އެމީހަކު ކުރި ފާފައެއް އެމީހަކަށެވެ! އެކަމާ ބެހޭނަމަ އެމީހަކަށް ގާތީ ނަރަކައެވެ!: ޝައިޚް އަބޫބަކުރު ޒައުދު

މީހަކަށް އެއްވެސް ބާވަތެއްގެ މައްސަލައެއް ކުރިމަތިވެފައިވާނަމަ، އަދި ހިތްދަތިކަމެއް ކުރިމަތިވެފައިވީނަމަވެސް އެމީހަކަށް އެހީތެރިވުމުގެ ގޮތުން ނޫނީ އެކަމުގެ ވާހަކަ ނުދައްކާށެވެ! އެކަން އޭނާގެ އަމިއްލަ ކަމެއްގެ ގޮތުގައި ދޫކޮށްލާށެވެ! 
މީހަކަށް މީހަކާއި ަމއްސަލައެއް ދިމާވެފައިވާނަމަ އެކަން ޙައްލުކުރުމަކީ އެދެމީހުންގެ ކަމެކެވެ. ފާފައެއް ކުރިނަމަ އެއީ އޭނާ އާއި ﷲ ތަޢާލާ އާއި ދެމެދުގައިވާ މައްސަލައެކެވެ. އެކަމުގެ ތެރެއަށްވަދެގަނެ އެކަމެއްގެ ވާހަކަތައް ނުދައްކާށެވެ! 
ދެމަފިރިއެއްގެ ދެމެދުގައި މައްސަލައެއް ޖެހިގެން އުޅުނު ނަމަވެސް އެކަމާއި ބެހުމަކީ އެންމެން ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމަކީ އެދެމަފިރިންގެ އަމިއްލަކަމެކެވެ. ދެން އެކަމާއި ބެހެން ތިބޭނީ ދެމަފިރިންގެ ޢާއިލާގެ މީހުންނެވެ. ނުވަތަ އެމީހުން ބެއްސި ބައެކެވެ. 
މީސްތަކުންނޭވެ! މިބުނި ކަންކަމަށް ނުބަލައި މީހުންގެ ކަންކަމާއިބެހުމަކީ ނެތިމޮށުމެވެ. ދެބައުޑުވުމެވެ. އެކެވެނީ މުސްލިމް އަޚާގެ މަހެވެ. އެކުރެވެނީ ބޮޑުފާފައެކެވެ. ޤިޔާމަތްދުވަހު ބަދަލުދޭންޖެހޭނެ ބޮޑު ފާފައެކެވެ. އަނެކާގެ ޙައްޤު ނުކަނޑަނީސް ނުވަތަ ބަދަލު ދިނުމުން ނޫނީ ﷲ ތަޢާލާ ނުފުއްސަވާނެ ފާފައެކެވެ. 
ވީމާ ވާހަކަހިފައިގެން ހިނގާ މީހުންނާއި ސޯޝަލްމީޑިއާގައި ވާހަކަފަތުރާމީހުން މިކަންކަމަސް ސަމާލުކަންދޭށެވެ! އެއީ އެއްވެސް ފާފައެއް ނޫންކަމަށް ޤަބޫލުކުރެވިގެން ތިއަކުރެވޭ ބޮޑެތި ފާފަތަކުގެ ސަބަބުން ތިމާއަށް ނަރަކައަށް ވަންނަން ޖެހުން ވަރަށް ގާތެވެ. ހަމަ ޥާހަކައެއްގެ އަޑުއިވޭއިރަށް މީސްމީހުންގެ ވާހަކަތައް ފަތުރައިގަންނަ މީހުން މިބުނި ކަންކަމަށް ވިސްނައި ހޭލުންތެރި ނުވެވޭނަމަ ޤިޔާމަތް ދުވަހު ކުރަންޖެހޭނެ ހިތާއިގެ ބޮޑުކަން ވިސްނައިލާށެވެ! 
ވީމާ ސުވަރުގެ އެދޭނަމަ މީސްމީހުންގެ ކަންކަމުގެ ފަހަތުން ދުވުން ހުއްޓައިލާށެވެ! އަމިއްލަ ކަންކަން އިޞްލާޙްކުރާށެވެ! މީހަކު ކުރި ކަމަކުން އެމީހާއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް، މީހަކު ކުރިފާފައަކުން އެމީހާއަށް ނަރަކައަށް ވަންނަން ޖެހުނު ނަމަވެސް އެއީ އެމީހެއްގެ ކަމެކެވެ. އެކަމާ ބެހިގަނެގެން އުޅެން ހަދައިގެން ތިމާ ފާފަވެރިވެ ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ އެބޮޑު ދެރަ ލިބޭނީ ތިމާއަށެވެ! 
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ