މި އަހަރު ނިމުމުގެ ކުރިން ފަތުރުވެރިން އަންނާނެ ކަމަކަށް ނުބެލެވޭ: ރައީސް ނަޝީދު

މި އަހަރު ނިމުމުގެ ކުރިން ރާއްޖެ އަށް އަލުން އަނބުރާ ފަތުރުވެރިން އައިސްދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ގޮތުގައި މި އަހަރަށް އަންދާޒާކޮށްފައިވާ އަދަދަކީ 29.9 ބިލިއަން ރުފިޔާ ކަމަށްވީ އިރު، އެ އަދަދު މިހާރު ނުލިބޭނެ ކަމަށެވެ. އަދި މިހާރު ލަފާކުރެވޭ ގޮތުގައި ޓެކްސް ރެވެނިއުގެ ގޮތުގައި އަންދާޒާ ކުރި 17.8 ބިލިއަން ރުފިޔާގެ ތެރެއިން ވަރަށް ކުޑަ އަދަދެއް ނޫނީ ނުލިބޭނެ ކަން އެމަނިކުފާނު ވިދާޅުވިއެވެ.
އެއީ ރާއްޖެއަށް ފަތުރުވެރިން އައިސްގެން ނޫނީ ލިބޭނެ އަދަދެއް ނޫން ކަމަށްވާ އިރު، މިހާރު ހާލަތު އޮތް ގޮތުން އެ ފައިސާ ނުލިބޭނެ ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
"މި ޓެކްސްގެ ރެވެނިއު މި ލިބެން އަންނަނީ ރާއްޖެއަށް ޓުއަރިސްޓުން އައިސްގެން. ރާއްޖެ އަށް އަންނަ ޓުއަރިސްޓުން އަލުން އަނބުރާ ރާއްޖެއަށް އަންނަން ފަށާނެ ކަމަށް، އަންދާޒާއެއް ކުރެވޭކަށެއް ނެތް، މި އަހަރު ނިމުމުގެ ކުރީގައި އެކަން ވެދާނެ ކަމަކަށް. އަޅުގަނޑަށް ޔަގީން ކަށަވަރު ދިމާވެގެން މިއުޅޭ ކަމުގެ ހައްސާސްކަން ސާފު ވެވަޑައިގަންނަވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ދައުލަތަށް ޓެކުހާއި އާމްދަނީ ކުރިއަށް އޮތް ތަނުގައި ލިބޭނީ ވަރަށް މަދުން ކަމަށާއި އެކަން ވިސްނަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފައިސާ ހޯދަން ދަރަނި ނަގާ އިރު، ދަރަނި ނަގަނީ ކޮންތާކުންތޯ އާއި ދަރަންޏަށް ފައިސާ ލިބޭނީ ކިހާ ދުވަހެއްގެ ތެރޭގައިތޯ ބަލަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަދި ހަނދުމަފުޅު ބަހައްޓަވާތި މުޅި ދުނިޔެ މިވަނީ މި ހާލުގައި ޖެހިފައި. އެހެންވީމާ ފުއްދުންތެރި ގައުމުތަކުން ވެސް ދޭ އެހީތެރިކަން ވެސް މި ވަގުތު މުޅި ދުނިޔެއަށް އެހީތެރިވެދޭން އެބަ ޖެހޭ. އެހެންވީމަ އަޅުގަނޑުމެންނަށް ލިބޭ މިންވަރު ވެސް ކުރީގައި ލިބޭ މިންވަރާ އެއް މިންވަރަށް ނުލިބުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުމެން ނެތް މަންޒަރެއް ކުރައްސަވައިގެން ނުވާނެ. އަޅުގަނޑުމެންގެ ރައްޔިތުންނަށް، ސާފުކޮށް ވަމުންދާ ގޮތް އެނގެން ޖެހޭ." އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރާ އާމްދަނީ ނުލިބުމަކީ ބޮޑު ގޮންޖެހުމެއްކަން މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ދަނީ ފާހަގަކުރައްވަމުންނެވެ.
ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލި 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖާއި މެދު މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަަލަ އާއި ގުޅިގެން، ގިނަ މެމްބަރުން ދަނީ ރާއްޖެ މި ދަނޑިވަޅުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވަމުންނެވެ.
ޚާއްސަކޮށް ރާއްޖޭގެ ވަސީލަތްތައް ބޭނުން ކުރުމާއި، ފަތުރުވެރިކަމަށް ރާއްޖޭގެ އިގްތިސާދު ބަރޯސާވާ މިންވަރު ވެސް ކުޑަ ކުރުމަށް މެމްބަރުން ދަނީ ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ