ުމަރުގެ މައްސަލައެއްގެ ގައިދީއަކު ހުޅުމާލެ ޖަލުން މިދިޔަ ހަފުތާ ފިލި، ހަމަ އެ ދުވަހު އޭނާ އަތުލައިގަތް

މަރުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ބަންގްލަދޭޝްގެ ގައިދީއަކު މިދިޔަ ހަފުތާ ހުޅުމާލެ ޖަލުން ފިލައިގެން ދިޔަ ކަމާއި ހަމަ އެ ދުވަހު އޭނާ އަތުލައިގަތްކަން މިއަދު އެނގިއްޖެ އެވެ.
ވީކިހިނެއް؟ - ހުޅުމާލެ ޖަލުން ގައިދީއަކު ފިލައިގެން ދިޔަކަން ސޯޝަލް މީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ.
ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ހުޅުމާލެ ޖަލުން ފިލީ ކަމަރުލް އިސްލާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ. އޭނާ ފިލައިގެން ދިޔަ ދުވަހު އޭނާ އަތުލައިގަނެ އަލުން ޖަލަށް ގެންދިޔަކަން ވެސް އެނގިފައިވެ އެވެ.
ޖަލުގައި އޮންނަ އުސޫލުގެ ތެރެއިން މުޖުތަމައަށް ހިދުމަތްކުރަން ފުރުސަތު ދެވޭ ގައިދީންނަށް ފުރުސަތު ދިން އިރުގައި ކަމަރުލްއަށް ވެސް ފުރުސަތުދީ، ކަރެކްޝަންސްގެ ފެސިލިޓީއަކަށް ކޮމިއުނިޓީ ސާވިސްގެ މަސައްކަތަށް ނެރުނެވެ.
އެކި މަސްދަރުތަކުން ޔަގީންކޮށްދިން ގޮތުގައި، އޭނާ ފިލައިގެން ދަނީ މި ބުނާ ފެސިލިޓީއަށް މަސައްކަތަށް ނެރެފައި ހުއްޓަ އެވެ.
މި ކަމުގައި ކަރެކްޝަންސް އިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ފަސްމަންޒަރު - ކަމަރުލްގެ މައްޗަށް ދައުވާކުރަނީ، 2012 ވަނަ އަހަރުގެ ތެރޭގައި މުނީރުލް އިސްލާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގަ އެވެ.
މުނީރުލް އިސްލާމް މާލޭގައި މަރާލާފައި އޮތް ތަނަށް އެންމެ ފަހުން ވަންނަ މަންޒަރު ވީޑިއޯއިން ފެންނަނީ ކަމުރުލް އެވެ.
ކްރިމިނަލް ކޯޓުގައި ކަމުރުލްގެ މައްޗަށް ކުށް ސާބިތުނުވި ނަމަވެސް ހައި ކޯޓުން މައްސަލަ ބަލައި ކަނޑައެޅީ ކުށް ސާބިތުވާ ކަމަށެވެ. ވާރިސުން ދެ ގޮތް ވެސް ބޭނުންވާ ކަމަށް ހައި ކޯޓުގައި ބުނުމުން އެ ކޯޓުން ހުކުމްކުރީ:
އުމުރު ދުވަހަށް ނުވަތަ 25 އަހަރަށް ޖަލަށް ލުމަށް
މަރުގެ ދިޔައިގެ ގޮތުގައި 133،333.33ރ. ނެގުމަށް
ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައި ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ