އަދާލަތަށް އެމްޑީޕީގެ ސިޔާސަތުތައް ޤަބޫލު ކުރެވޭ - ނަޝީދު

އަދާލަތު ޕާޓީއަށް އެމްޑީޕީގެ ވަރަށް ގިނަ ސިޔާސަތުތައް ގަބޫލު ކުރެވޭކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހު ކުރުމާއި، ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އިނާޔަތެއް ދިނުން އަދި އަމިއްލަ އާމްދަނީން ޓެކްސް ނެގުންފަދަ ކަންކަމަށް އަދާލަތު ތާއީދު ކުރާކަމުގައެވެ.
"އަދާލަތު ޕާޓީއަށް، އެމްޑީޕީގެ ސިޔާސަތުތައް ޚާއްޞަ ގޮތެއްގައި އެބަ ވަރަށް ގިނަ ފަހަރަށް ޤަބޫލު ކުރެވޭ. އޭގެތެރޭގައި ޝަރުޢީ ނިޒާމު އިސްލާހު ކުރުން، އަމިއްލަ އާމްދަނީން ޓެކްސް ނެގުން، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން، ވަޒީފާއެއް ނުލިބޭ މީހުންނަށް ވަޒީފާއެއް ހޯދައިދިނުމުގައި އިނާޔަތެއް ދިނުން." ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ނަޝީދު މިއަދު ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ އެންމެ ބޮޑު ވާޖިބަކީ ގިނަ ގޮނޑިތައް ހޯދުންކަމަށށާއި އަދި ކަންކަން ކުރާއިރު، ޕާޓީގެ އަސާސީ ގަވާއިދުގެ އެންމެ އަކުރަކާވެސް އަދި އެންމެ ފޮޅުވަތަކާވެސް ޚިލާފު ނުވާނެކަމުގައެވެ.
"އެމްޑީޕީގެ ރައީސްގެ ގޮތުން އަޅުގަނޑުގެ ވާޖިބަކީ މި ޕާޓީއަށް އެންމެ ގިނަ ގޮނޑޮ ހޯދޭނެ ގޮތެއް ހޯދުން. އަޅުގަނޑު އެކަން ކުރަން މި ޖެހެނީ ޕާޓީގެ ލިޔެފައި އޮތް ހިންގާ ގަވާއިދާ އެއްގޮތަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ގަވާއިދުގެ އެންމެ އަކުރަކާވެސް އަދި އެންމެ ފޮޅުވަތަކާވެސް އަދި ލަފްޒަކާވެސް ބަހަކާވެސް އަޅުގަނޑު ޚިލާފެއް ނުވާނަން." އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ، މި ފަހަރުގެ އިންތިޚާބުގައި ވަރަށް ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީން ހޯދައިދޭނެކަމަށާއި އަދި އިރާދަކުރެއްވިއްޔާ އަދަޔާ ޚިލާފު އަޣުލަބިއްޔަތެއް ހޯދާނެކަމުގައެވެ.
"މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަރަށް ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީން ހޯދާނެ ... އަޅުގަނޑު އިރާދަކުރެއްވިއްޔާ ޕާޓީއަށް އާދަޔާ ޚިލާފު އަޣުލަބިއްޔަތެއް ހޯދާނަން." ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން، ނަޝީދު ވިދާޅުވީ އިއްތިހާދުވީ ސަރުކާރެއް އުފެއްދުމަށްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ކިތަންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނަސް ސަރުކާރު އުފެއްދުމަށް އެމްޑީޕީ ވެފައި އޮތް އެއްބަސްވުމަކާ ހިލާފު ނުވާނެކަމަށާއި އަދި ޚިލާފުވުމުގެ ރޫހެއްވެސް މި ޕާޓީއެއްގައި ނެތްކަމަށެވެ.
"އަބަދުވެސް އެމްޑީޕީން އެންމެ ފާހަގަ ކުރަނީ އިއްތިހާދު މި ވަނީ ސަރުކާރެއް އުފެއްދުމަށް. ސަރުކާރެއް އުފެއްދުމަށް އޮތް އެއްބަސްވުމުގައި އަޅުގަނޑުމެން އަބަދުވެސް އެ އެއްބަސްވުމަށް އިހުތިރާމް ކުރާނަން. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ކިތަންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނަސް އަޅުގަނޑުގެ އަމާޒުގައި ސަރުކާރު އުފެއްދުމަށް އެމްޑީޕީ ވެފައި އޮތް އެއްބަސްވުމަކާ ހިލާފެއް ނުވެވޭނެ. އަދި ވުމުގެ ރޫހެއްވެސް މި ޕާޓީއެއްގައި ނެތް." ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ