ރިޝްވަތުގެ މައްސަލަ ތުހުމަތު ކުރަނީ 13 އަހަރަށް ނަޝީދު ޖަލަށް ލުމަށް ހުކުމް ކުރުމުން: ވަކީލުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުވާ ރިޝްވަތުގެ މައްސަލައަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި މައްސަލައާ ގުޅޭ މައްސަލައެއް ކަމަށް ފަނޑިޔާރު ދީދީގެ ވަކީލުންގެ ފަރާތުން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީއިން ފަނޑިޔާރު ދީދީ ސަސްޕެންޑްކުރި މައްސަލާގައި އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި މިއަދު ވާހަކަފުޅުދައްކަވަމުން ފަނޑިޔާރު ދީީދީގެ ވަކީލު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ ރައީސް ނަޝީދަށް 13 އަހަރު ދުވަހުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވިއިރު އެ ހުކުމް އިއްވި ބެންޗުގައި ފަނޑިޔާރު ދީދީވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
ސަލީމް ވިދާޅުވީ މިއަދު ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައިވެސް ހުންނަވާ ރައީސް ނަޝީދު އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ޒާތީ ގޮތެއްގައި ކަމަށެވެ. އަދި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރި މައްސަލައިގެ ޖަލްސާގައި ރައީސް ނަޝީދާއި އެ މައްސަލައިގެ މަސްލަހަތު އޮތް ތިން ބޭފުޅަކުވެސް ތިއްބެވިކަން ސަލީމް ވަނީ ފާހަގަކުރައްވާފައެވެ. އެ ތިން ބޭފުޅުންނަކީ މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރު ހިސާން ހުސެއިނާއި ރައީސްގެ މެންބަރު މަސްތޫރު ހުސްނީ އެވެ. އެ ތިން ބޭފުޅުންނަކީވެސް އޭރު ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުންނެވެ.
މައްސަލައިގެ ހުލާސާ ބަޔާނާއި މައްސަލަ ހުށަހެޅުއްވި ސަބަބު ބަޔާންކޮށްދެއްވަމުން ރޭނިސް ސަލީމް ވިދާޅުވީ، މިދިޔަ ޖޫން ދެ ވަނަ ދުވަހު ޖޭއެސްސީއަށް ރައީސް ނަޝީދު ހުށަހެޅުއްވި ފަނޑިޔާރު ދީދީގެ މައްސަލައަކީ ގާނޫނު އަސާސީއާ ގާނުނުތަކާއިވެސް ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ ކުރިން ދެންނެވި ބޭފުޅުން ފަނޑިޔާރު ދީދީ ސަސްޕެންޑު ކުރެއްވި ޖަލްސާގައި އިންނަވައިގެން ނިންމާފައިވާ ނިންމުންތަކަކީވެސް ގާނޫނާއި ހިލާފު ނިންމުންތަކަށް ވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ދީދީ ހާޒިރުވެވަޑައެއް ނުގަންނަވައެވެ. އެއީ އެމަނިކުފާނު ރާއްޖޭގައި ނެތުމުންނެވެ. ނަމަވެސް ވަކީލުން ވަނީ މިއަދު އެމަނިކުފާނުގެ ފަރާތްޕުޅުން ދެ ކަމަކަށް އެދިފައެވެ. އެއީ އެ މައްސަލަ ޖޭއެސްސީއަށް ނުބެލޭނެ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން ފަނޑިޔާރު ދީދީގެ ސަސްޕެންޑްޝަނަކީ ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފު ސަސްޕެންޝަނެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޖޭއެސްސީގެ ފަރާތުން މައްސަލައަށް ޖަވާބު ދާރީވަމުން ކޮމިޝަންގެ ރަޖިސްޓްރާ ހަސަން ޒަހީން ވަނީ މައްސަލައަށް އިންކާރު ކުރާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީން ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުން މަތިކޮށްފައިވާ ކޮމިޝަނަކީ ޖޭއެސްސީ ކަމުން ފަނޑިޔާރު ދީދީގެ މައްސަލަ ޖޭއެސްސީއަށް ބެލޭނެ ކަމަށް ޒަހީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ފަނޑިޔާރު ދީދީ ސަސްޕެންޑު ކުރީ ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލާގައި ނޫން ކަމަށެވެ. ފަނޑިޔާރު ދީދީ ސަސްޕެންޑު ކުރީ ފުލލުހުން ތަހުގީގު ކުރަން ފެށި މައްސަލައަކާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މައްސަލައަށް ޖަވާބުދާރީވުމުން އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީގެ ރަޖިސްޓްރާއާ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ. އެގޮތުން ފަނޑިޔާރު ދީދީ ސަސްޕެންޑްކުރި ޖަލްސާގައި ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އެޖެންޑާކޮށްފަ އޮތް ނޫންތޯ އުއްތަމަ ފަނޑިޔާރު އެއްސެވިއެވެ.
އެ ސުވާލަކަށް ޖަވާބު ދެއްވަމުން ޒަހީން ވިދާޅުވީ ފަނޑީޔާރު ދީދީގެ ޖިނާއީ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެނގުނީ ޖޫން 12 ގައި ފުލުހުން ޖޭއެސްސީއަށް ފޮނުވި ސިޓީ އިން ކަމަށެވެ. އަދި އެ މައްސަލަ އެދުވަހު ޖޭއެސްސީގައި ޖަލްސާގައި އެޖެންޑާކޮށްފައިވަނީ ރައީސް ނަޝީދު ހުށަހެއްޅެއްވި މައްސަލައާ ފުލުހުންގެ ސިޓީއާ ގުޅިގެން ކަމަށެވެ. ނަމަވެސް ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލެއްވީ ފަޑިޔާރު ދީދީގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު 2:30 ގައި ފަށަން ހަމަ ޖެހިފައިވާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމަށް އެބޭފުޅުން ދާން ޖެހޭކަން އަންގާފައި އޮތުމުންނެވެ. އަދި މި މައްސަލައިގެ އިތުރ އަޑުއެހުމެއް އެހެން ދުވަހަކަށް ތާވަލް ކުރައްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ