ބްރޯޑްކޮމްއަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތްކޮށްފައިނުވާކަން ފާހަގަވޭ - އޮޑިޓް ރިޕޯޓް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ އެކިއެކި އަހަރީ ފީތަކާއި އަހަރީ ފީ ނުދައްކައިގެން އަރާ ޖޫރިމަނާ ފައިސާ، އެ ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ކިބައިން ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އެކޮމިޝަނުން މަސައްކަތްކޮށްފައިނުވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނަރަލް ނެރުއްވާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ 2019ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައިވާގޮތުން އޮޑިޓް ސާމްޕަލް ނަގައިގެން ބެލި ބެލުމުން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ 3,204,320(ތިން މިލިއަން ދެ
ލައްކަ ހަތަރު ހާސް ތިން ސަތޭކަ ވިހި)ރުފިޔާ ހުރިކަންވަނީ ފާހަގަކޮށްފައެވެ.
އަދި ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ދެފަހަރު މަތިން ސިޓީ ފޮނުވުމަށްފަހުވެސް ފައިސާ ދައްކާފައި ނުވިނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.21 ވަނަ މާއްދާގެ (ހ) ގައި ވާގޮތަށް ފައިސާ ހޯދުމުގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކުރަމެވެ.
މީގެ އިތުރުން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ 1,090,600(އެއް މިލިއަން ނުވަދިހަ ހާސް ހަ ސަތޭކަ)ރުފިޔާ ހޯދުމަށް، 7 ދުވަހުގެ
ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ލިޔުން ފޮނުވާފައިވީނަމަވެސް، އެ މުއްދަތު ފާއިތުވިއިރު ފައިސާ ދައްކާފައި ނުވާއެރު، އެ ފައިސާ ދެއްކުމަށް އިތުރު 7 ދުވަސް ދިނުމަށް ހަނދާންކޮށްދީ ލިޔުން ފޮނުވާފައިނުވާކަމާއި 28
ފެބްރުވަރީ 2020 އާ ހަމައަށް ފައިސާ ހޯދުމަށް ޝަރީޢަތަށް ހުށަހަޅާފައި ނުވާކަން މި އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ.
ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާއެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭނަމަ، ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވެ، އެ ފައިސާއިން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބި ހިފެހެއްޓިފައި ހުންނާނެކަމަށްވެސް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމަށާއި، ފުރުޞަތު ދިނުމުންވެސް ފައިސާ ނުދައްކައިފިނަމަ، ފައިސާ ހޯދުމުގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އޮޑިޓަރ ޖެނަރަލްވަނީ ބްރޯޑްކޮމްއަށް ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ