ރަމަޟާން މަހު ދުވާލު ކައިގެން 12 މީހަކު ހައްޔަރުކޮށްފި

މި ރަމްޟާންމަހު ދުވާލު ކައިގެން މިހާތަނަށް 12 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ވިދާޅުވީ އެއީ މި ރަމަޟާން މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ދުވާލު ގަޑީގައި ކައިގެން 12 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ހައްޔަރު ކުރި 12 މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރު ކުރީ އަތޮޅުތެރެއިންނެވެ. އަދި މާލޭ ސިޓީން ވަނީ ނުވަ މީހަކު ހައްޔަރު ކޮށްފައެވެ. ރަމަޟާން މަހު ދުވާލު ކައިގެން އަތޮޅުތަކުންނާއި މާލެ އިން 19 މައްސަަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭގެތެރެއިން އަށް މައްސަލަ ރިޕޯޓް ކުރީ އަތޮޅު ތެރެއިންނެވެ. އަދި މާލޭ ސިޓީން 11 މައްސަލަ ރިޕޯޓް ކޮށްފައިވެއެވެ.
ޤާނޫނު އުޤޫބާރުގެ 616 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ގަބޫލުކުރެވޭ ފަދަ، ދީނީ ނުވަތަ ޞިއްޙީ ނުވަތަ ޞިއްޙަތާ ގުޅުން ހުރި ސަބަބެއްނެތި ރަމަޟާންމަހު، ރޯދަނުހިފުމާއި، ރޯދައަށްހުރެ ރޯދަ ދޫކޮށްލުމަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.
އެހެންކަމުން އެއީ ތިން މަސް ދުވަހުގެ ޖަލު ޙުކުމެއް އަންނަ ވަރުގެ ކުށެކެވެ.
ކޮންމެ ރަމަޟާން މަހަކު ވެސް ދުވާލު ގަޑިތަކުގައި ކައިގެން މީހުން ހައްޔަރު ކުރެއެވެ. ނަމަވެސް މައްސަލަ ސާބިތުވަނީ އޭގެތެރެއިން މަދު މީހެއްގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ