އަޅުގަނޑާއި ރައީސް ސޯލިހު ވާހަދައްކައިގެން ހައްލު ނުކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވާހަކަދައްކައިގެން ހައްލު ނުކުރެވޭނެ އެއް ކަމެއްވެސް ނޯންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ މިރޭ ކުރިއަށްގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ރައީސް ސޯލިހާއި ރައީސް ސޯލިހާ ގުޅުވައިގެން އާންމުންގެ ފަރާތަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"ބޭފުޅުންނަށް އެނގިވަޑައިގަންނަވަންވީ އެއްޗަކީ އަޅުގަނޑުމެން ދެމީހުންނަށް ވާހަކަދައްކައިގެން ހައްލުނުކުރެވޭނެ ހަމަ އެއް ކަމެއް ވެސް އިރާދަކުރެއްވިއްޔާ ނޯންނާނެ. ވަރަށް ގިނަ ކަންތައްތައް އަޅުގަނޑުމެން ވާހަކަދައްކައިގެން ކޮށްފައި ތިބި ބައެއް އަޅުގަނޑުމެންނަކީ. ކުރިއަށްއޮތް ތަނުގައި ވެސް އަޅުގަނޑުމެން ކުރަން އޮތް ކަންތައްތައް ކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގައި ލަސްކަމެއް އުޅޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ރައީސް ސޯލިހު ސަރުކާރު ހިންގަވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
"ވެރިކަމުގައި ސްލޯ ކަމެއް އުޅޭ ކަމަށް ވެސް ގަބޫލެއް ނުކުރަން. އަދި އަޅުގަނޑު ދެކޭގޮތުގައި ރިޔާސީ ނިޒާމެއް ހިނގަނީ. އަޅުގަނޑު ދެކޭގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ރަނގަޅު ގްރިޕެއް ސަރުކާރުގައި އެބައޮތް. ރައީސުލްޖުމްހޫރިއްޔާ އެކަން ކުރައްވަމުން އެ ގެންދަނީ ވަރަށް ރަނގަޅަށް." އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ