ރާއްޖެއާއި ލަންކާ އިން ދެ ގައުމުގެ ފައިސާ ގަންނަން ލިބޭނެ ނިޒާމެއް ގާއިމްކުރަނީ

ރާއްޖެއާއި ލަންކާ އިން ދެ ގައުމުގެ ފައިސާ ގަންނަން ލިބެން ހުންނާނެ ނިޒާމެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން 200 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް އުފެއްދުމަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ދެވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިތުމަށްޓަކައި އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ލަންކާ ރުޕީސް އާއި ދިވެހި ރުފިޔާގެ މުއާމަލާތް ކުރެވޭނެ ނިޒާމު ހަމަޖެއްސުމާ ގުޅޭ މަޝްވަރާތައް ސިލޯން ސެންޓްރަލް ބޭންކްއާއި އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީގެ މެދުގައި ކުރެވެމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.އަދި މި ދަތުރުފުޅުގައި އެ މަޝްރާތައް ނިންމައި، އެއްބަސްވުމެއްގައި މިފަހަރު ސޮއިކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އެކަން ފަށައިގަތުމުގެ ގޮތުން 200 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެއް ގާއިމްކުރުމަށް ލަންކާ ސަރުކާރުގައި އެދިވަޑައިގަންނަވާނެ ކަމަށާއި އަދި އެ ފައިސާ އެއްވެސް ކަމަކަށް ބޭނުންކުރުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ."އަޅުގަނޑުމެންގެ އަމާޒަކީ މި ދެންނެވި ފައިސާ އެއްވެސް ކަމަކަށް ބޭނުންކުރުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ ސްރީ ލަންކާ ފައިސާ ދިވެހިރާއްޖެއިން ގަންނަން ލިބި ދިވެހި ފައިސާ ސިލޯނުން ގަންނަން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން. އެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެންމެ ފުރަތަމަ ބޭނުންވާ ފްރޭމްވޯކް އެއްބަސްވުމެއް އެބަ ގާއިމްކުރަން ޖެހޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ މި މަޝްވަރާތައްވެސް މި ބައްދަލުވުމުގެ ތެރޭގައި ކޮޅެއްގައި ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ، ލަންކާ ރުޕީސްގެ މުއާމަލާތް ކުރެވޭނެ ނިޒާމް ހަމަޖެހިއްޖެ ނަމަ ރައްޔިތުންނަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށެވެ. އަދި އެކަމުން ލިބޭނީ ފައިދާތައް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަން ހަމަޖެހުމުން ލަންކާ މީހުން ރާއްޖެއިން ތަކެތި ގަންނަ ގޮތް ގިނަވާނެ ކަމަށާއި އަދި ޑޮލަރުގެ ތާށިކަމަށް ލުޔެއް ލިބި، ވިޔަފާރި ފުޅާވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ."މިކަމުން އަޅުގަނޑުމެން ހިސާބު ޖެހިއިރުގައި ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ނެތް ފައިދާ ހުރީ. ރާއްޖެއިން ތަކެތި ސްރީލަންކާ ރައްޔިތުންނަށް ސީދާ އެމީހުންގެ ފައިސާ އިން ގަނެވޭ ގޮތް ވީމާ، އެމީހުން ރާއްޖެއިން ގަންނަ ތަކެތި އިތުރުވާނީ. އަދި ދިވެހިންނަށް ސީދާ ސްރީ ލަންކާއަށް ދިވެހި ރުފިޔާ ޚަރަދުކުރެވޭ ގޮތް ވީމާ މި ރާއްޖެއިން ޑޮލަރު ބޭނުންވާ ވަރު އެތައް ތަނަކުން ދަށްވާނެ. އެހެންވެ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ބެލެންސް އޮފް ޕޭމަންޓަށް ނުވަތަ ޑޮލަރަށްވެސް، ޑޮލަރަށް މިހުރި ޑިމާންޑަށް ވެސް ލުއިވެގެންދާނެ އަދި އޭގެ އިތުރުން ވިޔަފާރި ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ދެކެނީ" ރައީސް ނަޝީދު ވިދާޅުވި އެވެ.ރައީސް އިތުރަށް ވިދާޅުވީ، ސާކު ގައުމުތަކުގެ މެދުގައި އެކްސްޗޭންޖް ރޭޓް ސިސްޓަމެއް ނުވަތަ ފައިސާގެ މުއާމަލާތް ކުރެވޭނެ ގޮތެއް ހަމަޖެއްސުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ