ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެންނާކަށް ނުފެނޭ: ނަޝީދު

ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ދީނީ ދަރުސް ދިނުމަށް ރާއްޖެ ގެންނަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޑރ. ޕިލިޕްސް ރާއްޖެ ގެންނަން ނިންމާފައިވާކަން އިއުލާނު ކުރައްވައިފައެވެ. ޑރ. ބިލާލް ފިލިޕްސްއަށް ދައުވަތު ދިނީ، ޒުވާނުނަށް ޓޮލެރެންސްގެ އިތުރުން ސުލްހަ މަސަލަސްކަމާ ބެހޭގޮތުން ދަރުސް ދިނުމަށް ކަމަށް މަހުލޫފު ވިދާޅުވިއެވެ. މަހުލޫފު އެކަން އިއުލާނުކުރެއްވުމާ އެކު، ޑރ. ފިލިޕްސް އަކީ ދީނީ ހައްދުފަހަނަ އަޅާފައިވާ ފިކުރު ފަތުރާ ކަމަށް ގިނަ ގައުމުތަކުން ދެކޭ މީހެއްކަން ފާހަގަކޮށް އޭނާ ގެންނަން ނުފެންނަ ކަމަށް، ރައްޔިތުންގެ މާފައްނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ މިއަދު ޓްވިޓާގައި ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲވެސް ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައިފައެވެ. އެއާއެކު ޑރ. ފިލިޕްސް ގެނައުމާ ބެހޭގޮތުން ހޫނު ބަހުސެއް ކުރެވެން ވަނީ ފަށައިފައެވެ. އެ ބަހުސްގެ ތެރެއަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ވަދެވަޑައިގެންފައެވެ. މިރޭ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، ޑރ. ފިލިޕްސް އަކީ ދީނީ ހެޔޮލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައިނުގަންނަ ކަމަށެވެ. އެހެންކަމުން އޭނާ ރާއްޖެ ގެންނަން ނުފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ. https://twitter.com/MohamedNasheed/status/1229756395085389825?s=19 ޖެމެއިކާއަށް އުފަން ކެނެޑާގެ ރައްޔިތެއް ކަމަށްވާ ޑރ. ބިލާލް ފިލިޕްސް، 74، އަކީ މީގެ ކުރިންވެސް ރާއްޖޭގައި ދީނީ ދަރުސްދެއްވާފައިވާ ބޭފުޅެކެވެ. ދީނީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތް އޮސްޓްރޭލިއާ އަދި ޑެންމާކު ފަދަ ގައުމުތަކުން ވަނީ އޭނާއަށް އެގައުމުތަކަށް އެތެރެ ނުވެވޭނެ ގޮތް ހަދައިފައެވެ. އަދި އެފަދަ ތުހުމަތުތަކެއްގައި ބަންގަލަދޭޝްއިންވެސް އޭނާ ޑީޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ