އަންނަ އަހަރަށް އުންމީދީ ކަންތައްތަކެއް ރޭވިޔަސް، ފަސޭހަ ދުވެލީގައި ނުދާނެކަން ގަބޫލުކުރަން ޖެހޭ: ރައީސް ނަޝީދު

އަންނަ އަހަރަށް އުންމީދީ ކަންތައްތަކެއް ރޭވިޔަސް، އެކަންކަން ފަސޭހަ ދުވެލީގައި ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިރޭ އާންމުކުރެއްވި އެމަނިކުފާނުގެ އާ އަހަރުގެ މެސެޖުގައި ރައީސް ނަޝީދު ފާހަަގަކުރެއްވީ 2020 ވަނަ އަހަރަކީ ކޮވިޑް-19އާ ހެދި ވަރަށް ތަފާތު، ގިނަ މީހުން ހަނދާނުން ފޮހެލަން ބޭނުންވާ ފަދަ އަަހަރެއް ކަމެވެ. އެހެން ނަމަވެސް 2021 ބައްދަލު ކުރަނީ އުންމީދުތަކާއެކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ވެކްސިން ލިބި ކޮވިޑް-19އިން އެއްކޮށް ސަލާމަތްވާނެކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވި އެވެ. ވެކްސިން ލިބުނުހާ އަވަހަށް އެންމެންވެސް އަވަހަށް ވެކްސިން ޖެހުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. އަންނަ އަހަރު އުންމީދީ ކިތަންމެ ކަމެއް ކުރަން ރާވައި އަންދާޒާ ކުރިޔަސް އެ ކަންތައްތަކަކީ އެންމެ ފަސޭހަ ދުވެލީގައި ދާނެ ކަންތައްތަކެއް ނޫންކަން ގަބޫލުކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރިސޯޓުތަކުގެ އޮކިއުޕެންސީއާއި މަސް ވިއްކޭ އަދަދު މައްޗަށް ދިޔަޔަސް ދައުލަތުގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރީ ސަރުކާރުން ގިނަ އަދަދަކަށް ލޯނު ނަގާފައިވާ ކަމަށް އަނެއްކާވެސް ވިދާޅުވި އެވެ. "އެންމެ ހެޔޮ، ރަނގަޅަށް ނަފާވާ ހާލަތުގައި ދަރަނި އަދާ ނުކުރެވޭއިރު އަދި މި ހާލަތުގައި ދަރަނި އަދާ ނުކުރެވޭނެ އެވެ. އަޅުގަނޑުމެންގެ އުންމީދަކީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދައި ދަރަނިތައް އަދާ ކުރުމުގައި ލުއި ގޮތް ހޯދައިދިނުން،" ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންނަމަވެސް، އަންނަ އަހަރާމެދު އެމަނިކުފާނު ކުރައްވާ އުންމީދުތައް ވަރަށް ބޮޑު ކަމަށާއި، ދިވެހީންނަކީ އަބަދުވެސް ދަތި އުނދަގޫ މަގު ހުރަސްކޮށް ކާމިޔާބު ހޯދާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކުރިއަށް އޮތް އަހަރަކީ މި އަހަރަށް ވުރެ އެއްބައިވަންތަ އަހަރަކަށް ވުމަށް އެދޭ ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރަކީ ފާއިތުވި ދުވަސްތަކުގައި ސޯޝަލް މީޑިއާއިން ފެނުނު އަނިޔާވެރިކަމާއި ދެކޮޅުވެރިކަމުގެ ހިޔާލުތަކަށް ޖާގަ ނުދީ، އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، އަމާން، ހުރިހާ އެންމެނަށް އިހުތިރާމް ކުރާ ސުލްހަވެރި މާދަމާއަކަށް ދަތުކުރާނެ އަހަރަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. "ކުރިއަށް އޮތް އަހަރަކީ ބައިބައިވުމަށް ޖާގަ ނުދީ ހިޔާލު ފާޅުކުރުމާއި، ތަފާތު ހިޔާލުތަކުގެ ފަރާތްތަކާއެކުވެސް މަޝްވަރާކޮށް ކަންކަން ނިންމުމުގެ ވިސްނުން އިސްކުރާނެ އަހަރަކަށް ވުމެވެ،" ރައީސް ނަޝީދު ވިދާޅުވި އެވެ. އަންނަ އަހަރަކީވެސް ރާއްޖެއާއި އިންޑިއާ ކަނޑުގެ ސަރަހައްދަށް އަމާން އަހަރަށް ވާނެ ކަމަށާއި ބައިނަލްއަގުވާމީ ބައިވެރިންނާއި، އަވަށްޓެރި ގައުމުތަކާއި ޒަމާންވީ ރަހުމަތްތެރިންނާއެކު ހަރުދަނާ މަސައްކަތްތަކެއް ކުރެވޭނެ އަހަރަކަށް ވާނެ ކަމަށް އިންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. ގައުމުގެ ހަކަތައިގެ މަގުޗާޓާ މެދު ހިތްހަމަޖެހިވަޑައިގަންވާކަން ހާމަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އުންމީދަކީ، މިހާރު ރާއްޖެއަށް އެތެރެ ކުރާ ތިމާވެއްޓަށް ގެއްލުންދޭ ތެލުގެ ބާވަތްތަކާއި ގޭސް އެތެރެކުރުން ހުއްޓާލުން ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެ ބަރޯސާވާންވީ އަލީގެ ހަކަތައަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނުގެ މެސެޖުގައި ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތްތައް ފާހަގަކުރެއްވި އެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދެވުނު ސްޕީޑާއި ފުރިހަމަކަމާމެދު ހިތްހަމަޖެހިވަޑައިގަންނަަވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން، ބޯޑަރު ފަތުރުވެރިކަމަށް ހުޅުވަން ސަރުކާރާއެކު ކުރެވުނު މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އެހެން ގައުމުތަކަށްވުރެވެސް ކުރިން ރާއްޖެއިން ބޯޑަރު ހުޅުވުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކަކީ އޭގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ. ބޯޑު ބަންދުކޮށްފައި ބޭއްވި ނަމަ މިއަދުގެ ހާލަތު މިހާރަށް ވުރެ ނިކަމެތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކޮވޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށްޓަކައި ކޮވިޑް-19އާ ގުޅިގެން މުއައްސަސާތަކުން ކުރާ ހަރަދުތަކާއި ހިލޭ އެހީއާއި ފައިނޭންޝަލް އޮޑިޓްތައް ތައްޔާރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރި ބުރަ މަސައްކަތުން ކޮވިޑް-19އާ ގުޅިގެން ދައުލަތުން ކުރެވުނު ހަރަދުތަކަށް ފާރަވެރިވެނުނު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. "ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފުޅާވެ، މިހާރު ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތްކޮށް، ސަރުކާރު ޒިންމާދާރުކުރުވައި ޖަވާބުދާރީކޮށް، ގައުމީ މުހިންމު މައްސަލަތަކުގައި ބަހުސްކޮށް، މި ގައުމުގެ ކުރިމަގަށް ބޭނުންވާ މުހިންމު ގާނޫނުތައް ފާސްކުރަމުންދާ މުހިންމު ގުނަވަނެކެވެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ