހަކައެއްތޯއެވެ؟] ބަދްރު ސުވާލުކުރެއްވިއެވެ.
ބަދްރު ފުރަތަމަ ފަހަރަށް ރަބީޢާއާ ދިމާއަށް ފުންކޮށް ބައްލަވައިލެއްވިއެވެ. އެއީ ރީތިކަމާއި ދުޅަހެއުކަމާއި ޒުވާންކަމުގެ ރީތި ނަމޫނާއެކެވެ. މޫނުމަތީން ފެންނާން ހުރި ލަދުވެތިކަމުގެ ސަބަބުން އޭނާގެ އަސަރުގަދަކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ބަދްރުގެ ހިތްޕުޅަށްވެސް ފިސާރި ވަރުގަދަ އަސަރެއް ކޮށްފިއެވެ.
[އޭނާ އަނެއްކާވެސް ވިދާޅުވެއްޖެއެވެ. [އަޅުގަނޑު ގާތު ވާހަކައެއް ވިދާޅުވާން އުޅުއްވީމެއް ނޫންތޯއެވެ.]
ރަބީޢާގެ ލޮލުގައި ބަންދުވެފައި ހުރި ލޯބީގެ ކޯރު މަޑުމަޑުން އުތުރިގެން ބޭރަށް ފައިބާން ފަށައިފި ކަހަލައެވެ. [އަޅުގަނޑު މިތަނަށް އައީ އެންޖެލާއާ އެކުގައެވެ. އޭނާ އެ ފަރުބަދަ މައްޗަށް އަރައިފިއެވެ.]
ބަދްރު ވިދާޅުވިއެވެ. [ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. މިތާކު އެއްވެސް ނުރައްކަލެއް ނެތެވެ.]
[އަޅުގަނޑު ކަންބޮޑު ވެގެން މި އުޅެނީ އެހެން ވެގެންނެއް ނޫނެވެ. އަޅުގަނޑު ދަންނަވާން އުޅުނީ މުޅީން އެހެން ވާހަކައެކެވެ. މި ކިއްލާއަކީ ސަރަހައްދީ ރޮނގާ ވަރަށް ކައިރީގައި ހުރި ކިއްލާއެކެވެ. މިތާގައި މަނިކުފާނު އުޅުއްވާ ޚަބަރު ކްރިސްޓިއަނުންނަށް ލިބިއްޖެއްޔާ...]
[ފިކުރު ބޮޑު ނުކުރައްވާށެވެ. މެހުމާނުން ރައްކާތެރިކުރާނޭ ގޮތް އަޅުގަނޑުމެން ދަންނަމެވެ.]
[އަޅުގަނޑު މި ދެންނެވީ ތިޔަ ވާހަކައެއް ނޫނެވެ. އަޅުގަނޑު ބިރުގަންނަނީ މަނިކުފާނަށް ވެދާނޭ ގޮތަކާ މެދުގައެވެ. އަންދަލުސްގެ އިސްލާމުންގެ އެންމެ ފަހުގެ އުއްމީދަކީ މަނިކުފާނެވެ. މި ކިއްލާގައި މަނިކުފާނު އުޅުއްވާކަން ކްރިސްޓިއަނުންނަށް...]
[އަޅުގަނޑާމެދު ފިކުރު ނުކުރައްވާށެވެ. އަޅުގަނޑު އެތައް ފަހަރަކު އެތައް ފިލާވަޅެއް ކްރިސްޓިއަނުންނަށް ދީފީމެވެ.]
[އެކަމަކުވެސް މަދު މީސްކޮޅަކާއެކު މިތާގައި އުޅުއްވުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މަނިކުފާނުގެ ފުރާނަފުޅުގެ އަގު ވަރަށް ބޮޑެވެ. އަޅުގަނޑުމެންގެ ނޯކަރު އެނބުރި ގޮސް މަނިކުފާނު މިތާގައި އުޅުއްވާ ވާހަކަ ބުނެފާނެތީވެސް އަޅުގަނޑު ބިރުގަނެއެވެ.]
[ރަބީޢާގެ ބައްޕަ ވިދާޅުވެފައިވާ ގޮތުގައި އެއީ ވަރަށް ބޮޑަށް އިތުބާރު ކުރެއްވޭ މީހެކެވެ.]
ރަބީޢާ ހާސްވެފައި ބުންޏެވެ. [ބައްޕައަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އެކަމަކު ނޯކަރު ދަތުރުކުރަމުން ދަނިކޮށް ބައެއްގެ އަތްދަށުވެ، އެ ބަޔަކު ދައްކާ ދަހިވެތިކަމަށް ހެއްލިގެން ޚަބަރު ދިނުމަކީވެސް އެކަށީގެންވާ ކަމަކެވެ. އެހެންވީމާ މަނިކުފާނު އުޅުއްވާން ވަނީ ވަރަށް ބޮޑަށް ބައްލަވައިގެންނެވެ.]
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ