ނޭޝަނަލް ނިއުސް އެޖެންސީ ލޯންޗުކޮށްފި، 20 މީޑިއާ ބައިވެރިވި

ދިވެހިރާއްޖޭގެ މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓު ފޯރުކޮށްދިނުމުގެ މަގުސަދުގައި، "ނޭޝަނަލް ނިއުސް އެޖެންސީ" އިއްޔެ ރަސްމީކޮށް ލޯންޗުކޮށްފި އެވެ.
މި އެޖެންސީއަކީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ދަށުން ހިންގާނެ އެޖެންސީއެކެވެ. ސަރުކާރުގެ ނިއުސް އެޖެންސީ ހެދުމަށް އިންފޮމޭޝަން މިނިސްޓްރީން ޕީއެސްއެމްއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އޮގަސްޓް 7 ގަ އެވެ.
ނޭޝަނަލް ނިއުސް އެޖެންސީ ލޯންޗުކޮށްދެއްވީ، ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން އަދި އިންފޮމޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޝަމްޢާނެވެ. އެޖެންސީގެ ވެބްސައިޓު ލޯންޗުކުރުމަށް ފަހު، އެ ޕްލެޓްފޯމާ ފުރަތަމަ ގުޅުނު 20 މީޑިއާއާ އެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު އަލީ ޝަމްޢާން ވިދާޅުވީ، މި ޕްލެޓްފޯމަކީ ދިވެހި ނޫސްވެރިނަށް ވަރަށް ފަހި ފުރުޞަތުތަކެއް ލިބޭ ޕްލެޓްފޯމެއްކަމަށެވެ. މީޑިއާތައް ބޭނުންކުރަން، ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓުތަކާއި އެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ، ހިލޭ ފޯރުކޮށްދޭނެކަމަށް ޝަމްޢާން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އަމިއްލަ އެހެން މީޑިއާތަކުން ނަގާ ފޮޓޯ އާއި ވީޑިއޯ ވެސް އެ ވެބްސައިޓު މެދުވެރިކޮށް ހިއްސާކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. ޝަމްޢާން އިތުރަށް ވިދާޅުވީ، "ރެޖިސްޓްރީކޮށްގެން ހިންގާ އޮންލައިން އަދި ބްރޮޑްކާސްޓް މީޑިއާތަކަށް ގިނަ ކޮންޓެންޓްތަކެއް ހިލޭ ލިބޭނެ. ކޮލިޓީ ރަނގަޅު ވިޑިއޯއާއި ފޮޓޯގެ ރޯ ފައިލް ލިބޭނެ. މިއީ ޒިންމާދާރުކަމާއެކު ޚަބަރާ މަޢުލޫމާތު ފެތުރުމަށް ލިބޭ ފުރުޞަތެއް."
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން ވިދާޅުވީ، ޕްރައިވެޓް މީޑިއާތައް ހަރުދަނާކުރުމަށް ޕީއެސްއެމްއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފުޅާކުރާނެކަމަށެވެ. ގިނަ ކޮންޓެންޓުތަކެއް އެ ޕްލެޓްފޯމު މެދުވެރިކޮށް ދޫކުރާނީ ހިލޭ ކަމަށާއި، ޕްރިމިއަމް ޕެކޭޖްތައް މެދުވެރިކޮށް ހާއްސަ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބޭނެ ޕެކޭޖުތައް ވެސް ހިމަނާނެކަމަށް ނަސްރީން ވިދާޅުވި އެވެ. އަދި ޕީއެސްއެމްއާ އެކު މަސައްކަތްކުރާ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ކޮންޓެންޓްވެސް، މި ޕްލެޓްފޯމްގައި ދިވެހި މީޑިއާތަކާ ޙިއްސާކުރުމަށް މަޝްވަރާ ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މޯލްޑިވް މީޑިއާ އިންސްޓިޓިއުޓު އަދި އިންފޮމޭޝަން މިނިސްޓްރީ ގުޅިގެން މީޑިއާތަކަށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގަން ރާވާފައިވާ ކަމަށާއި އަދި ބައިނަލްއަގުވާމީ އެކި މީޑިއާ އިވެންޓްތަކުން ވެސް ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެކަމަށް ޝަމްޢާން ވިދާޅުވި އެވެ. މި އެޖެންސީގެ ސަބަބުން ދިވެހިރާއްޖޭގެ މީޑިއާ އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.
• ވަގުތު
• ތިލަދުން އޮންލައިން
• ސަން ސިޔާމް މީޑިއާ
• ވޮއިސް އެމްވީ
• އެމްއެމްޓީވީ
• ސަންގު ޓީވީ
• ވީޓީވީ
• މެންދުރު ޓީވީ
• ޖީލު އޮންލައިން
• ޖަވިޔަނި
• ތީރު މީޑިއާ
• އަސުރު އޮންލައިން
• ދަ ސްޓޭންޑަރޑް މޯލްޑިވްސް
• ހުވަދޫ މީޑިއާ
• މިއަދު ޑެއިލީ
• ސައުވީސް އޮންލައިން
• ދިވެހި ޗެނަލް
• އަސްލު ޓީވީ
• އޯރކާ މީޑިއާ
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ