ޔާމީންގެ އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގަން އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާއާ ގުޅިގެން، އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގައިދޭން ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް ރިޝްވަތުު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް ކްރިމިނަލް ކޯޓުގައި ދައުލަތުން ކުރަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އިއްވި ދައުވާގައި ވަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަކަށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ޖަމާކޮށް އަދި އެ ފައިސާ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލު ކޮށްފައިވާ ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ރިޝްވަތުގެ ގޮތުގައި ޔާމީން ހޯއްދެވި ފައިސާ އާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާ ނުބައްދަލު މުދަލާއި ފައިސާ ދައުލަތަށް ނަގަން ވެސް އެ ދައުވާގައި އެދިފައިވެ އެވެ.
ރިޝްވަތުގެ ދައުވާ ފުރަތަމަ އިއްވުމުން ޔާމީން ވިދާޅުވީ އެ ދައުވާ ސާފުނުވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ދައުވާއާ ގުޅިގެން ހޯދަން އެދިވަޑައިގަތް ލިޔުންތައް ލިބިފައި ނެތުމެވެ.
ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ އެ ދައުވާތަކާ ގުޅިގެން ބައެއް މައުލޫމާތުތައް ހޯދަން ދައުލަތުގެ ބައެއް މުއައްސަސާތަކުގައި އެދުމުން އެ މައުލޫމާތު ލިބިފައިނުވާ ކަމަށާއި އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ހޯދަން އެދުނު ބައެއް މައުލޫމާތުތައް ނުދޭން އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ޝަރީއަތް މެދުވެރިކޮށް އެ ލިޔުންތައް ހޯދައި ދިނުމާ ބެހޭގޮތުން ގޮތެއް ނިންމައިދޭން އޭނާ އެދިވަޑައިގަތެވެ.
އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ މިހާރު ހުރި ލިޔުންތަކަށް ބަލާއިރު ދައުވާއަށް ޖަވާބުދާރީވުމުގެ މަރުުހަލާ މިވަގުތު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެކަމަކު ޝަރީއަތް ކުރިއަށް ދާ މިންވަރަކުން އިތުރު ލިޔުންތައް ހޯދަންޖެހޭ ނަމަ، އެކަމަށް ނެރެންޖެހޭ އަމުރެއް ނެރުއްވާނެ ކަމަށް ވިދާޅުވި އެވެ.
އެހެން ނަމަވެސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގަތީ އެ ނިންމުން އިސްތިއުނާފް ކުރަން ބޭނުންވާތީ އެ ނިންމުން ލިޔުމުން ދިނުމަށެވެ. ގާޒީ ވިދާޅުވީ ކޯޓުގެ ނިންމުންތައް ލިޔުމުން ދިނުމަށް އޮންނަ އުސޫލުގެ ތެރެއިން ލިޔުންތައް ދެއްވާނެ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ އެއްވެސް ނިންމުމެއް މި ވަގުތު އިސްތިއުނާފްގެ މަރުހަލާގައި ކުރިއަށް ނުދާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ދައުލަތުން ދައުވާ ސާފުކޮށް ދިނުމަށް ފަހު ދައުވާ ސާފުވެއްޖެތޯ އަލުން ސުވާލު ކުރެއްވުމުން ވެސް ޔާމީންގެ ވަކީލުން ތަކުރާރުކޮށް އެދިގަންނަމުން ގެންދެވީ ލިޔުންތަކާ ގުޅޭގޮތުން ނިންމި ނިންމުން އިސްތިއުނާފް ކުރަން ބޭނުންވާތީ އެ ނިންމުން ލިޔުމުން ދިނުމަށެވެ. އެހެން ނަމަވެސް ގާޒީ ނިންމެވީ ދައުވާ ސާފުވޭތޯ ބެލުމުގެ ބައި ކުރިއަށް ގެންދެވުމަށެވެ.
ޔާމީން ވިދާޅުވީ ހެކިންގެ ގޮތުގައި ހުށަހަޅާފައި ތިބީ ކުށުގެ ބައިވެރިން ކަމަށާއި އެފަދަ ބައެއްގެ ހެކިބަހަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ. އަދި ފުއްގިރި ދޫކުރުމުގެ މައްސަލަ ކުރިން ވެސް މުއައްސަސާތަކުން ބެލި ކަމަށާއި އޭރު އެމަނިކުފާނުގެ މައްޗަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށާއި އެ ތުހުމަތު އައީ ބަޔަކާ އެކު ޕްލީ ބާގެއިން އެއްބަސްވުންތަކެއް ހެދި ފަހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހެކިވެރިންގެ އަދުލުވެެރިކަމާ ބެހޭގޮތުން ވާހަކަ ދައްކަން ފެށުމުން އިސް ގާޒީ ޝަކީލް ވަނީ އެކަން ހުއްޓުވައި، ހެކި ހުށަހެޅުމުގެ މަރުހަލާގައި އެކަންކަން ފާހަގަ ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ކުރިއަށް ދަނީ ދައުވާ ސާފުވޭތޯ ބެލުން އެކަނި ކަމަށް ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ ދައުވާގައިވަނީ ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކްރިކް ރިޒާ މެދުވެރިކޮށް 1.3 މިލިއަން ޑޮލަރު ހޯދުމަށް ފަހު އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކޮންސްޓްރަކްޝަންގެ އެންޑް އިންޖިނިއަރިން ކުންފުނީގެ އެކައުންޓަކަށް ޖަމާ ކުރުމަށް ފަހު އަދިި ސަން އިންވެސްޓްމަންޓް ކުންފުނީގެ އެކައުންޓަކުން އިސްލާމިކް ބޭންކްގައި ޔާމީންގެ ނަމުގައިވާ އެކައުންޓަކަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެފަހުން އެ ފައިސާ ޔާމީންގެ ނަމުގައި ހުރި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާ 36 މަސް ދުވަހަށް އިންވެސްޓް ކޮށްފައިވާ ކަމަށް އެ ދައުވާގައިިވެ އެވެ. އެހެންވެ، އެ ފައިސާ ދައުލަތަށް ނަގައިދޭން ވެސް އެދިފައިވެ އެވެ.
އެ ދައުވާ އިއްވުމުން ޔާމީން ވިދާޅުވީ ކްރިކް ރިޒާއަށް ލިބުނު ކަމަށް ބުނެ ފައިސާ އާއި އެމަނިކުފާނުގެ އެކައުންޓަށް ސަން ކުންފުނިން ޖަމާކުރި ފައިސާއާ ގުޅޭ ގޮތެއް ބުނެ ނުދެވޭ ކަމަށާއިި ހަމައެކަނި އޮތީ ދައުލަތުން ގަބޫލުކުރާ ކުރުންތަކެއް ކަމަށެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ސަން ކުންފުނިން ޖަމާކުރީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތަކާ ގުޅިގެން ކަމަށާއި ފައިސާ މާރު ކުރުމަކީ ކުށެއް ކަމަށް ބަލާނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑާ ދޭތެރޭގައި ކުރި ވިޔަފާރީގެ މުއާމަލާތެކޭ އެ ދަންނަވަނީ އަޅުގަނޑުގެ އަތުގައި ހުރި ދިވެހި ފައިިސާތަކެއް ޑޮލަރަށް މާރުކުރާ ކުރުން. ދަންނަވަންތޯ އިއްޒަތްތެރި އިސް ފަނޑިޔާރު. އެގޮތަށް ދައުލަތުން މާނަ ކުރައްވާފައި މީހުންގެ މައްޗަށް ކުށުގެ ތުހުމަތު އުފުއްލަވާ ކަމަށް ވަންޏާ ހައްޖަށް ދާ އެންމެން ވެސް ޑޮލަރު އެ ގަންނަނީ. އެ ކުރަނީ ވެސް ވިޔަފާރި. މީހެއްގެ އަތުގައި ހުންނަ ދިވެހި ފައިސާ ބޭރު ފައިސާއަކަށް ބަދަލު ކުރުމަކީ ވިޔަފާރިއެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
އިސް ގާޒީ ޝަކީލް ފުރަތަމަ ނިންމެވީ ދައުވާއަށް ޖަވާބުދާރީވުމުގެ އަޑުއެހުން އަންނަ ހަފުތާގައި ބޭއްވުމަށެވެ. އެކަމަކު އިތުރު ވަގުތު ދެއްވަން ޔާމީން އެދިވަޑައިގަތުމުން ގާޒީ ނިންމެވީ މި މަހުގެ ފަހުކޮޅު އެ އަޑުއެހުން ބޭއްވުމަށެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އަންނަ ހަފުތާގައި އިއްވަން ވަނީ ހަމަޖައްސައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ