މި ހަފްތާތެރޭ އިތުރު 2 އެއަރލައިނަކުން ރާއްޖެއަށް ދަތުުރުތައް ފަށާނެ

މި ހަފްތާތެރޭ އިތުރު 2 އެއަރލައިންއަކުން ރާއްޖެއަށް ދަތުުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ކޯރޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ މިހަފްތާތެރޭ ފްލައި ދުބާއީ އަދި ލުފްތަންސާއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފްލައި ދުބާއީގެ ދަތުރުތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ހަފްތާއަކު ހަތަރު ދަތުރު ދުބާއީ އާއި ރާއްޖެއާއި ދެމެދު ކުރާނެއެވެ. ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކަކީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
ޖަރުމަނުވިލާތުގެ ލުފްތަންސާ އެއަރލައިނުން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. ލުފްތަންސާއިން ރާއްޖެއަށް ކުރާ ދަތުރުތައް ކުރާނީ ޖަރުމަންވިލާތުގެ ފްރެންކްފަރޓް އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ރާއްޖެއަށް އެ އެއަރލައިންގެ ދަތުރުތައް އަލުން ފަށާއިރު ހަފްތާއަކު 2 ފްލައިޓް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް ބުދަ އަދި އާދިއްތަ ދުވަހުއެވެ.
ހަސަން އާރިފް ފާހަގަކުރެއްވިގޮތުގައި އަލަށް ރާއްޖެއަށް ދަތުރު ފަށާއެއަރލައިންއަކީ ރަޝިޔާގެ ނޯޑުވިންޑު އެއަރލައިންވެސް ކަމަށެވެ. އަދި ދެން ހުރި އެއަރލައިންތަކަކީ ރާއްޖެއަށް ކުރިން ކުރަމުން އައި ދަތުރުތައް އަލުން ފަށާ އެއަރލައިންތަށް ކަމަށެވެ.
" ނޯޑުވިންޑު ފިޔަވައި ދެން ހުރީ ހުސް ރީސްޓާޓު ކުރާ އެއަރލައިންސްތައް، އެގޮތުން މިމަހުގެ 16ވަނަ ދުވަހު ބުރިޓިޝް އެއަރވޭސްއިންވެސްވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައި، ނިއުސްޕާ އާއި ގޯއެއަރ އަލިޓާލިއާވެސް ފައްޓާނެ، އަދި އެއަރ ފްރާންސްވެސް ޑިސެމްބަރުމަހު އަލުން ދަތުރުތައް ފެށުމަށް ޝެޑިއުލްކޮށްފައިވަނީ،" ހަސަން ވިދާޅުވިއެވެ.
މިހަފްތާގެ އާދީއްތަ ދުވަހު އޮސްޓްރިއަން އެއަރލައިންއިންވެސް ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައެވެ. އެއަރލައިންއަކީ ރާއްޖެއަށް އަލުން ދަތުރުތައް ފެށި 12 ވަނަ އެއަރލައިނެވެ. އަންނަމަސް ނިމޭއިރު ރާއްޖެއަށް މަދުވެގެން 18 އެއަރލައިނަކުން ދަތުރުތައް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
އަހަރުގެ ފަހުކޮޅަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްކޮޅެވެ. ކޯވިޑް-19 އާއި ގުޅިގެން ދަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވީނަމަވެސް މިހާރު އަނެއްކާވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން އަލުން ބޯޑަރު ހުޅުވާލިފަހުން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް 34000 އަށް ވުރެ ގިނަ ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ