މި ސަރުކާރު އުފެދުނީ އެމްޑީޕީގެ މެނިފެސްޓޯގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ކުރަން: ނަޝީދު

އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު އުފެދިގެން އައީ އެމްޑީޕީގެ މެނިފެސްޓޯގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ފެށުމަށް ކާނިވާ ސަރަޙައްދުގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުންނޫން އެހެން އެއްވެސް ފިކުރެއް އެޕާޓީގައި ނެތްކަމަށެވެ.
ވެރިކަމަށް އައުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަޢުދުތަތަކަކީ އަކުރުން އަކުރަށް ފުއްދަވާނެ ވަޢުދުތަކެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެކަން ފުރިހަމަ ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އިސްލާމީ އުސޫލުތަކުގެ ތެރެއިން އެހެން ޤައުމިއްޔަތެއް ކަމަށެވެ. އެހެންނަމަވެސް އެ ޤައުމިއްޔަތުގެ ތަފްސީލެއް ނުދެއްވައެވެ. ހަމަޖެހޭ ސުލްހަވެރި އަދި ތަނަވަސް ދިރިއުޅުމަކަށް ވެސް ރައްޔިތުން ވަރަށްބޮޑަށް އިންތިޒާރު ކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންގެ މުހުތާދުތައް ފުއްދެވުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމަށްޓަކައި ކަނޑައަޅައިފައިވާ 30 ބިލިއަން ރުފިޔާގެ ބަޖެޓުން ރައްޔިތުންގެ އަސާސީ ކަންކަން ވެސް ފުރިހަމަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން 86 ދާއިރާއަކަށް ކުރިމަތިލައެވެ. ޕްރައިމަރީ ބާއްވައިގެން އެދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން ވެސް މިހާރުވަނީ ހޮވައި ނިމިފައެވެ. އިންތިޚާބު ބާއްވާނީ އެޕްރީލް 6 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ