ފްލެޓުގެ ޔަގީންކަން އެމްޑީޕީއިން ދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް: އަލްހާން

އެމްޑީޕީގެ ސަރުކާރުން 2011 ގައި ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން ޝަރުތު ހަމަވެ ފްލެޓް ނުލިބުނު މީހުންނަށް، މި ސަރުކާރުގައި ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ޔަގީންކަން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެމްޑީޕީއިން ދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާ އަލްހާން މިއަދު "ސަންގުޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ވެށިފަހި ފްރޮގްރާމުން ފްލެޓު ހޯދަން ފޯމުލި ބައެއް މީހުންނަށް ކުރީގެ ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން ގުޅަމުންދާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށެވެ. އޭނާގެ ކެމްޕެއިން އޮފީހަށް އައި ބައެއް މީހުންވެސް އެކަމުގެ ޝަކުވާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. "އަޅިގަނޑުގެ ކެމްޕެއިން އޮފީހަށް ދެ މީހަކު އައިސް ޝަކުވާވެސް ކޮށްފި ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން ގުޅުއްވާފައި 2011ގެ ފްލެޓަށް ކުރިމަތިލިންތޯ، މިހާރު ފްލެޓު އޮތީ ލިބިފައޭ، އެހެންވީމާ ފްލެޓަށް ލާފައި ނުލިބި އޮތް ކަމަށް ވަންޏާ އަދި ބޭނުންވަންޏާ ދަރުބާރުގޭގައި މި އޮންނަ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަށް އަންނާށޭ،" އަލްހާން ވިދާޅުވީ، ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން އެގޮތަށް ގުޅާފައި މީހުންގެ ގާތުގައި ވާހަކަ ދެއްކުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށެވެ. "އެ ބޭފުޅާގެ ކެމްޕެއިން އޮފީހުން ފޯނު ކުރައްވައިފައި ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ހަދަމުން ގެންދާ ފްލެޓުތަކެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވައި އެގޮތަށް ކަންކަން ކުރެއްވުމަކީ އެއީ ކޮރަޕްޝަނަަށް މަގުފަހިވާ ކަމެއް. އަދި ނުހައްގު ބާރުވެރިކަމެއް ބޭނުންކޮށްގެން ދައުލަތުން ކަނޑައަޅާ ފްލެޓުތަކެއް ދޭނެ ކަމަށް ބުނުމަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކެމްޕޭނެއްގައި ކުރައްވައިގެން ވާނެ ކަމެއް ނޫން،" އަލްހާން ވިދާޅުވީ، ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން މީހުންނަށް އެގޮތަށް ގުޅުމުން ދަލީލުކޮށްދެނީ އެމަނިކުފާނު ދައުލަތުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ނާޖާއިޒް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. "އެއިން އެބަ ދަލީލުކޮށްދޭ، އެމްޑީޕީއިން ނުވަތަ ރައީސް ނަޝީދު ދައުލަތުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ނާޖާއިޒު ނުފޫޒު ފޯރުއްވަމުން ގެންދަވާކަން. އެކަން އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" އޭނާ ވިދާޅުވި އެވ.ެ އޭނާ ވާދަ ކުރައްވާ ދާއިރާގައި ވެސ ދަފްތަރުގައި ޖެހި ބޯހިޔާވެހިކަމުގެ ދަތިކަމަށް ޖެހިފައިވާ 1300 މީހުން ތިބިކަމަށް ވިދާޅުވެ އަލްހާން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އޭނާ ވަނީ، ރައީސް ނަޝީދުގެ ކެމްޕެއިން އޮފީހުން ފްލެޓަށް ކުރިމަތިލި މީހުންނަށް ގުޅާ މައްސަލަ ބެލުމަށް އެނާ އެންޓި ކޮރަޕްޝަން ކޮމިޝަނުން ގޮވާލެއްވި އެވެ. އެނގިފައިވާ ގޮތުގައި މާލޭ ދާއިރާތަކަށް ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓުން ގެންދަވަނީ ކެމްޕޭންގައި، ފެށިފަހި ޕްރޮގްރާމުން ފްލެޓު ނުލިބުނު މީހުންނާ ބައްދަލުކުރަމުންނެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ފްލެޓަށް ލައި ފްލެޓް ނުލިބި ތިބި މީހުންނަށް ހާއްސަ ބައްދަލުވުމެއް މާދަމާ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ވެސް އެ ޕާޓީއިން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ