ކީޕަރު ފައިސަލް ނިއު ރޭޑިއަންޓަށް ސޮއިކޮށްފި ކީޕަރު ފައިސަލް ނިއު ރޭޑިއަންޓަށް ސޮއިކޮށްފި

މި ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއްގައި ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު، މުހައްމަދު ފައިސަލް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
މިއީ، އދ. ފެންފުއްޓަށް އުފަން، ފައިސަލް، 37، ގެ ކެރިއަރުގައި ނިއު އަށް ކުޅޭ ދެ ވަަނަ ފަހަރެވެ. މީގެ ކުރިން ފައިސަލް ވަނީ 2017 ވަނަ އަހަރު މެދުތެރެއިން ނިއު އަށް ބަދަލުވެ، ދެ އަހަރު ނިއު އަށް ކުޅެދީފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތަށި 2018 ވަނަ އަހަރު ރާއްޖޭން ހޯދިއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކީޕަރު ފައިސަލް، މި ސީޒަނުގައި ބުރުއާ އެކު، ކުޅުމަށް އެނބުރި އައީ އަނިޔާގެ ސަބަބުން ދިގު މުއްދަތެއް ކުޅުމާ ދުރުގައި ހުރުމަށް ފަހު އެވެ. އޭނާ ކަކުލުގެ އޮޕަރޭޝަނެއް ކުރީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.
ފުރަތަމަ ޑިވިޝަނުގައި ހަތް ކްލަބަކަށް ކުޅެފައިވާ ފައިސަލް އަށް މި އަހަރު ވަނީ ދެ އަހަރަށް ފަހު ގައުމީ ފުޓްބޯޅަ ޓީމުން އަލުން ފުރުސަތު ލިބިފަ އެވެ.
އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އިން ފުރަތަމަ ޑިވިޝަނުގެ ކެރިއަރު ފެށި ފައިސަލް ވަނީ، ފުރަތަމަ ޑިވިޝަނުގައި، ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ކްލަބް ވެލެންސިއާ، ކްލަބް އީގަލްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެފަ އެވެ.
ނިއު އިން މި ސީޒަން ފެށީ ޕާކިސްތާންގެ ގޯލްކީޕަރު، ހަނީފް ސާގިބްއާ އެކު އެވެ. އޭނާ އަށް ސީރިއަސް އަނިޔާއެއް ދިމާވުމުން، އެ ޓީމުން ވަނީ އިމަޖެންސީ ޓްރާންސްފާއެއްގެ ގޮތުގައި ސްރީ ލަންކާގެ ކީޕަރު، ކަވީޝް ލަކްޕްރިޔާގެ ސޮއި ހޯދައިފަ އެވެ. އެކަމަކު، ދިވެހި ޕްރިމިއާ ލީގުގެ ފުރަތަަމަ ބުރުގައި ނިއު އިން ކުޅުނު ފަހު މެޗުގައި ކަވީޝްގެ ފަޔަށް އަނިޔާވެގެން، ބަދަލުގައި ކުޅެން އެރުވީ އަބްދުﷲ ޒިމާމް އެވެ.
ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު، ނިއު ރޭޑިއަންޓް އޮތީ ލީގުގެ ތިން ވަނައިގަ އެެވެ. އެއީ، އެއް ވަނައިގައި އޮތް މާޒިޔާ އަށް ވުރެން 10 ޕޮއިންޓް ފަހަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ