ވެކްސިން ޖަހަން ރަޖިސްޓްރީ ކުރަން މާދަމާ ހުޅުވާލަނީ

ކޮވިޑު-19 ވެކްސިން ޖެހުމަށް ރެޖިސްޓްރީވާން މާދަމާ ހެނދުނު ހުޅުވާލާނެކަމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ޤައުމީ ވެކްސިން ޕްރޮގްރާމުގެ ހެޑް ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ ކޯވިޑްގެ ވެކްސިނަށް ރަޖީސްޓްރީ ކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށް ކަމަށެވެ.
ކޮވިޑު ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ޖެހޭނީ my.health.mv ޕޯޓަލުންނެވެ.
ޑރ.ނަޒްލާ ވިދާޅުވީ ފުރަތަމަ ސިއްޙީ ޚިދުމަތްތެރިންނާއި ސޯޝަލް ކެއަރ ވޯކަރުންނަށް ރަޖިސްޓްރީވުމަށް ހުޅުވާލިނަމަވެސް ވަރަށް އަވަހަށް އެހެން މީހުންނަށްވެސް ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ހުޅުވާލާނެކަމަށެވެ.
ކޮވިޑް ވެކްސިން މިމަހުގެ 26 ވަނަ ދުވަހު ރާއްޖެ ގެނައުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ވެކްސިންގ ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިންނެވެ. މި ވެކްސިން ގަތުމަށް ނިންމާފައިވަނީ މިވެކްސިންއަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ފާހަގަކުރާތީކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ގަތުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ރާއްޖެއިން ވަނީ ކޮވިޑް ވެކްސިން ދިނުމުގައި އިސްކަންދޭނެ ތަރުތީބު ހާމަކޮށްފައެވެ. އެގޮތުން، ފުރަތަމަ ވެކްސިންދޭނީ ސީދާގޮތުންނާއި އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުންނާއި، އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މީހުންނެވެ.
ވެކްސިން ދިނުމުގައި ދެވަނައަށް އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުންމަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތަފާތު ބަލިތަކުގައި ހޭދަކުރާ މީހުންނެވެ. ދެން ހިމެނެނީ، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ ޓީޗަރުންނާއި، ފުލުހުންނާއި، ސިފައިންނާއި، ޓްރެވަލް އިންޑަސްޓްރީ، އެއަރލައިން، ޓުއަރިޒަމް އިންޑަސްޓްރީ، ކުނި، ޕަބްލިކް ޓްރާންސްޕޯޓް، ޕްރިޒަންސް، އާންމު ޚިދުމަތްތައް ދިނުމުގައި އާންމުންނާ ބއްދަލުކުރާ އޮފީސްތަކުގެ ސްޓާފުންނާއި، އިންޓަރނޭޝަނަލް ޓްރެވަލަރސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ