ރޫޅާލަން ނިކުތް މީހުނަށް ބާރުދޭން އުޅޭނެކަމެއްނެތް

ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މާލެ ސިޓީ މޭޔަރގެ ޒިންމާއެއް ނޫނެވެ. ސަރުކާރު ޖަވާބުދާރީ ކުރުވާނީ ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތަކާއި ނޫސްވެރިންނެވެ. މާލެ ސިޓީގެ މޭޔަރގެ ޒިންމާއަކީ މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތައް ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމެވެ. މާލެ ސިޓީއަކީ ރައްކާތެރި އަމާން ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަސައްކަތް ކުރުމެވެ. 
މާލެ ސިޓީ ތަޖުރިބާކުރި ހުރިހާ މޭޔަރުންގެ ތެރެއިން މާލެއަށް އެންމެ ބޮޑު ހެޔޮ ބަދަލެއް ކުރު މުއްދަތެއްގެ ތެރޭގައި ގެނުވި މޭޔަރަކީ އާދަމް އާޒިމެވެ. ސަރުކާރާ ވާދަވެރި ފަޅީގައި ހުންނަވައިގެންވެސް އާދަމް އާޒިމު ވަނީ ކާމިޔާބު ކުރިއެރުން ތަކެއް ހޯއްދަވާފައެވެ. 
އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ އަށެއްކަ މެންބަރުން ގޮވައިގެން އެމްޑީޕީ ރޫޅާލަން ޕާޓީން ނިކުމެ، އެމްޑީޕީއަށް ވެރިކަން ގެއްލުވާލާފައި އޮއްވާ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ 13 މީހުން ޕީއެންސިއަށް ވިކި އެމްޑީޕީ އެންމެ ބަލިކަށިވީ ދުވަހު، ރައީސް މުއިއްޒު ކޮށިއަރުވާލީ އާދަމް އާޒިމެވެ. އެމްޑީޕީގެ ޓިކެޓްގައި ނިކުމެ ހުދުމުހުތާރު ސަރުކާރާއި ރޫޅާލަން ނިކުތް މީހުންނާ ދެކޮޅަށް މާލޭ މޭޔަރކަން އެމްޑީޕީއަށް ހޯދާދީގެންނެވެ.
އެހެނެއް ކަމަކު ވާދަވެރި ބޮޑު ޕާޓީގެ އެންމެ އިސްސަފުގައި އިސްވެ ހުންނެވި ބޭފުޅަކަށް ދުވަހުން ދުވަހަށް މުއިއްޒު ސަރުކާރު ކޮށިއަރުވާނުލެވުމަކީ މޭޔަރ އާދަމް އާޒިމްގެ މައްސަލައެއް ނޫނެވެ. ކޮންމެ މީހަކު މޭޔަރަކަށް ހޮވިނަމަވެސް ޖަވާބުދާރީކުރުވަން އެމްޑީޕީގެ ލީޑަރޝިޕަށް ނުކުރެވޭ ކަމެއް ޖަވާބުދާރީ ކުރުވަން މޭޔަރަކަށް ނުކުރެވޭނެއެވެ.
ސަރުކާރު ކޮށިއަރުވާލާނެ ކަމުގެ ހުވަފެން ދައްކައިގެން އޮތްގޮތް ނޫން މާ މޮޅުގޮތެއް އެމްޑިޕީއަކަށް އަދި ފެންނަކަށް ނެތެވެ. ކޮށުއަރުވާނެ މީހަކު ހޯދުމުގެ ނަމުގައި ޒިންމާދާރު މޭޔަރަކު ފޭލިކޮށްލާ ރޫޅާ ބަގަޔަށް ޖާގަ ހޯދަދޭން އެކަކުވެސް އުޅޭނެ ކަމެއްނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ