މަޖިލިސް ހުޅުވާ ދުވަސް - ސަރުކާރު ގަބޫލު ނުކުރުމުގެ އަޑުތަކާއެކު

"އަޅުގަނޑު ޑރ. ވަހީދަށް ގޮވާލަނީ އެބޭފުޅާ އިންނެވި ގޮނޑިން ފައިބައިވަޑައިގެންނެވުމަށް،" ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު، އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި, ރައީސް ޑރ. ވަހީދު ހަސަން މަނިކަށް ނަޝީދު ގޮވާލެއްވި އެވެ. އެއަށްފަހު އެމްޑީޕީގެ އެކިއެކި ޕޯޑިއަމްތަކުގަ އާއި ބޭރުގެ މީޑިއާތަކުގައި މިއީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް އެމްޑީޕީގެ އެކިއެކި ބޭފުޅުންގެ އިތުރުން ރައީސް ނަޝީދު ވެސް ގެންދަވަނީ ވިދާޅުވެ، ރައީސް ޑރ. ވަހީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންނެވެ. އެމްޑީޕީގެ ވެރިކަން ވެއްޓިގެން ދިޔަ ފަހުން ރައީސް ނަޝީދު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވެސް ވަނީ އެފަދަ ބަހުގެ ހަމަލާތަކެއް ސީދާކޮށާއި ނުސީދާކޮށް ރައީސް ވަހީދަށް ދެއްވާފަ އެވެ.
"އައްޑޫ ސިޓީއަށް ވަޑައިގަތުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް އަޅުގަނޑަށް ޑރ. ވަހީދުގެ އަރިހުގައި ދަންނަވަން ޖެހިއްޖެ! އަޅުގަނޑު އިހުލާސްތެރިކަމާ އެކުގައި ވަހީދުގެ އަރިހުން އެދެން އައްޑޫ ސިޓީއަށް ވަޑައިނުގަންނަވައްޗޭ. އައްޑޫގެ ރައްޔިތުންގެ އުންމީދުތަކަށް ފުރަގަސް ދިނުމަށްފަހު،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ސިޔާސީ ޕާޓީތަކާއެކު އިއްތިހާދުގެ ސަރުކާރެއް އެކުލަވާލައްވައިގެން ގައުމުގެ ހިންގެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސް ވަހީދަށް ނަޝީދު މިފަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައިވަނިކޮށް، އެމަނިކުފާނު ވަނީ އައްޑޫއަށް ވަޑައިގެން އެސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ސިޓީ ކައުންސިލްގެ މެންބަރުން އެމަނިކުފާނަށް އިސްތިގުބާލުކޮށްފައި ނުވާއިރު އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާ އަޑުގަދަ ކޮށްފައިވެ އެވެ. އަދި ރައީސް ވަހީދު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހިތަދޫ ޝަރަފުއްދީން ސުކޫލްގައި ރޭ ބޭއްވި ޖަލްސާ ކުރިއަށް ދަނިކޮށް، އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު އެސަރަހައްދު އަޑުގަދަކޮށް، ފުލުހުންނާ ކުރިމަތިލައި ފުލުހުންނަށް ހަމަލާދީފައިވާއިރު އެ ހަމަނުޖެހުންތަކުގައި ބައެއް ތަންތަނަށް ވެސް ގެއްލުންތަކެއްދީފައިވެ އެވެ. ފަހަރުގައި ރައީސް ނަޝީދުގެ ވާހަކަފުޅުން ދޭހަވާފަދަ ނުތަނަވަސް ކަމަކީ އެއީ ކަމުގައިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ރައީސް އޮފީހުގެ ސްޕޯކްޕާޝަން އައްބާސް އަދިލް ރިޒާ ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު އެއްވެސް ބަޔަކު ސުވާލު އުފައްދާނަމަ، އެކަމެއް ނިންމުމަށް ގާނޫނު އަސާސީގެ ދަށުން ހެދިފައިވާ މުއައްސަސާތަކެއް ހުރިއިރު އެގޮތަށް ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ ގާނޫނީ ބުރަދަނެއް ހުރި ވާހަކަތަކެއް ކަމަށް ގަބޫލް ނުކުރެއްވޭ ކަމަށެވެ. އަދި ޓެރަރިޒަމަށް ބާރުދިނުމާއި ގައުމުގެ މަސްލަހަތު، ހަމަނުޖެހުން އިތުރުވާ ގޮތަށް ރައީސް ނަޝީދު ތަކުރާރުކޮށް ވާހަކަ ދައްކަވަމުން ގެންދަވާ ގެންދެވުން ކުށްވެރިކުރާ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.
"ރާއްޖޭގައި ހިނގާދިޔަ ކަންތައްތައް ތަހުގީގު ކުރެވެމުންދާ ދަނޑިވަޅެއްގައި އަދި ރާއްޖޭގައި ހަމަޖެހުން ގާއިމް ކުރުމަށްޓަކައި، މީހުން ރުޅި އަންނަ ޒާތުގެ ވާހަކަތައް ނުދެއްކުމަށް ސިޔާސީ ގޮތުން ރައްޔިތުން އިތުރަށް ހަމަނުޖެހުމަކަށް ހިނގައިދާނެ ވާހަކަތައް ނުދެއްކުމަށް ރާއްޖޭގެ ހުރިހާ ސްޓޭކް ހޯލްޑާސް އިން ވެސް ވަނީ ގޮވާލާފައި،" އައްބާސް ވިދާޅުވި އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައިދެއްވުމަށް އެޖަލްސާއަށް ވަޑައިނުގަތުމަށް ވެސް ޑރ. ވަހީދަށް ރައީސް ނަޝީދު ވަނީ އިލްތިމާސްކުރައްވާފަ އެވެ. އަދި ރައީސް ޑރ. ވަހީދު މަޖިލީހަށް ވަޑައިގަތުމަކީ މަޖިލީސް ތަޣައްޔަރުކުރުން ކަމަށާއި އެކަންތައް އެގޮތަށް ވެއްޖެ ނަމަ ގާނޫނީ އަސާސީގެ ހުރިހާ ބާރެއް ކެނޑިގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެ ފުރުސަތު ނުދިނުމަށް މަޖިލީސް ހުޅުވޭ ދުވަހަށް ވަރަށް ބޮޑަށް ތައްޔާރުވުމަށް ރައީސް ނަޝީދު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައިވެ އެވެ.
"ރައްޔިތުންގެ މަޖިލީސް ނޫނީ ގާނޫނީ ބާރެއް މިވަގުތު ރާއްޖެއަކު ނެތް. އަޅުގަނޑު ހުރިހާ ރައްޔިތުންގެ ކިބައިން ވެސް މިއެދެނީ މާޗް އެއް ވަނަ ދުވަހަށް ތައްޔާރުވުމަށް. މަޖިލީސް އަޅުގަނޑުމެން ހިމާޔަތްކުރަން އެބަޖެހޭ،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ އެއްވެސް އިންޒާރަކަށް ބިރުން ގާނޫނު އަސާސީން ރައީސް ވަހީދުގެ މައްޗަށް ކުރުމަށް ލާޒިމްކޮށްފައިވާ ކަމެއް ކުރުމަށް އެމަނިކުފާނު ފަސްޖެހިވަޑައި ނުގެންނަވާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަހަރަށް ހުޅުވާދެއްވުމުގެ ތައްޔާރީތައް އެމަނިކުފާނު ވެވަޑައިގެންނަވަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް ވަހީދުގެ ސަރުކާރަކީ ޣައިރު ގާނީނީ ސަރުކާރެއް ކަމަށް ދައްކާ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް އޮތް ނަމަ، ނުވަތަ އެކަމުގައި ގާނޫނީ ސުވާލެއް އުފެދޭ ބަޔަކު އުޅޭ ނަމަ، އެކަމެއް ސުޕްރީމް ކޯޓަށް ނުވަތަ ހައިކޯޓަށް ހުށަހަޅައިގެން ބެލޭނެއިރު މިއަދާ ހަމައަށްވެސް އެފަދަ އެއްވެސް މައްސަލައެއް ސުޕްރީމް ކޯޓަށް އަދި ހައިކޯޓަށް ވެސް ހުށަހަޅާފައިނުވާ ކަމީ އެކަންތައްތަކުގައި ބުރަދަނެއް ނެތް ކަމުގެ ހެއްކެތް ކަމަށް ވެސް ރައީސް އޮފީސް ދެކެ އެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކެއްގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހަށް މަޖިލީހުގެ ޖަލްސާއެއްގައި އިއްވަން ޖެހެ އެވެ.
އެމްޑީޕީން އިންސާފުގެ ނަމުގައި ކުރަމުންގެންދާ މުޒާހަރާގެ ތެރޭގައި ބައެއް ފަރާތްތަކުން ރައީސް ވަހީދު ހުންނެވީ ބިރުން ފިއްލަވާ ކަމަށް ބުނެ އަޑުތައް އަރުވާފައި ވަނިކޮށް، އެމަނިކުފާނު ވަނީ އެވާހަކަތަކަށް ގޮންޖައްސަވާ ވަރަށް ވެސް ފާޅުކަން ބޮޑުގޮތެއްގައި އާއްމުންގެ ތެރެއަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު މަހާސިންތާއަށް ނުކުމެވަޑައިގެންފަ އެވެ. އަދި އެމްޑީޕީއަށް ވަރުގަދަ ބަހުގެ ހަމަލަތަކެއް ވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.
"އަޅުގަނޑުމެން ބިރެއް ނުގަނޭ ޝަހީދުވާކަށް. މިއަދު ހަގީގީ ބާޣީންނަކީ އެއީ. ދިވެހިރައްޖޭގެ [ޓޫރިޒަމް] ސިނާއަތް ހަލާކުކޮށް އިގްތިސާދު ފުނޑާލާ މީހުންނަކަށް މި ގައުމަކު ތަނެއް ނެތް،" ރައީސް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ސްޕޯކްޕާޝަން އަދި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި ޑރ. ވަހީދުގެ ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށް އެމްޑީޕީން ގަބޫލުކުރާއިރު މިސަރުކާރުގެ ވެރިއަކަށް ހުންނެވި ބޭފުޅަކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންޖެހޭ ރިޔާސީ ބަޔާނެއް އޮތް ކަމަށް އެޕާޓީން ނުދެކެ އެވެ. އަދި ރާއްޖޭގައި މިވަގުތު ކިލަނބުނުވެ އޮތް ހަމައެކަނި އޮތް މުއައްސަސާއަކީ ރައްޔިތުންގެ މަޖިލީސް ކަމުގައިވާއިރު އެފުރުސަތު އެޕާޓީން ހުދު އޭނާ ވެސް އިންކާރު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އައްޑޫ ސިޓީއަށް ޑރ. ވަހީދު ވަޑައިގެންނެވި ގޮތަށް މަޖިލީހަށް ވަޑައިގެންނެވުމަކީ ރައްޔިތުންގެ އެދޭނެ ގޮތެއް އަދި ރައްޔިތުންގެ ވެރިއަކު ކަންތައްތައް ކުރައްވާނެ ގޮތެއް ކަމުގައި ގަބޫލުނުކުރައްވާ ކަމަށެވެ.
" އަޅުގަނޑުމެންގެ ޖުޑިޝަރީ އާއި ފުލުހުންނާއި ސިފައިން އަދި ވެރިކަން މިވަނީ ތަޣައްޔަރުވެފައި، ހަމައެކަނި ސަލާމަތުން މިއޮތީ މަޖިލިސް ކަމުގައިވާއިރު މިކަމުގައި އަޅުގަނޑުމެން އަމަލްކުރާނެ ގޮތެއް ޕާޓީން ވަރަށް އަވަހަށް ނިންމާނެ،" އިންތި ވިދާޅުވި އެވެ.
މިސަރުކާރާއި ރައީސްގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލުއުފައްދާ ޑރ. ވަހީދުގެ މަގާމުން އިސްތިއުފާދިނުމަށް އެމްޑީޕީންނާއި ރައީސް ނަޝީދު ގޮވާލާއިރު މަޖިލީސް ހުޅުވާ ދުވަހު "މަޖިލީސް ހިމާޔަތްކުރަން" އެމްޑީޕީން ކުރާ މަސައްކަތުގެ ތެރެއިން އަނެއްކާ ވެސް ސިޔާސީ ގޮތުން ލޮޅުން ގަނޑެއް އަރައި އެކަންކަން ނިމިގެންދާނެ ކަމާ މެދު މީހުން ތިބީ ކަންބޮޑުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ