ރީތި ބީޗް ރިސޯޓުގެ އިންޖީނުގޭގައި ރޯވެ ކަަރަންޓު ކެނޑިއްޖެ

ބ. އަތޮޅު ފޮނިމަގޫދޫގައި ހިންގާ ރީތި ބީިޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ރިސޯޓުން ކަރަންޓު ކެނޑިއްޖެއެވެ. އެމްއެންޑީއެފްއިން ބުނި ގޮތުގައި މިއަދު 11:00 ހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި ރޯވެފައި ވަނީ އެ ރިސޯޓުގެ އިންޖީނު ގޭގައިއާއި ވޯކްޝޮޕުގައެވެ. އެ ތަނުގައި ރޯވި އަލިފާންގަނޑު ނިންވާލާފައި ވަނީ އެ ރިސޯޓުގެ ފަޔާ ޓީމުން ކުރި މަސައްކަތުން ކަމަށް އެމްއެންޑީއެފްއިިން ބުންޏެވެ. ރީތި ބީޗް އަދި ރީތި ފަރު ރިސޯޓުގެ ޖެނެރަލް މެނޭޖަރު ރިޑިއަން ޑޭވީސް "ސަން"އަށް ވިދާޅުވީ، އެ ހާދިސާގައި އެ ރިސޯޓުގެ އިންޖީނު ގެއަށް ގެއްލުންވެފައިވާތީ މިހާރު އާ ޖެނެރާޓަރެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެ ހާދިސާގައި ފަތުރުވެރިން ދިރިއުޅޭ ސަރަހައްދާ ހިސާބަށް އަލިފާން ގޮސްފައި ނުވާ ކަމަށެވެ. އަދި އެއްވެސް، ފަތުރުވެރިއަކަށް އަދި މުވައްޒަފަކަށް ގެއްލުމެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. Reethi Beach update pic.twitter.com/GOaFLOeVp9 — Reethi Beach Resort (@reethibeachres) January 12, 2019 ޑޭވީސް ވިދާޅުވީ، އެ ހާދިސާގައި ލިބުނު ގެއްލުމުގެ އަދަދު އަންދާޒާ ކުރަން އަދި ދަތި ކަމަށެވެ. އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ހާދިސާއާ ގުޅިގެން ރީތި ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނީ، ފަތުރުވެރިން އެހެން ތަނަކަށް ބަދަލު ކުރަން ޖެހޭ ހާލަތެއްގައި ބަދަލުކުރާނީ ރީތި ފަރު ރިސޯޓަށް ކަމަށެވެ. ރީތި ބީޗު ރިސޯޓާއި ރީތި ފަރު ރިސޯޓު ހިންގަނީ މެހެގަނީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. ރީތި ބީޗު ރިސޯޓުގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގި އިރު، މިދިޔަ ދާދި ފަހުން މާލެ އަތޮޅުގައި ހިންގާ ގިލި ލަންކަންފުށި ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ރިސޯޓުގެ ހަތް ވޯޓާ ވިލާއަކާއި ރެސްޓޯރަންޓެއް ވަނީ މުޅިން އަނދާފައެވެ. އެ ރިސޯޓު މިހާރު ވަނީ ވަގުތީ ގޮތުން ބަންދުވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ