އެމްޑީއެން ރިޕޯޓްގެ ބޭރުގަނޑާއެކު ނަޝީދު: މި ވިސްނުމަށް ޖާގަ ދެވިގެން ނުވާނެ!

އިސްލާމްދީނަށާއި ކީރިތި ރަސޫލާ (ޞ.ޢ.ވ) އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ ބޭރުގައި ރަމްޒުކޮށްދޭ ވިސްނުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓްގެ ބޭރުގަނޑުގައި ބޭނުންކޮށްފައިވާ ފޮޓޯއިން ފެންނަނީ ކުރަހާ ކުލަ ޖައްސާފައިވާ ރާއްޖޭގެ ގައުމީ ދިދާގައި ނުބައި ފާހަގައެއް ލައި އަދި ކަޅު ކުލައިގެ ދިދައެއްގައި ރަނގަޅު ފާހަގައެއް ލާފައި ހުންނަ ތަނެވެ.
އެ ކަޅު ދިދައަކީ ދީނީ ހަރުކަށި މީހުން ރާއްޖެ ބަދަލު ކުރަން ބޭނުންވާ ގޮތް ހާމަ ކޮށްދިނުމުގެ ގޮތުން ބޭނުން ކޮށްފައިވާ ފޮޓޮއެއް ކަމަށް ބެލެވެއެވެ.
އެ ފޮޓޯއާއެކު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މަންޒަރަށާއި ވިސްނުމަށް އެއްގޮތަކަށް ވެސް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ މަދު ބަޔަކު އިސްލާމް ދީނަށް ލޯބި ކުރުމުގެ ނަމުގައި ވިއްކަނީ އެ ވިސްނުން ކަަމަށް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ގެންދަނީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ތަފާތު ރަސްމިއްޔާތުތަކުގައާއި ޓުވީޓްތަކުގައި ގިނަ ވާހަކަތަކެއް އެކި މާނައިގައި ދައްކަވަމުންނެވެ.
ޝެއިހް ހުސެއިން ރަޝީދު ލިޔުއްވާފައިވާ ޝަހީހް މުސްލިމްގެ ދިވެހި ތަރުޖަމާ ނެރުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި ހަފްލާއެއްގައި ނަޝީދު ވަނީ، އެމްޑީއެން އާއި އެ ޖަމިއްޔާގެ ރިޕޯޓް ދިފާއު ކުރައްވައިފައެވެ.
އެގޮތުން އެ ރިޕޯޓުގައި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ދޭންޖެހޭ ގަދަރާއި ކަރާމާތް ނުދިނުމާއި ބައެއް ބަސްތައް އެ އޮންނަ ހަމައިގެ ތެރެއިން ބޭނުންކޮށްފައި ނެތްކަން އެއްބަސްވެވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެޖަމިއްޔާއިން ނެރުނު ރިޕޯޓުގެ މަގްސަދަކީ އިސްލާމްދީނާމެދު ނަފްރަތު އުފެއްދުން ނޫން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑެއް ނުދެކެން އެއީ އެއްވެސް ހާލެއްގައި އިސްލާމްދީނަށް ނަފްރަތު ކުރުމަށް، ބަލިކަށި ކުރުމަށް އެދޭތީ ކަމަކަށް. އަޅުގަނޑުމެންގެ ކުދިންނެއް ވެސް އަދި ރިޕޯޓް ލިޔުނު ކުދިން ވެސް އެއްވެސް ހާލަތެއްގައި އެ ބަސްތައް ބޭނުންކޮށްފައި އެވަނީ އެ މާނައިގައި ކަމަކަށް އެ ރިޕޯޓް ކިޔައިގެން އަޅުގަނޑަކަށް ނުފެނުނު. އެއީ އިނގެރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފައި ހުރި ގޮތެއް، އެއީ ވާގޮތެއް ބައެއް ޔުނިވަރިޓީތަކުގައި ގިނަ ދުވަހު ކިޔަވާފައި،" ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ