ކައުންސިލްތަކަށް ބަޖެޓްގައި ކަނޑައެޅި ފައިސާ ރިވައިސްކުރަނީ

ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ލޯކަލް ކައުންސިލްތަކަށް ދޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެއްގޮތަށް ކައުންސިލްތަކަށް ބަޖެޓްގައި ކަނޑައެޅި ފައިސާގެ އަދަދު ރިވައިސްކުރާނެ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ޕްރެސް ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގައި ކަނޑައަޅާފައި އޮތީ ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުުމަށް ކަމަށާއި އާމްދަނީ އަށް ބަދަލު އަައުމުން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.
"ލާމަރުކަޒީ ގާނޫނުގައި ފާހަގަކޮށްފައި ވަނީ ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ދެއްްތޯ، ލިބޭ އާމްދަނީގެ ފަސް ޕަސެންޓް އަޅުގަނޑުމެން ކައުންސިލްތަކަށް އިއާމާކް ކުރަން ޖެހޭނެ ކަމަށް. ލިބޭނެ އާމްދަނީ މިހާރު މިއޮތީ ބޮޑުތަނުން ކުޑަވެފައި. އެހެންވީމާ އަޅުގަނޑުމެން އެއަށް ވެސް ރިވިޝަންތަކެއް ހަދާނަން. ރިިވިޝަންތައް ހަދާފައި އަޅުގަނޑު މި ގަސްދުކުރަނީ މަޖިލީހަށް އަންނަ ހަފްތާގައި ހުށަހަޅަން،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ކައުންސިލްތަކަށް ދޭ ބަޖެޓް ރިވައިސް ކުރަން މަޖިލީހަށް ހުށަހަޅަން ޖެހެނީ އެއީ ގާނޫނަކުން ވަކި ގޮތަކަށް ކަނޑައަޅައިގެން ކޮށްފައިވާ އަންދާޒާތަކަކަށް ވާތީ ކަމަށެވެ.
އަމީރު ރޭ ވިދާޅުވީ ދައުލަތުން ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދު (ރިކަރަންޓް އެކްސްޕެންޑިޗާ) ގެ ތެރެއިން އުނިކުރާނީ އެއް ބިލިޔަން ރުފިޔާ ކަމަށް ކުރިން އިއުލާނުކޮށްފައި ވިޔަސް މިހާރު ވިސްނުން ހުރީ ހަރަދު އެއަށް ވުރެ ވެސް ކުޑަކުރަން ކަމަށެވެ. އޭނާ ވިދާޅުވީ އިގުތިސާދީ ކާރިސާއެއް އަންނަކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެންމެން ވެސް އެ ހަގީގަތަށް އެބަ އެއްބަސްވާން ޖެހޭ. ދައުލަތުގެ އާމްދަނީ ވެސް އެބަ ކުޑަވެގެންދޭ. ދުނިޔޭގެ ފައިނޭންޝަލް މާކެޓްތަކުގެ އެޕަޓައިޓް ވެސް އެބަ ކުޑަވެގެންދޭ. އެހެންވީމާ އަޅުގަނޑުމެން [ޚަރަދުތައް] އެއް ބިލިޔަން ރުފިޔާ އަށް ވުރެ އިތުރަށް ކުޑަކުރާނަން،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ އެކި ގައުމުތަކުން އެޅި ފިޔަވަޅުތަކާއި އެބަލި ފެތުރުނަ ނުދޭން ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހުއްޓި، އާމްދަނީގެ ބޮޑު ބައެއް ވަނީ ހުއްޓިފަ އެވެ. ސަރުކާރުން ކުރިން ލަފާކޮށްފައި ވަނީ މި އަހަރު ދައުލަތުގެ އާމްދަނީން 139 މިލިޔަން ޑޮލަރާއި 446 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް މަދުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ