ޖޭޕީގެ ނައިބު ރައީސަކަށް ސައުދު އިންތިޚާބުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ރައީސަކަށް އަހުމަދު ސައުދު މިރޭ އިންތިޚާބުކޮށްފި އެވެ.
އެ ޕާޓީގެ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި، ނައިބު ރައީސްގެ އިތުރުން އިސްތިއުނާފު ކޮމެޓީގެ ޗެއާ ކަމަށާއި އިސްލާމީ ވަހުދުތަކުގެ ޗެއާ ކަމަށް ވެސް ބޭފުޅުން އައްޔަންކޮށްފައި ވެ އެވެ. އެގޮތުން އިސްތިއުނާފު ކޮމެޓީގެ ޗެއާކަމަށް އައްޔަންކޮށްފައިވަނީ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދެވެ. އިސްލާމީ ވަހުދަތުގެ ކޮމެޓީގެ ޗެއާއަކަށް ހަމަޖެއްސެވީ ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު މޫސާ ނިޒާރެވެ.
ޖޭޕީގެ ނައިބު ރައީސަކަށް ކުރިން ހުންނެވީ ޑރ. އަބްދުﷲ މައުސޫމެވެ. ނަމަވެސް ސިންގަޕޫރުގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރެއްވުމުން އޭނާ ވަނީ ޕާޓީގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ސައުދަކީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އޭނާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ޕާޓީގެ އިދާރީ ކަންތައްތައް ބެލެހެއްޓުމެވެ.
އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމުގެ އިތުރުން އެހެން މުހިއްމު ކަމެއް ވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން، މީގެ ފަހުން ބާއްވާ އިންތިޚާބުތަކުގައި ޖޭޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއަކުން ކަން ކައުންސިލްގެ ބައްދަލުވުން ފާސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ