ޖޫރިމަނާގެ ފައިސާ ހޯދަން މީރާ އަށް ކޯޓަށް ދެވޭ ގޮތަށް ފާސްކޮށްފި

ޓެކްސްއާ ގުޅޭ ޖޫރިމަނާ ހޯދަން މަދަނީ ދައުވާ ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ގޮތަށް ޓެކްސްގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލަކީ ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ނުވަތަ އެއްބަސްވުމެއްގެ ދަށުން، އަމިއްލަ ފަރުދަކު ނުވަތަ ގާނޫނީ ޝަހުސަކުން، ސަރުކާރަށް ނުވަތަ ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފިޔަވައި އެހެން ފައިސާ ދައުލަތުގެ ނަމުގައި ބަލައިގަތުމުގެ ބާރު މީރާއަށް ލިބޭ ގޮތް ހެދުމަށް ހުށަހެޅި ބިލެކެވެ.
އިގުތިސާދީ ކޮމިޓީން ގެނައި އިސްލާހުތަކާއެކު، ބިލު ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 56 ބޭފުޅެއްގެ ވޯޓުންނެވެ.
މި ބިލުގައި ބުނެފައިވާ ގޮތުގައި ޓެކްސް ދައްކަން ޖެހި ނުދައްކާ އޮތް މީހާގެ ނަމާއި އެޑްރެސް އަދި އޭނާ ދައްކަން ޖެހޭ ފައިސާގެ ތަފްސީލު އެނގޭ ލިޔުމެއް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއި ކުރެއްވުމުން އެއީ ދަރަނި ސާބިތު ކުރުމަށް ބޭނުންވާ ހެއްކެއްގެ ގޮތުގައި ގަބޫލު ކުރަން ޖެހޭނެ އެވެ. މިއީ ހުކުމް ކުރުމަށް ބާރު ލިބޭ ހެއްކެއް ކަމުގައި ވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.
ރާއްޖެ އިން ބައިވެރިވެފައިވާ ޓެކުހާ ގުޅޭ މުއާހަދާތަކާއި ޓެކުހާ ގުޅޭ އެ ނޫން ވެސް އެއްބަސްވުންތަކުގެ ދަށުން ބޭރު ގައުމެއްގެ ނުވަތަ ވަކި ސަރަހައްދެއްގެ ޓެކުހާގުޅޭ އިދާރާއާއެކުގައި ޓެކުހާގުޅޭ މައުލޫމާތު ބަދަލުކުރުމާއި ބަދަލުކުރެވޭ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ވަނީ ހިމަނައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ