މެއި މަހުގެ ނިޔަލަށް ހަތްލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ: އަލީ ވަހީދު

މިއަހަރު މެއި މަހުގެ ނިޔަލަށް ހަތްލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓުއަރިޒަމް މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މިއަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެއަށް 7،49،614 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި މި އަދަދަކީ މިދިޔަ 2018 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ވުރެ %18.4 އިތުރު އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހާ އަޅާކިޔާއިރު މިއަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު %10.9 ކުރިއަރާފައިވާ ކަމަށެވެ. އެގޮތުން މިއަހަރު 1،03،022 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކައިގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ފަސް ގައުމެއް ވަނީ މީޑިއާ އައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރަނީ ޗައިނާ އިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމަކީ އިޓަލީކަމަށް ވާއިރު ތިންވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތް ކުރަނީ އިންޑިއާގެ ފަތުރުވެރިންނެވެ. ހަތަރުވަނައަށް ޖަރުމަނު ފަތުރުވެރިން ހިމެނޭ އިރު ފަސްވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތް ކުރަނީ އިނގިރޭސި ވިލާތުގެ ފަތުރުވެރިންނެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި އިންޑިއާއިން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ.
ޓުއަރިޒަމް މިނިސްޓްރީ އިން އަންނަނީ ކޮންމެ މަހަކުވެސް އެ މިނިސްޓްރީގެ އެކި ތަފާސް ހިސާބުތައް އާންމު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ