މިތިބީ ވަކި ލީޑަރެއްގެ ފަހަތަކު ނޫން؛ ކަންކުރާނީ އިންސާފުން: ގަފޫރު

އެމްޑީޕީ އޮންނަން ޖެހޭނީ ވަކި ލީޑަރެއްގެ ފަހަތުގައި ނޫން ކަމަށާއި އޭނާގެ ޗެއާޕާސަންކަމުގައި ކަންކަން ކުރާނީ އިންސާފުން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމާ ރޭ ހަވާލުވެވަޑައިގެންނެވި ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ގަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގައި ހަތަރު ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ ގަފޫރު، އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ވަގުތީ ގޮތުން ހަމަޖެއްސީ ރޭ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. މިއަދު އޭނާ ވަނީ ލީޑާޝިޕްގެ ބައެއް ބޭފުޅުންނާ އެކު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
ތަފްސީލު - އެމްޑީޕީ އޮފީހުގައި ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ގަފޫރު ވަނީ، އޭނާގެ ޗެއާޕާސަންކަމުގައި ކަންކަން ކުރައްވާނެ ގޮތާއި ބައެއް ކަންކަމުގައި ގެންގުޅޭނެ ވިސްނުތައް ހާމަ ކުރައްވާފަ އެވެ.
"ޕާޓީގެ މެންބަރުންނަށް އަޅުގަނޑުމެން ދޭން އޮތް ޔަގީންކަމަކީ، އަޅުގަނޑުމެން އިންސާފުގެ ތެރެއިންނޭ ހުރިހާ ކަމެއް ވެސް ކުރާނީ. އެއްވެސް ބޭފުޅަކު، އެއްވެސް ކަމަކާ މާޔޫސްވާކަަަށް ނުޖެހޭނެ. ޕާޓީ ހަމަ ގަދަކޮށް، ބާރަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ގަފޫރު ވިދާޅުވި އެވެ.
ގަފޫރު ވިދާޅުވީ:
ޕާޓީގައި ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުން އެބައޮތް ކަމަށާއި އެއީ ޕާޓީ ބައިބައިވުން ނޫން ކަމަށް؛ އަދި އެ ހިޔާލު ތަފާތުވުންތަކާ އެކު ކުރިއަށް ގޮސް، މީގެ ކުރިން ވެސް ކަންކަންވެފައި ހުރީ އެހެން
ޕާޓީގެ މެންބަރުން ޕާޓީގައި ދެމިތިބުން މުހިއްމު ކަމަށާއި "ވަކި ލީޑަރެއްގެ ފަހަތުން ޕާޓީ ދޫކޮށްފައި ނުވަތަ އެހެން ފިކުރެއްގައި ދިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން"
ކޮންމެ ބޭފުޅަކަށް ވެސް ސިޔާސީ ގޮތުން އެ ލިބޭ ފުރުސަތެއް ލިބެނީ ޕާޓީން ކަމަށާއި އެއީ ޕާޓީގެ މެންބަރުން ކުރާ މަސައްކަތުން ލިބޭ ފުުރުސަތެއް ކަމަށް
"އެހެންވީމާ، އެ ބައުންޑްރީ ތެރޭގައި އެންމެން ވެސް ތިބެން ޖެހޭނީ ކޮންމެ ބޭފުޅެއް ވިޔަސް. އެކަން އަޅުގަނޑުމެން އެންމެން ވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ. އޭރުން އަޅުގަނޑުމެންގެ ޕާޓީ އަަބަދު ވެސް ގަދަކޮށް، އެންމެން އެއްކޮށް އޮންނާނީ. އެ ނޫން އެހެން ވިސްނުމެއްގައެއް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން،" ޕާޓީއަށް ރަނގަޅުވާނެ ކޮންމެ ކަމެއްގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވަމުން ގަފޫރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތިބީ ވަކި ލީޑަރެއްގެ ފަހަތުގައެއް ނޫން. އަޅުގަނޑުމެން މިތިބީ އެމްޑީޕީގައި." 
އޭގެ އިތުރުން ގަފޫރު ވިދާޅުވީ:
ޕާޓީއަށް ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައި އިތުރު ފުރުސަތުތަކެއް ދިނުމަށް ވިސްނުންތަކެއް އެބަ ގެންގުޅެން؛ އެ ޒުވާނުންނަށް ޕާޓީގެ ގުނަވަންތަކާއި ގައުމީ މަޖިލީހުން ފުރުސަތުތަކެއް ހޯދައިދޭން ޖެހޭ
ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރު ޖަވާބުދާރީކުރުމަށާއި ޕާޓީގެ ދެން ހުރި ހަރަކާތްތައް "ބޮޑުކޮށް ކުރިއަށް ގެންދާނަން"
"ސަރުކާރުން ރަނގަޅަށް ކުރާ ހަމަ އެއް ކަމެއް ވެސް ނެތް. ކުރާ ހުރިހާ ކަމެއް ކުރަނީ ދިމާ އިދިކީއްޔަށް. އެހެން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ތަދުމަޑުކަމާއި ދަތިކަން މި އަންނަނީ. މި ސަރުކާރު އައިފަހުން ފުދުންތެރިކަމާއި އާމްދަނީ އިތުރުވި ހަމަ އެންމެ ރައްުޔިތެއް ވެސް ފެންނާކަށް ނެތް،" ސަރުކާރުގެ ކަންކަން ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރާނެކަން ފާހަގަކުރައްވައި ގަފޫރު ވިދާޅުވި އެވެ.
"ދުނިޔޭގެ އިގްތިސާދު އޮތީ ނަލަކޮށް، ފަހިކޮށް. އެހެން ނަމަވެސް، ސަރުކަރުން އަޅަމުންދާ ނުކަސިޔާރު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް މި ހުރިހާ ދުއްތުރާއެއް ޖެހެމުން މިދަނީ."
އެހެންކަމުން، ސަރުކާރު ޒިންމާދާރު ކުރުމަށް ޕާޓީ އެކަތިކަނޑެއްގެ ގޮތުގައި އޮވެ، މަސައްކަތް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ