ވަރުގަދަ ބިންހެލުމެއްގެ އަސަރު ރާއްޖެއަށް ކޮށްފި ބިންހެލުމާ ގުޅިގެން ސުނާމީއެއްގެ އިންޒާރު ދީފި

އިންޑޮނޭޝިއާގެ ސުމާޓްރާ އަށް އައި ބާރުގަދަ ބިންހެލުމެއްގެ އަސަރު މާލެއަށާއި ރާއްޖޭގެ އެކި އަތޮޅުތަކަށް ކޮށްފި އެވެ. މި ބިންހެލުމުގެ އަސަރު މާލެ އަށް ކުރީ ރޭ 45: 9 އެހާކަންހާއިރު އެވެ.
މި ބިންހެލުމުގެ ގުޑުން ތަޖުރިބާކުރި މާލޭގެ ވަރަށް ގިނަ ގޭގެ މީހުންތައް ވަނީ މަގުތަކަށް ނުކުމެފަ އެވެ. ޚާއްސަކޮށް އުސް އިމާރާތްތަކުގައި ތިބި މީހުންތައް ވަނީ ހަމަ ބިމަށް ފައިބައިފަ އެވެ.
(މި ބިންހެލުމާ ގުޅޭ ގޮތުން ލިބޭ ފަހުގެ ހަބަރުތައް ތިރީގައި މި ވަނީ އެވެ)
ތިރީގައި މި ވަނީ ރައީސް މައުމޫން އިންޑިއާގެ ނިއު ދިއްލީގައި ހުންނަވައި ރޭ 02: 00 ގައި ޓީ.ވީ.އެމަށް ދެއްވި އިންޓަވިއު:
"ދުނިޔޭގެ އެކި ތަންތަނާ ގުޅައިގެން މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ އަޅުގަނޑުމެން ބަލައިފިން. އެންމެ ފުރަތަމަ އަޅުގަނޑުމެން ގުޅީ އިންޑިޔާގެ ސައެންސް އެންޑް ޓެކްނޮލިޖީ މިނިސްޓްރީއާ. އެތާނގެ ސެކްރެޓަރީ ރާމާ މުރުތީއާ ގުޅުމުން އޭނާ ވިދާޅުވީ އިންޑިޔާއަކަށް އެއްވެސް ކަހަލަ އަސަރެއް ނުކުރެއޭ އަދި ނިކޮބާ އަންޑަމަން އައިލެންޑްސް އަކަށް ވެސް އާދަޔާހިލާފަށް ރާޅެއް އެއްވެސް އެއްޗެއް ނޫޅެއޭ. އެކަމަކު އަދިވެސް ބައްލަވަމުންނޭ މި ގެންދަވަނީ. ދެން އަޅުގަނޑުމެން ގުޅިން ސިންގަޕޫރުގެ އެންވަޔަރަންމަންޓް މިނިސްޓްރީއާ. އެތަނުން ވެސް ވިދާޅުވަނީ އެކަހަލަ ރާޅެއްގެ އެއްވެސް އަސަރެއް ފެންނާކަށް ނެތޭ. ތިމަންނަމެން ބަލަމުންނޭ މިދަނީ. ދެން ޔޫއެންގައ ހުންނަވާ އަޅުގަނޑުމެންގެ ސަފީރާ ގުޅާފައި ދެންނެވިން އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ގުޅުއްވާފައި މައުލޫމާތު އޮޅުންފިލުއްވާފައި ވަރަށް އަވަހަށް އަޅުގަނޑަށް އަންގަވައިދެއްވާށޭ. އޭނަ ވަރަށް އަވަހަށް އެ މަސައްކަތް ކުރައްވައި އަޅުގަނޑަށް އަންގަވައިދެއްވި. އޭނާ ގުޅުއްވި އެންމެ މުހިންމު އެއް ފަރާތަކީ ޕެސިފިކް ސުނާމީ ވޯނިން ސެންޓަރާ. އެތަނާ ގުޅީމަ އެ މީހުން ވެސް ބުނީ ސުނާމީ އައުމުގެ ފުރުސަތު އެބައޮތޭ. އެކަމަކު އެއްވެސް ކަހަލަ ކަމެއް ވީކަމެއް އަދި އެނގިފައެއް ނެތޭ. އަދި ގަޑިއެއްހާއިރު ފަހުންނޭ އަހަރެމެންނަށް ކަނޑައެޅިގެން އެއްޗެއް ބުނަން އެނގޭނީ. މިހާރު އޭގެ ފަހުން ގަޑިއެއްހާއިރު މިވީ. ދެން އަޅުގަނޑަށް ހީވަނީ އިތުރު މައުލޫމާތެއް އެ މީހުން ނުދޭހެން. ދިން ނަމަ ޑރ. ލަތީފު އަޅުގަނޑަށް އެންގެވީސް. ދެން މިހާރު އިންޑޮނީޝިޔާ ތަންތަނުން ވެސް އަދި މިހާތަނަކަށް ރާޅުގެ އެއްވެސް އަސަރެއް ނުފެނެއޭ. ކުރީ ފަހަރު ވެސް ބިންހެލުން އައިތާ ތިން ގަޑިއިރު ފަހުން ރާއްޖެއަށް ވެސް އައި ސުނާމީ އަދި އިންޑޮނީޝިޔާ ތައިލެންޑް ތަންތަނަށް އެއަށް ވުރެ މާކުރިން އައި. އެ ތަންތަނުން ވެސް މިހާރު ވޯނިން ދީފައި ވަނީ އެކަމަކު އެ ތަންތަނަކަށް ވެސް އަދި ރާޅުގެ އެއްވެސް އަސަރެއް ނުފެނޭ. އެހެންވީމަ އިރާދަކުރެއްވިޔާ ހަމަ އެއްގޮތަކަށް ވެސް މިފަހަރު އެކަހަލަ ކަމެއް ނުވާނެ. އަޅުގަނޑުމެން ހަމަ ﷲ ގެ ހަޒުރަތުގައި ދުއާ މި ދަންނަވަނީ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނާ އަޅުގަނޑުމެންގެ މި ސަރަހައްދު މި ކަހަލަ ނުރައްކާތަކުން ސަލާމަތް ކޮށްދެއްވުމަށް. އިރާދަކުރެއްވިއްޔާ މިހާތަނަކަށް އެއްވެސް ކަހަލަ ރާޅެއްގެ އަސަރެއް ނުފެނޭ. އިރާދަކުރެއްވިއްޔާ މިފަހަރު އެކަހަލަ ކަމެއް ދިމައެއް ނުވާނެ. އެހެން ނަމަވެސް އަޅުގަނޑުމެން އަބަދު ވެސް މި ތިބީ މިހާރު ވެސް މި ތިބީ އެކި ފަރާތްފަރާތާ ގުޅައިގެން މައުލޫމާތު ހޯދުމުގައި. އެހެންވީމަ ކިރިޔާ ވެސް މައުލޫމާތެއް ލިބިއްޖިއްޔާ ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން މާލެއަށް ވެސް އަންގާނެ. އެކަމުގައި އަޅުގަނޑުމެން ވެސް ތިބި ވާހަކަ ދަންނަވާލަން. އިރާދަކުރެއްވިއްޔާ ކަންބޮޑުވެ ވަޑައިނުގަންނަވާށޭ. އިރާދަކުރެއްވިއްޔާ މިރޭ އެއްވެސް ގޯހެއް ނުވާނެއޭ. މިކަމަށް ވަރަށް ބޮޑަށް އުއްމީދުކޮށްގެންނޭ މިތިބީ. އަދި އެއްވެސް ކަހަލަ ސުނާމީގެ އެއްވެސް އަސަރެއް އެއްވެސް ތަނަކަށް ފެނުނުކަމުގެ ހަބަރެއް އަދި ނުލިބެއޭ. އެހެންވީމަ އެގޮތަށް ވާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަނީ. އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ (އެ ވާހަކަ)
އަޅުގަނޑުމެން އެޅެން އޮންނާނެ ފިޔަވަޅަކީ ރާއްޖޭގެ ކަންތައްތައް ހުރި ގޮތުން ރައްކާތެރިކަމުގެ ގޮތުން އަޅުގަނޑުމެން ތިބުން. ރަށްރަށުގައި ވެސް އުސް ތަންތަން ހުރިއްޔާ އުސް ތަންތަނަށް މީހުން ގޮސް ގޮނޑުދޮށާ ދުރު ތަންތާނގައި ތިބުން. ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުން. އެއީ ކުރީ ފަހަރުގައި ވެސް އަޅުގަނޑުމެން ނުދެނެ ތިއްބާ ސުނާމީ އައީމަ ބައެއް ރަށްރަށުން އެ ގޮތަށް އަމަލުކުރީމަ ވަރަށް ގިނަ މީހުންނަށް ސަލާމަތްކަން ލިބުނު. އެކަހަލަ ގޮތެއް އަޅުގަނޑުމެން ހެދެން އޮންނާނީ. މިކަމަށް އެންމެން ރައްކާތެރިވެ ހޭލާތިބުން ހަމަ ކިރިޔާ ވެސް މިކަހަލަ ކަމެއް ފެށޭ ކަމެއްގެ އަސަރު ފެނިއްޖިއްޔާ ސަރުކާރުން މީހުންނަށް އަންގާނެ. ޓީވީ އާއި ރޭޑިޔޯ މިރޭ ހުންނާ ހުޅުވާފައި."
29: 00
އަވަށްޓެރި ލަންކާގައި ވަނީ ސުނާމީ ވޯނިން ދީފައި. އައްސޭރިފަށުގައި ދިރިއުޅޭ މީހުން އެއްގަމުގެ ސަރަހައްދުތަކަށް ދިއުމަށް ވަނީ އަންގައިފައި.
25: 00
މާލޭގެ ބައެއް ފިހާރަތަކުންނާއި އަތިރިމަތީ ސަރަހައްދުގައި ހުރި ބައެއް އޮފީސްތަކުން ތަކެތި ހުސްކުރަން ފަށައިފި. އެގޮތުން ރަށްކާތެރިކަމުގެ ފިޔަވަޅު އެންމެ ބޮޑަށް އަޅަމުން ދަނީ މާލޭގެ ދެކުނު ފަރާތަކުގެ ފިހާރަތަކުގައި. މާލޭގެ ދެކުނު ފަރާތު ކުނިގޮނޑު ކައިރީގައި ހުންނަ މޯލްޑިވްސް ގޭސްގެ އޮފީހުގެ ކޮމްޕިއުޓަރުތަކާއި ފަރުނީޗަރުތައް މިހާރު ދަނީ ނެރެމުން.
މާލޭ އުތުރު ފަރާތުގެ ގިނަ ފިހާރަތަކާއި އެއްގަމުގައި ހުންނަ ބައެއް ފިހާރަތަކާއި ގުދަންތަކުގައި ބޭރު ދޮރުތަކުގައި ޕްލައިވުޑް ފިލަ އާއި ތަރުފާލު ޖަހައި، ބަންދުކުރަމުން އެބަދޭ. ބައެއް ފިހާރަތަކުގައި ހުރި މުދާތަކުގެ ދަށަށް އެއްޗެހި ލައްވައި ދަނީ އުސްކުރަމުން.
މާލޭ އުތުރު ފަރާތު ފަޅުތެރޭގައި ހުރި ދޯނިފަހަރު ތޮށިގަނޑާ ތަންކޮޅެއް ބޭރަށް ޖައްސައިފި.
02: 00
ރައީސްގެ އިންޓަވިއު/ ޓީ.ވީ.އެމް: އިންޑިއާގެ މޫސުމާ ބެހޭ އޮފިޝަލުންނާ ގުޅުއްވައިގެން މައުލޫމާތު ހޯއްދެވި ކަމަށް ވިދާޅުވި.
28 މާޗު 2005
55: 23
ބާޒާރުމަތީ ފިހާރަތަކުން ހަލާކުވާ ފަދަ މުދާތައް ނެރެ ގުދަންތަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފި. ބައެއް ފިހާރަތަކުގެ ދޮރުމައްޗަށް ގިނަ އަދަދެއްގެ މުދާ ވަނީ ނެރެފައި. ޕިކަޕް ލޮރީ ފަދަ ތަކެއްޗަށް މުދާ އެރުވުމުގެ މަސައްކަތް ދަނީ ކުރަމުން.
45: 23
ކ. ދިއްފުށީ: ކަތީބު އަދުނާނު އިބްރާހިމް: ރަށުގެ ރައްޔިތުން ތިބީ ތައްޔާރުގައި. އަދި ވަރަށް ބިރުން. ދޯނިފަހަރު ވެސް ތައްޔާރުކޮށްފައި ހުރީ. އަދި އެންމެންނަނަށް އަންގަމުން މި ގެންދަނީ ތައްޔާރަށް ތިބުމަށް (ދިއްފުއްޓަކީ ޑިސެމްބަރު 26 ގެ ހާދިސާގައި ބޮޑަށް ގެއްލުންވި ރަށެއް.)
އުތުރުގެ ބައެއް ރަށްރަށުގައި މިހާރު ވަނީ ވޯނިން ދީފައި.
ޑިސެމްބަރު 26 ގެ ސުނާމީގައި މާލޭން އެންމެ ބޮޑަށް ގެއްލުންވި ހެންވޭރުކޮޅުގެ ގޭގެ އާއި ބާޒާރުމަތީ ފިހާރަތަކުން ވެލި ބަސްތާ ތައްޔާރުކޮށް ޖައްސަން ފަށައިފި. ދިވެހި ރާއްޖޭގެ އަޑު ސަރަހައްދު ޕާކުން ވެލި ނަގައިގެން ގޯންޏަށް އެޅުމުގައި އަންހެނުން ވެސް ދަނީ ހަރަކާތްތެރިވަމުން.
ހދ. ކުޅުދުއްފުށި: ބަނދަރުމަތީގައި ހުރި ފިހާރަތަކުގައި ފިލަ އާއި ވެލި ބަސްތާ ޖަހަމުން ދަނީ. އަދި ރަށު ތެރޭގައި ވެސް ތައްޔާރުވަމުން ދަނީ ވެލި ބަސްތާތައް ތައްޔާރުކޮށްފައި ހުރީ. ގިނަ ބަޔަކު ތިބީ މަގުމައްޗަށް ނުކުމެ. ވަރަށް ބިރުން އުޅެނީ.
44: 23
ބިންހެލުން އައިތާ ދެ ގަޑިއިރު ވީ އިރު ވެސް ސުނާމީގެ އަސަރެއް އިންޑޮނޭޝިއާ އަށް ނެތް ކަމަށް އޭ.އެފް.ޕީ ބުނެފި
40: 23
ޑިސެމްބަރު 26ގެ ސުނާމީގައި މުޅިން ސުންނާފަތިވި އެއް ރަށް ކަމުގައިވާ ތ. ވިލުފުށި ރައްޔިތުން ދިރިއުޅެމުން އަންނަ އެ އަތޮޅު ބުރުނީގައި ތިބި ވިލުފުށީ ރައްޔިތުންނާއި ބުރުނީ ރައްޔިތުން ރަށުގެ މެދުގައި ހުންނަ މިސްކިތް ދަށަށް ދަނީ ޖަމާވަމުން. ރަށު ތެރޭގައި ރުއިމުގެ އަޑު ކޮންމެވެސް ވަރަކަށް އެބަހުރި.
30: 23
މާލޭގެ އެކި ހިސާބުތަކުގައި ބަސްތާތަކަށް ވެލި އަޅައި ވެލި ގޯނި ޖެހުމުގެ މަސައްކަތް ފަށައިފި.
15: 23
މ. މުލީގެ ހުރިހާ އެންމެން މިސްކިތްދޮށަށް އެއްވެފައި އެންމެން ނަމާދުކޮށް، ދުއާކުރަމުން މިހާރު ގެންދަނީ. ވާ ގޮތަކުން ދޯނިފަހަރަށް އަރާގޮތަށް އެންމެން ވެސް ތިބީ. އެކަމަކު މުލީ ފަޅުގައި މިވަގުތު އޮތް ކަމަށްވަނީ ގާތްގަނޑަކަށް ތިން ދޯނިވަރު. އެހެންވެ އެންމެންނަށް ދޯނިފަހަރަށް ނޭރޭތީ ތިބީ ކަންބޮޑުވެފައި. ރަށުގެ އާބާދީ ގާތްގަނޑަކަށް .700 ރަށުގެ ބައެއް މީހުންނަށް ބިންހެލުމެއްގެ އިހުސާސްވެސްވި.
މައުލޫމާތު ދިނީ ރަށު ބޫތުން ވާހަކަ ދެއްކި މީހެއް ( އަބްދުﷲ ހަމީދު 34 އަހަރު)
10: 23
ލ. މުންޑޫގައި ތިބި 360 މީހުން ދޯނިފަހަރަށް އަރައިފި. ގިނައީ އަންހެނުންނާއި ކުޑަކުދިން. މައިބައިދޫ މީހުން ވެސް ދޯނިފަހަރަށް އަރަނީ. ތ. މަޑިފުށީ މީހުން ވެސް ދޯނިފަހަރަށް އަރަނީ.
05: 23
މ. ކޮޅުފުށީގެ 90 ޕަސަންޓް މީހުން، ފަޅުގައި ހުރި އޮޑިދޯނިފަހަރަށް އަރައިފި. ރަށުގައި އޮތީ 9 ދޯނި. ދޯނިފަހަރަށް އެރީ އަންހެނުންނާއި ކުޑަކުދިން،. އަނެއް ބަޔަކު ތިބީ ސްކޫލް ހޯލްތެރެއަށް އެއްވެ. -ރަށު ފޯނު ބޫތުން ވާހަކަ ދެއްކި މީހަކު
00: 23
ައަލްގީން؛ ހަވީރު އިންޓަވިއު: ސުނާމީއެއް އުފެދިއްޖެ ނަމަ އަންނާނީ މެދު ރާއްޖެތެރޭގެ އިރުމަތީގެ އަތޮޅުތަކަށް. އެއީ ތ. އަތޮޅުން އުތުރަށް ހުރި އަތޮޅުތަކަށް.
45: 22
އަބްދުﷲ އަލްގީން، ޑިޕިއުޓީ ޑައިރެކްޓަރު، ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީ ޓ.ީވީ އިންޓަވިއު: ބިންހެލުން އައީ ކަނޑުގެ 30 ކިލޯމީޓަރު އަޑިން. ރިކްޓަ މިންގަނޑަކީ .8.5 ސުނާމީއެއް އުފެދިދާނެ ކަމަށް ހަވާއީ ވޯނިން ސެންޓަރުން އިންޒާރު ނެރެފައިވޭ. މި ސަރަހައްދުގެ ސުނާމީއެއް އުފެއްދިއްޖެ ނަމަ ރާއްޖެ އަށް އަސަރުކުރުން އެކަށީގެންވޭ. ލަފާކުރެވެނީ ތިން ގަޑިއެއްހާއިރު ފަހުން ރާޅު އަރާފާނެ ކަމަށް. މިރޭ 12 އާއި 1 އާ ދޭތެރޭގައި ރާޅު އައުމަކީ އެކަށީގެންވާ ކަމެއް. މިރޭ ބޮޑު ދިޔަވަރު ޖެހެނީ 10: 1 ގައި ރާއްޖޭގެ އުތުރަށް. ދެކުނަށް 10: 2 ގައި. މި ގަޑިއާ ދިމާވެއްޖެ ނަމަ މިކަމުން ކުރާ އަސަރު ބޮޑުވާނެ. ރަށްރަށާއި ރިސޯޓުތަކުން، ގޮނޑުދޮށްތަކުން ދުރަށް ގޮސް، ރައްކާތެރި ސަރަހައްދުތަކަށް ދިއުން އެދެން. އެއް ރާޅަށްވުރެ ގިނަ ރާޅު އައުން އެކަށީގެންވޭ. ފުރަތަމަ ރާޅު ދަމާލައިފައި ދެވަނަ ރާޅެއް އައުން އެކަށީގެންވޭ. ރާޅު ބަލަން ގޮނޑުދޮށްތަކަށް ދިއުން ރައްކާތެރިއެއް ނޫން. ސުނާމީއެއް އުފެދިއްޖެ ކަމެއް އަދި ޔަގީންކޮށް ދަންނަވާކަށް ނޭނގޭ.
30: 22
"އަހަރެން ކާރުގައި އިންދާ ކާރު ކުއްލިއަކަށް ތެޅިގަތީ. އަހަރެން ހީކުރީ އިންޖީނުގެ މައްސަލައެއް ޖެހިގެން ވައިބްރޭޓްވާން ފެށީ ކަމަށް. ގާތްގަނޑަކަށް މިނިޓެއްހާއިރު ވަންދެން އެކަން އިހުސާސްކުރެވުނު. ފަހުން އެހެން މީހަކު ގުޅައިފައި ބުނުމުން އެނގުނީ އެއީ ބިންހެލުމެއްގެ އަސަރުކަން." އަކުރަމް
"މި ގޭ މަތީބުރީގައި ތިބި ކުދިން ކުއްލިއަކަށް ތިރިއަށް ފޭބީ ފެންފުޅިތައް ތެޅޭތީ. ގާތްގަނޑަކަށް ބައި މިނިޓް އިރު ވަންދެން އެކަމުގެ އަސަރު ކުރި." ހދ. ކުޅުދުއްފުށީ މުސްތަރީގެއިން ވާހަކަ ދެއްކި މީހަކު.
"ދެ ވަނަ ބުރީގައި ހުރި ކޮޓަރީގައި އަހަރެން އޮތީ އެނދުގައި އޮށޯވެގެން ޓީވީ ބަލަން. ކުއްލިއަކަށް ފެނުނީ އަލަމާރިމަތިން ކްރީމްފުޅިއެއް ވެއްޓުނުތަން. ދެން ސިއްސައިގެން ގޮސް ބަލައިލި އރިު މުޅިތަން ތުރުތުރުއަޅާ. ދެން އަވަހަށް ތިރިއަށް ފޭބީ. މަގުމައްޗަށް ނުކުތް އިރު އެންމެން ތިބީ މަގުމައްޗަށް ނުކުމެ،" -އާޓިފިޝަލް ބީޗުކައިރީގައި ހުންނަ ގެއެއްގައި ދިރިއުޅޭ އެޑަމް
24: 22
އިންޑޮނޭޝިއާގެ ސުމާޓްރާ އަށް ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށް ބީ.ބީ.ސީއާ ހަވާލާދީ ދިވެހި ރާއްޖޭގެ އަޑުން ދެންމެ ބުނެފި. ނަމަވެސް އެ ބިންހެލުމުން ރާއްޖެ އަށް އެއްވެސް އަސަރެއް ކުރި ކަމަކަށް ނުބުނޭ.
15: 22
އިންޑޮނޭޝިއާގެ ސުމާޓްރާ އަށް ބިންހެލުން އައީ 09: 16 (ޖީ.އެމްޓީ)
(މާލޭ ގަޑިން 09: 21) ގައި. ޔޫ.އެސްގެ ޖިއޯލޮޖިކަލް ސާވޭ
މި ބިންހެލުން އައީ ސުމާޓްރާގެ ރަށެއް ކަމަށްވާ ސިބޮލޮޖާގެ 205 ކިލޯމީޓަރު ހުޅަނގުންނެވެ.
ސުމަޓްރާ އަށް މި ބިންހެލުމުގެ އަސަރު ރިކްޓަ މިންގަނޑުން 8.2 އަށް އަރާ ކަމަށް ޔޫ.އެސްގެ ޖިއޯލޮޖިކަލް ސާވޭއާ ހަވާލާދީ އޭ.އެފް.ޕީން ދެންމެ ހަބަރު ދިނެވެ. ޔޫ.އެސްގެ ޖިއޯލޮޖިކަލް ސާވޭން ދައްކާ ގޮތުގައި މިއީ ޑިސެމްބަރު 26ގެ ބޮޑުރާޅާ ގުޅިގެން އައި އާފްޓަޝޮކެކެވެ. މީގެ ތިން މަސް ކުރިން ސުމާޓްރާ އަށް އައި ބިންހެލުމުގައި އުފެދުނު އިންޑިއަން އޯޝަން ސުނާމީގެ ސަބަބުން ދުނިޔޭގައި 273،000 މީހުން ވަނީ މަރުވެފަ އެވެ. އެ ބިންހެލުމުގެ ސަބަބުން މުޅި ރާއްޖޭގެ 82 މަރުވެމ 26 މީހުން ވަނީ ގެއްލިފަ އެވެ. އެ ފަހަރު ބިންހެލުން އައީ ރިކްޓާ މިންގަނޑުން 9.0 ގަ އެވެ.
ބިންހެލުމުގެ އަސަރުކުރުމާ އެކު، މާލޭގެ ޓެލެފޯން ނެޓްވޯކް ވަނީ ބިޒީވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ