ވިލާ ކޮލެޖުން އޭސީސީއޭ އެކްސެލެރޭޓް ޕްރޮގްރާމް އިފްތިތާޙް ކޮށްފި

ވިލާ ކޮލެޖުން އޭސީސީއޭ އެކްސެލެރޭޓް، އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމްތައް ލޯންޗުކޮށްފައިވަނީ މިކަމަށްޓަކައި ވިލާ ކޮލެޖުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ފަތުޙުﷲ ޖަމީލެވެ.
އޭސީސީއޭ އެކްސެލެރޭޓް ޕްރޮގްރާމަކީ ވިލާ ކޮލެޖުން އޮފަރ ކުރާ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑްގެ ބީއެސްސީ އެކައުންޓިންގ އެންޑް ފައިނޭންސް ކިޔަވާ ދަރިވަރުންނަށް، ޕްރޮގްރާމްގެ 3 ވަނަ އަހަރާއި ހަމައަށް ދާ އިރު އެސީސީއޭގެ އެޕްލައިޑް ނޮލެޖް އަދި އެޕްލައިޑް ސްކިލްސް ލެވެލް އިން އެގްޒެމްޕްޝަން ލިބި، 3 ވަނަ އަހަރު ފުރިހަމަ ކުރަމުންދާއިރު އޭސީސީއޭގެ ސްޓެރީޖިކް ޕްރޮފެޝަނަލް ލެވެލް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ޕްރޮގްރާާމެކެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ޑީން، އަލްފާޟިލް ޢަބްދުﷲ ނާފިޒް ވިދާޅުވީ، މި ޕްރޮގްރާމްތަކުގެ ސަބަބުން އެކައުންޓިންގގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް، ނުހަނު ވާދަވެރި ވަޒީފާގެ ބާޒާރެއްގައި ޑިގްރީ އަކާއެކު ޕްރޮފެޝަނަލް ކޮލިފިކޭޝަންތައް ލިބުމަކީ ލިބޭނެ ވަރަށްބޮޑު ފައިދާއެއް ކަމަށެވެ. އަދި ހަމަ އެހެންމެ، ވިލާ ކޮލެޖުން މާސްޓަރސް އޮފް ސައިންސް އެކައުންޓިންގ އެންޑް ފައިނޭންސް ހަދަން ޝައުގުވެރިކަން ހުރި ފަރާތްތަކުގެ ތެރެއިން އޭސީސީއޭ ކޮލިފިކޭޝަންތައް ހުރި ފަރާތްތަކަށް މާސްޓަރސް އޮފް ސައިންސް އެކައުންޓިންގ އެންޑް ފައިނޭންސް ފާސްޓް ޓްރެކްގެ ތެރެއިން އެގްޒެމްޕްޝަންތައް ލިބިގެން، ލުއި ގޮތަކަށް މާސްޓަރސް ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިފައި އޮތުމަކީ، ވިލާ ކޮލެޖުން އެކައުންޓިންގގެ ދާއިރާއިން ދަރިވަރުންނަށް އެންމެ މައްޗަށް ދެވޭނެ ފުރުސަތު ފަހި ވެފައި އޮތް ކަމުގެ ހެއްކެއް ކަމަށްވެސް ޑީން ފާހަގަކުރެއްވިއެވެ.
މި ޙަފްލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޝިލް ފަތުޙުﷲ ޖަމީލް ދެއްކެވި ވާހަކަފުޅުގައި، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ވަޒީފާގެ މާޙައުލުގައި މިހާރު ބޭނުންވަނީ އެކަޑެމިކް އަދި ޕްރޮފެޝަނަލް ކޮލިފިކޭޝަން ފުރިހަމަކޮށްފައި ތިބި މުވައްޒަފުން ކަމަށާއި، ވިލާ ކޮލެޖުން އެފަދަ ޚާއްސަ ފުރުސަތެއް ދަރިވަރުންނަށް ހުޅުވައިދެއްވުމަކީ ޚާއްސަކޮށް މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް ފާހަގަ ކުރެއްވިއެވެ.
މި ޙަފްލާގައި، ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބް ދެއްކެވި ވާހަކަފުޅުގައި، ވިލާ ކޮލެޖުގެ އަމާޒަކީ އަބަދުވެސް ދަރިވަރުންނަށް ވަޒީފާގެ ބާޒާރުގައި އިތުރު ފުރުސަތުތަކާއި ކުރިއެރުންތައް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ އިތުރުން އިންޑަސްޓްރީ ބޭނުންވާ ފަދަ ދަސްވެނިންތަކެއް ބިނާ ކުރުން ކަމަށް ވިދާޅުވިއެވެ. މިއަދު ލޯންޗް ކުރެވުނު އޭ.ސީ.ސީ.އޭ އެކްސެލެރޭޓްގެ އިތުރުން ވިލާ ކޮލެޖުން މިއަދު ވަނީ އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީގެ ބީ.އެސް.ސީ އެޕްލައިޑް އެކައުންޓިންގ (އޮނަރސް)ގެ މެންޓަރިންގެ ޕްރޮގްރާމްވެސް ލޯންޗްކޮށްފައެވެ. އަދި މީގެ އިތުރުން ވިލާ ކޮލެޖުންވަނީ، ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އޮފް އެކައުންޓިންގް އެންޑް ފައިނޭންސް ފާސްޓް ޓްރެކްގެ ދަށުން ހެދުމުގެ ފުރުސަތުވެސް އޭ.ސީ.ސީ.އޭ އަދި ސީމާ މެމްބަރުންނަށް ހުޅުވާލާފައެވެ.
ވިލާ ކޮލެޖަކީ އޭ.ސީ.ސީ.އޭގެ ތިން ލެވެލްވެސް އޮފަރ ކުރާ، ދިވެހިރާއްޖޭގެ ހަމައެކަނި ތަޢުލީމުދޭ މުއައްސަސާއެވެ.
ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކް 2021 ގައި މުޅި ޖުމްލަ 104 ޕްރޮގްރާމެއް އޮފަރ ކުރެވިފައިވާ އިރު، މި ޕްރޮގްރާމްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލެވިފައެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 ޑިސެމްބަރ 2020 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ