އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު އެމްޑީޕީގެ މީހުން އެނގޭ ކަމަށް އަދުރޭ ވިދާޅުވުމުން އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފި

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ އެމްޑީޕީގެ ބޭފުޅުންނާއި ސަރުކާރުގެ ބޭފުޅުން އެނގިވަޑައިގަންނަވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވާހަކަދެއްކެވުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޭނާ ހާޒިރުކޮށްފި އެވެ.
އަބްދުއްރަހީމް މިއަދުގެ ވަގުތެއްގައި އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަން އޭސީސީން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް ބަލަމުންދާ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ އެމްޑީޕީގެ ބޭފުޅުން އެނގޭ ކަމަށް ދޭހަވާ ގޮތަށް އަބްދުއްރަހީމް ވާހަކަދެއްކެވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ހޯދި ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ އަމަލުތަކެއް އެމަނިކުފާނު ހިންގެވި ކަމަށް ބުނެ އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅިގެން ދެއްކެވި ވާހަކަފުޅެއްގަ އެވެ.
ޕީޕީއެމްއާއި ޕީއެންސީގެ ބައެއް ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އޭސީސީން ތަހުގީގުކޮށް މިމަހުގެ 14 ވަނަ ދުވަހު ނެރުނު ރިޕޯޓްގައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު 155 މީހެއްގެ ނަން ހާމަކޮށްފަ އެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެމީހުންގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށް ކަމެއް މިރިޕޯޓުން އެނގޭކަށް ނެތެވެ.
އޭސީސީގެ ރިޕޯޓްގައި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ބައެއް މުހިއްމު ބައިތައް އުނިކޮށް ބައެއް މީހުން ސަލާމަތް ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ