ނޭންސީ ޕެލޯސީގެ ޕޯޑިއަމް ވަގަށްނެގި މީހާ ހައްޔަރު ކޮށްފި

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކާ، ނޭންސީ ޕެލޯސީގެ ލެކްޓަން (ޕޯޑިއަމެއް ކަހަލަ އުފުލި މޭޒެއް) ވަގަށް ނެގި މީހާ ހައްޔަރު ކޮށްފި އެވެ. ޑިޕާޓްމަންޓްމަންޓް އޮފް ޖަސްޓިސްއިން ބުނީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް، ރައީސް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިންގި ހަމަނުޖެނުންތަކާ ގުޅުން މީހުން ހޯދައި ހައްޔަރު ކުރަމުން އަންނަ ކަމަށެވެ.
ނޭންސީ ޕެލޯސީގެ ޕޯޑިއަމް ކިހިލިޖަހާލައިގެން ދަނިކޮށް ފެނިފައި ވަނީ، ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން ބުނި ގޮތުގައި، އެޑަމް ކްރިސްޓިއަން ޖޯންސަން، 36، އެވެ. އޭނާ ޕޯޑިއަމް ހިފައިގެން ދަނިކޮށް ނަގާފައި ހުރި ފޮޓޯއެއް އިންޓަނެޓްގައި ވަނީ އާންމުވެފަ އެވެ. އޭނާ ހޯދުމުގައި މި ފޮޓޯގަނޑު މުހިންމު ދައުރެއް އަދާ ކޮށްފައިވެ އެވެ.
ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ އޭނާ މިހާރު ހުރީ ޖަލުގައި ކަމަށެވެ. އޭނާ ހައްޔަރު ކުރުމަށް ކޯޓް އަމުރެއް ލިބުނީއްސުރެ ކުރި މަސައްކަތުން، ސީސީޓީވީ އަދި އާންމުންގެ އެހީތެރިކަމާ އެކު އޭނާ ހައްޔަރު ކުރުން ލަހެއްނުވި ކަމަށް ވެސް ވަނީ ބުނެފަ އެވެ. ފުލުން ބުނީ އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާ ކަމަށާއި އޭގެ ތެރޭގައި ސަރުކާރު މުދަލުން ވައްކަން ކުރުން ހިމެނޭ ކަމަށެވެ.
ކްރިސްޓިއަން ޖޯންސަންގެ އިތުރުން ވެސް މީހުން ހައްޔަރު ކޮށްފައިވެ އެވެ. އެމީހުންނަށް އުފުލާފައިވާ ދައުވާގެ ތެރޭގައި ހުއްދަނެތި ސަރުކާރުގެ އިމާރަތަށް ވަދެ ހުރުމަތްކެނޑުމާއި އާންމުގެ ތެރެއަށް ނިކުމެ އުޅުމުގައި އަދަބެއްސަދަބެއް ނެތުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ