ޖަމީލަކީ ވަރަށް ގާބިލް އިލްމީ ބޭފުޅެއް - ޔާމީން

ޕީޕީއެމްގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދަކީ ވަރަށް ގާބިލް އިލްމީ ބޭފުޅެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމުން ރިޔާސީ ކެންޑިޑޭޓުންނާ އެކު ގެނެސްދޭ ޕްރޮގްރާމްތަކުގެ ތެރެއިން “އަބްދުﷲ ޔާމީނާއިއެކު ދިވެހިރާއްޖޭގެ އަޑު” މި ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމްގައި އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޔާމީން ވިދާޅުވީ ޖަމީލް ރަނިންމޭޓަކަށް ހަމަޖެއްސުމަކީ ޕާޓީއަށް ލިބުނު ކުރިއެރުމެއް ކަމަށް ކައުންސިލުން ވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ޕީޕީއެމްގައި ވެސް ވަރަށް ގާބިލް ބޭފުޅުން އެބަތިއްބެވި،(ރަނިންމޭޓަކަށް) ހަމައެއާއިއެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހަމަ އިންސާފުވެރި ނަޒަރަކުން ވިސްނިވައިފިއްޔާ ޑރ.ޖަމީލަކީ ވަރަށް އިލްމީ ގާބިލް ބޭފުޅެއް،" ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވި އެވެ.
ޖަމީލު މީގެކުރިން ޕާޓީއަށް ވަދެވަޑައިނުގަތަސް ޕީޕީއެމްއާއި އެކު މަސައްކަތްކުރައްވާތާ ދުވަސްކޮޅެއްވެފައިވާކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ޕީޕީއެމްއިން ބޭނުންވީ ޖަމީލް ކުރިން ނިސްބަތްވެވަޑައިގެންނެވި ގައުމީ ޕާޓީ އާއި އެކު ކޯލިޝަން ހެދުމަށް ކަމަށާއި އެޕާޓީ ތެރޭގައި ޖަމީލް އެކަން ކުރައްވަން ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށެވެ.
"ޖަމީލް ޕީޕީއެމްއަށް ވަދެވަޑައިގަތުމުގެ ކުރިން އަޅުގަނޑުމެންނާއިއެކީ މަސައްކަތްކުރައްވަމުން ގެންދަވާތާ އަޅުގަނޑު ހަދާންވާ ގޮތުން ހަތަރު ފަސް ވަރަކަށް މަސް ދުވަސްވެއްޖެ، ޖަމީލަކީ އަޅުގަނޑަށް ވުރެ އެތައް ތަނެއް ހަގު ބޭފުޅެއް، އެހެންނަމަވެސް ރައީސް މައުމޫންގެ ކެބިނެޓުގައި އަޅުގަނޑާއިއެކު ވެސް ހިދުމަތްކުރެއްވި ބޭފުޅެއް." ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވީ ޖަމީލްގެ ގާބިލްކަމާއި މެދު ސުވާލެއް ނުއުފެދޭ ކަމަށާއި ޕީޕީއެމް ގައި ތިބި އިލްމީ ގާބިލް ބޭފުޅުން ވެސް ސުވާލެއް ނުއުފައްދަވާ ކަމަށެވެ.
"ޕާޓީގެ ކައުންސިލުން ގަރާރެއް، ވަރުގަދަ ޝަރުތުތަކެއް ކަނޑައެޅުއްވި، ކެންޑިޑޭޓުގެ ރަނިންމޭޓަކަށް ހުށަހަޅާ މީހެއްގެ ގާބިލްކަމާއި ދޭތެރޭގައި ވަރަށް ވަރުގަދަ ޝަރުތުތަކެއް ކަނޑައެޅުއްވި ، އެ ޝަރުތުތަކަށް ބަލާފައި އަޅުގަނޑަށް ހަމަ ގަބޫލުކުރެވުނީ މި ޝަރުތުތަކަށް އެންމެ ފެތޭ އަޅުގަނޑުމެންގެ ޕާޓީން މިކުރާ މަސައްކަތަށް މުއްސަނދި ކަމެއް ގެނެސްދެއްވާނެ ބޭފުޅަކީ ޑރ.ޖަމީލް ކަމަށް،" ޔާމީން ވިދާޅުވި އެވެ.
މި ޕްރޮގްރާމްގައި އެހުންތެރިޔަކު ކުރި އެހެން ސުވާލަކަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ނުވެ، ދެވަނަ ބުރަށް ދާ ދެ ޕާޓީއަކީ އެމްޑީޕީ އާއި ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށްވާ ނަމަ ގާސިމަށް ބައިއަތު ހިފަން ތައްޔާރަށް ހުންނެވި ކަމަށެވެ.
"އަޅުގަނޑުމެން ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ޕީޕީއެމް ނުގޮސް ގާސިމް ވަޑައިގެންފަ، ނޫނީ ޖޭޕީ ގޮއްސަ، ދެވަނަ ބުރަށް ދާ އަނެއް ޕާޓީއަކީ އެމްޑީޕީ ކަމަށް ވަންޏާ ދިވެހި ރައްޔިތުން ޝައްކަކާނުލާ ގަބޫލުކުރައްވާ އަޅުގަނޑުމެން ގާސިމާ އެކީ މަސައްކަތްކުރާ ނަން،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަށް އުއްމީދު ކުރައްވާ ކަމަށާއި އެ އުންމީދު އޮތީ ސައްހަ މެމްބަރުން އެންމެ ގިނަ ޕާޓީއަކީ ޕީޕީއެމް ކަމަށް ވާތީ އާއި މިދިޔަ ދުވަސްތަކުގެ ތެރޭގައި ބޭއްވި ތަފާތު 20 އިންތިހާބުގެ ތެރެއިން 17 އިންތިހާބު ޕީޕީއެމުން ކާމިޔާބު ކޮށްފައިވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ