މާލެ މުއިއްޒުކުރުން ޝިއާރާއެކު މުއިއްޒު މާލޭގެ މޭޔަރުކަމަށް

ނިމިގެން ދިޔަ ސަރުކާރުގެ ހައުސިން މިިނިސްޓަރު އަދި ޕީޕީއެމް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަމަށް ޕީިޕީއެމް-ޕީއެންސީއިން ހާމަކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް ޕީޕީއެމް-ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މާލެއަށް ވަރަށް ބޮޑު ބަދަލެއް އަންނަން ޖެހޭ ކަމަށާއި އަދި އެ ބަދަލުގެނެވެން އޮތީ މާލެ "މުއިއްޒު" ކޮށްގެން ކަމަށެވެ. އަދި ކޮންމެ ގޮތެއް ހަދައިގެންވެސް މާލެ "މުއިއްޒު" ކުރަން ޖެހޭކަމަށް އަދުރޭ ވިދާޅުވިއެވެ. " އަޅުގަނޑު މިރޭ އިއުލާންކުރަން ޑރ. މުހައްމަދު މުއިއްޒު އިރާދަކުރެއްވިއްޔާ މިއަންނަ ލޯކަލް ކައުންސިލް އިންތިހާބްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެޔޭ. އެމަނިކުފާނު އިރާދަކުރެއްވިއްޔާ މާލޭގެ މޭޔަރުކަން ކާމިޔާބުކުރައްވާނެޔޭ. ޑރ. މުއިއްޒުގެ ސްލޯގަން ނުވަތަ ޝިއާރު އިއުލާންކުރައްވަމުން އަދުރޭ ވިދާޅުވީ ޑރ. މުއިއްޒު "މާލެ މުއިއްޒުކުރަން" ކަމަށެވެ. " އެމަނިކުފާނުގެ ޝިއާރަކީ މުއިއްޒުކުރުން" އަދުރޭ ވިދާޅުވި އެވެ. އަދުރޭ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް އެ ޕާޓީން ވަރަށް ރަނގަޅަށް މިހާރު ތައްޔާރުވެ ވަރަށް ފޯރިއާ ޖޯޝާއެކު އިދާރީ މަސައްކަތްތައް އެބަކުރިއަަށްދާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ ރަށްރަށަށް ދަތުރުތައް ފަށާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. " އަޅުގަނޑުމެން ރަށްރަށަށް ގޮސް ނުދަންނަވާނަން އަޅުގަނޑުމެންނާ މިވެނި ބަޔަކާ މިތިބީ އެއް ފިކުރެއްގައޭ. އޮޅުވާލުމެއް އޮޅުވާލައިގެން ކައުންސިލް އިންތިހާބެއް ކާމިޔާބުކުރާކަަށް އަޅުގަނޑުމެން ބޭނުމެއް ނޫން. ދިވެހި ރައްޔިތުންގެ ލޯތްބާއި އިހްތިރާމާއެކު މިއަންނަ ލޯކަލް ކައުންސިލް އިންތިހާބް ޕީޕީއެމް ޕީއެންސީން ކާމިޔާބުކުރާނަން." އަދުރޭ ވިދާޅުވި އެވެ. ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖައްސައިފައިވަނީ އަންނަ އޭޕްރީލް މަހު އެވެ. ޕީޕީއެމްއިން ބުނީ އެ ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށާއި އަދި ވާދަކުރާނީ ޕީޕީއެމްގެ ނަމުގައި ކަމަށެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާކައި، އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރެވިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފި އެވެ. އޭގެ ތެރޭގައި އަންހެން ކައުންސިލަރުންނަށް 384 ޖާގަ ވަނީ ހާއްސަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ