އަންހެން ކުދީން ހިތާނުކުރުމޭ ކިޔައިގެން ވެސް އެ ކުރަނީ ޖިންސީ އަނިޔާ: ރައީސް ނަޝީދު

އަންހެން ކުދީން ހިތާނު ކުރަން ނުޖެހޭ ކަމަށާއި އެކުދީން ހިތާނު ކުރުމޭ ކިޔައިގެން ވެސް އެކުރަނީ ޖިންސީ އަނިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ދާދި ދެންމެ ކުރެއްވި ޓުވީޓެއްގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ އަންހެން ކުދީން ހިތާނުކުރުމާ ގުޅޭ ފަރުވާއެއް ބޭނުން ނުވާ ކަމަށާއި މިހާރު ވަނީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ފާސްކޮށް ތަސްދީގުކޮށްފައި ކަމަށެވެ.
"އަންހެން ކުދީން ހިތާނުކުރުމާ ގުޅޭ ފަތުވާއެއް ބޭނުމެއް ނުވޭ. އެކުދީން ހިތާނު ކުރުމޭ ކިޔައި ތިޔަ ކުރަނީ ހަމަ ޖިންސީ އަނިޔާ. މިފަދަ ކަންކަމަށް ހިތްވަރުދޭ މީހުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ." ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، އަންހެން ކުދީން ހިތާނު ކުރުމާ ގުޅޭ ގޮތުން ދީނުގައި ކަން އޮންނަ ގޮތް އޮޅުން ފިލުވުމަށް އެކަމުގެ ފަތުވާޔަކަށް އެދިވަޑައިގެން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ފަތުވާ މަޖިލީހަށް މި މަހުގެ ފަސް ވަނަ ދުވަހު ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގެ މައްސަލަ ބޮޑުވެ، މީޑިއާތަކަށް ވެސް އެ މައްސަލަގެ ހަބަރުތައް އަރާފައި ވަނިކޮށް، ބައެއް މީޑިއާ ތަކަށް ދެއްވި މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ބުނީ، ފަތުވާ މަޖިލީހުގެ ފަތުވާޔަކަށް މި މައްސަލައިގައި އެދުނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަމަށް އިސްލާމިކް މިނިސްޓްރީގައި އެދިވަޑައިގަތުމުގެ ސަބަބުން ކަމަށެވެ.
މި މައްސަލައިގައި، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ނެރުއްވި މެމޯއަކުން ވަނީ އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ބާތިލު ކުރައްވާފަ އެވެ.
"އަންހެނުން ހިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން. އަދި ހިތްވަރުދޭ ކަމެއް ވެސް ނޫން. މި ކަމުގައި ލަފައެއް ހޯދަން ޖެހޭ ހާލަތެއް އޮތް ކަމަކަށް ނުދެކެން. ވީމާ ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ފޮނުވާފައިވާ ސިޓީ ބާތިލުކޮށް އެކަން އިސްލާމިކް މިނިސްޓްރީއަށް އެންގެވުމަށް ދަންނަވަން." މިނިސްޓަރު އަމީން އެޗްޕީއޭއަށް ފޮނުއްވި މެމޯގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ