ޒިނޭގެ ހައްދާ ދެކޮޅު ހަދާނީ ގުރްއާން ގަބޫލުނުކުރާ މީހުން: ޑރ. ބިލާލް

ޒިނޭކުރުމުން ހައްދު ޖެހުމަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައި އޮންނަ ހުކުމާ ދެކޮޅު ހަދާނީ ކީރިތި ގުރްއާން ގަބޫލުނުކުރާ މީހުން ކަމަށް، ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް (ޑރ. ބިލާލް) ވިދާޅުވެއްޖެ އެވެ.
ޖަމިއްޔަތުއް ސަލަފްގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިސްލާމީ އިލްމުވެރިޔާ ޑރ. ބިލާލް، އަލިމަސް ކާނިވަލުގައި ރޭ ބޭއްވި ދީނީ ތަގުރީރުގައި ވާހަކަދައްކަވަމުން ވިދާޅުވީ ޒިނޭކުރުމުން 100 އެތިފަހަރުން ހައްދު ޖެހުމަށް އޮންނަ ހުކުމަކީ އިންސާނަކު އަމިއްލަ އަށް ކަނޑައަޅާފައިވާ ހުކުމެއް ނޫން ކަމަށާއި އެއީ ކީރިތި ގުރްއާނުގައި ބަޔާންވެފައިވާ ހުކުމެއް ކަމަށެވެ. ވީއިރު ކީރިތި ގުރްއާން ގަބޫލުނުކުރާ މީހަކު މެނުވީ އެ ހުކުމަށް އިންކާރުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމަށް ދިޔަ އަންހެނަކު ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ އިސްލާމް ދީނުގައި ހައްދު ޖެހުން އޮންނަނީ ކައިވެނިނުކުރާ މީހަކު ޒިނޭކުރުމުން ކަމަށާއި ކައިވެންޏެއް ކޮށްފައިވާ މީހަކު ޒިނޭކޮށްފި ނަމަ އޭނާގެ އަދަބަކީ މެރުން ކަމަށެވެ. އަދި ޒިނޭގެ ހުކުމާއި އޭގެ އަދަބަކީ ކީރިތި ގުރްއާނުގައި ކަނޑައަޅާފައިވާ ކަންކަމަށް ވީހިނދު އެ ހުކުމްތައް ގަބޫލުނުކުރާ މީހާ އާއި އެ ހުކުމްތައް ބަދަލުކުރަން ގޮވައިލާ މީހާ އެ ބުނަނީ ކީރިތި ޤުރްއާން މި ޒަމާނަށް ނުފެތޭ ކަމަށާއި އެ ހުކުމްތައް މިހާރަށް ކަމުނުދާ ކަމަށެވެ.
ވީމާ ގުރްއާނުގައި ކަނޑައެޅި ބަޔާންވެގެންވާ ހުކުމެއް ބަދަލުކުރަން ނުވަތަ ޒަމާނަށް ފެއްތުމަށް ގޮވާލާނީ ގުރްއާން ގަބޫލުނުކުރާ މީހެއް ކަމަށް ވެސް ޑރ. ބިލާލް ވިދާޅުވި އެވެ.
"އިސްލާމް ދީން ޒަމާނީކުރުން" މި މައުލޫއަށް ވާހަކަ ދެއްކެވުމަށް ފަހު، ރޭގެ ބައްދަލުވުމަށް ދިޔަ ބައެއް މީހުންގެ ސުވާލުތަކަށް ޑރ. ބިލާލް ޖަވާބު ދެއްވި އެވެ.
ކީރިތި ރަސޫލާގެ ޒަމާނުގައި ވެކްސިން ދީފައިނުވާ އިރު، މި ޒަމާނުގައި ކުޑަކުދިންނަށް ވެކްސިން ދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބައެއް މީހުން ގަބޫލުކުރާތީ އެކަމާ ބެހޭ ގޮތުން ކުރި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ، ރަސޫލު ޒަމާނުގައި ކުޑަކުދިން ނެޕީ ވެސް ޖައްސައި ނޫޅޭ ކަމަށާއި ނަމަވެސް މިހާރު އަހަރެމެން ނެޕީ ޖައްސާ ކަމަށެވެ. އަދި ރަސޫލް ޒަމާނުގައި ނުކުރާ ނަމަ މި ޒަމާނުގައި ވެސް ކުރުން ހުއްދަ ނުވާނީ ދީނީ ކަންކަމުގެ ގޮތުގައި ކަނޑައަޅައިގެން ކުރާ ކަންތައް ކަމަށާއި އާންމު ދިރިއުޅުމަށް އަންނަ ބަދަލުތަކުގެ ތެރެއިން އުފެދޭ އާ ކަންކަމާ މެދު އެ ގޮތަށް ވިސްނައިގެން ނުވާނެ ކަމަށެވެ.
ކޮޅަށް ހުރެ ކުޑަކަމު ދިޔުމާއި ކޮޅަށް ހުރެ ފެން ބުއިމުގެ ހުކުމާ މެދު ކުރި ސުވާލެއްގެ ޖަވާބުގައި ޑރ. ބިލާލް ވިދާޅުވީ އެ ދެ ކަމަކީ ވެސް މަކްރޫހަ ކަމެއް ކަމަށާއި ނަމަވެސް ހަރާމް ކަމެއްކަމަށް ސައްހަ ސަނަދުން ސާބިތުނުވާ ކަމަށެވެ. ނަމަވެސް އޭގައި އެންމެ ރަނގަޅު ގޮތަކަށްވާނީ އިށީނދެ އިނދެގެން ފެން ބުއިމާއި އިށީނދެ އިނދެގެން ކުޑަކަމުދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަންހެނުން ސިޔާސީ މަގާމުތަކަށާއި ވެރިކަމަށް އައުމުގެ ހުކުމާ މެދު ކުރި ސުވާލެއްގެ ޖަވާބުގައި ޑރ. ބިލާލް ވިދާޅުވީ އެއީ ވެސް ކަނޑައެޅިގެން ހަރާމް ކަމެއް ނޫން ކަމަށާއި، އަންހެނުން ކުރިއަރައި ތަރައްގީވުމަށް އިސްލާމް ދީން ބާރުއަޅާ ކަމަށެވެ. އަދި އަންހެނަކު ގައުމެއްގެ ވެރިކަމަށް އަތުވެއްޖެ ނަމަ އެ ގައުމަކަށް ކާމިޔާބު ނުލިބޭނެ ކަމަށް އޮންނަ ހަދީސުން ވެސް، އެކަން ހަރާމްނުކުރާ ކަމަށާއި އެ ހަދީސުން އިރުޝާދު ދެނީ އަންހެނަކަށް ވުރެ ފިރިހެނަކު ވެރިކަމަށް އިސްކުރުމުން ލިބޭ ފައިދާ ބޮޑު ކަމަށް ކަމަށް ޑރ. ބިލާލް ވިދާޅުވި އެވެ.
ޑރ. ބިލާލް ވިދާޅުވި ގޮތުގައި އިސްލާމް ދީން ޒަމާނީ ކުރުމަށް ބަޔަކު ގޮވަމުން ދަނީ، ނަސާރާ ދީނާއި ޔަހޫދީ ދީނަށް އެ ދީނުގެ ފާދިރީން ގެނައި ބަދަލުތަކުގެ ސަބަބުން އެ ދީންތައް މި ޒަމާނަށް ނުފެތޭތީ، އިސްލާމް ދީނަކީ ވެސް އެފަދަ ދީނެއް ކަމަށް ބަލައިގެންނެވެ. އަދި އެ ގޮވާލުންތައް ފެށިގެން އައިސްފައިވަނީ އިސްލާމް ދީނަކީ، ﷲ ބާވައިލެއްވި ދީނެއް ކަމަށް ގަބޫލުނުކުރާ ބައެއްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ބިލާލް ވިދާޅުވީ ޒަމާނީ ޑިމޮކްރެސީތަކުގައިވާ ބައެއް ގާނޫނު އަސާސީތަކާއި ބައެއް މުއާހަދާތައް ޒަމާނާ އެއްގޮތަށް ބަދަލުކުރަން ޖެހިފައިވާތީ، އެއީ ހުއްޖަތެއް ކަމަށް ހަދައި އިސްލާމް ދީނަށް ވެސް އެފަދަ ބަދަލުތަކެއް ގެންނަން ހުޅަނގުގެ ގައުމުތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެ ގޮތުން މީގެ 222 އަހަރު ކުރިން ( 17 ސެޕްޓެމްބަރު 1787) އަމަލުކުރަން ފެށި އެމެރިކާގެ ގާނޫނު އަސާސީ އަށް މި ޒަމާނާ ގުޅޭ ގޮތަށް ބަދަލުތައް ގެންނަންޖެހިފައިވާ ކަމަށް ހުޅަނގުން ގަބޫލުކުރާ ފަދައިން، މީގެ 1430 އަހަރު ކުރިން ބާވާލެއްވުނު އިސްލާމް ދީނަށް ވެސް އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭނެ ކަމަށް އެ މީހުން ގަބޫލުކުރާ ކަމަށް ޑރ. ބިލާލް ވިދާޅުވި އެވެ.
އަދި މި ޒަމާނުގެ ޑިމޮކްރެސީގެ މަސްދަރުތައް ކަމަށް ހުޅަނގުން ގަބޫލުކުރާ މެގްނާ ކާޓާ ( 1215 ގައި އުފެއްދި އިނގިރޭސީންގެ ގާނޫނީ ޗާޓަރު) އާއި ފަރަންސޭސި އިންގިލާބުގެ ތިއަރީތަކަކީ އިންސާނީ އުފެއްދުންތަކެއް ކަމަށްވާއިރު އެ ތަކެތި ބަދަލުކުރަންޖެހިފައިވާތީ، އިސްލާމީ ދީން ވެސް ޒަމާނީކުރަންޖެހިފައިވާ ކަމަށް އެ މީހުން ބުނާ ކަމަށް ޑރ. ބިލާލް ވިދާޅުވި އެވެ.
ޑރ. ބިލާލް ވިދާޅުވި ގޮތުގައި ހުޅަނގުން އިސްލާމްދީނާ މެދު ވެސް ދެކެނީ އެ މީހުން އަމިއްލަ އަށް އުފެއްދި ތިއަރީތައް ފަދައިން، ކީރިތި ރަސޫލާ އަމިއްލަފުޅަށް އުފެއްދެވި ދީނެއް ކަމަށެވެ. އެއީ ﷲ ސުބްހާނަހޫ ވަތަޢާލާ ބާވާލެއްވި ދީނެއް ކަމަށް އެ މީހުން ގަބޫލެއް ނުކުރެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްލާމް ދީން ޒަމާނީކުރުމަށް ހުޅަނގުން ގޮވާލަންފެށީ މި ވިސްނުމަށް ބަލައިގެންނެވެ. "ޒަމާނާ އެކުގައި ސިސްޓަމް ވެސް ބަދަލުވާންޖެހޭނެ ކަމަށް ގަބޫލުކުރާ ފަދައިން އެމީހުން ދެކެނީ އިސްލާމް ދީނަކީ ވެސް އިންސާނީ އުފެއްދުމަށް ކަމަށް."
އިސްލާމް ދީން ޒަމާނީކުރުމަށް ގޮވާލުމުގައި ގެންގުޅޭ ބަހަނާތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ބިލާލް ވިދާޅުވި ގޮތުގައި ފުރަތަމަ ކަމަކީ އިސްލާމް ދީނަކީ މި ޒަމާނާ ނުގުޅޭ ދީނެއް ކަމުގައި ބުނުމެވެ. އިންސާނީ ހައްގުތައް ހިމާޔަތްކޮށްނުދޭ ކަމަށާއި އަންހެނުންނަށް އިހާނެތިކޮށް ހިތުން ވަނީ އިންތިހާ އަށް ފެތުރިފައި ކަމަށާއި މި ސަބަބުތަކަށްޓަކައި އިސްލާމް ދީން މި ޒަމާނާ ނުގުޅޭ ކަމަށް ބުނުމެވެ.
އަދި ދެ ވަނަ ކަމަކީ އިސްލާމް ދީނުގެ ބައެއް ބައިތަކަކީ ޒަމާނާ ގުޅޭ އަދި އަނެއް ބައިތަކަކީ ޒަމާނާ ނުގުޅޭ ކަންތައް ކަމުގައި ބުނެ، ޒަމާނާ ނުގުޅޭ ކަންތައް ޒަމާނީ ކުރުމަށް ގޮވައިލުން ކަމަށް ޑރ. ބިލާލް ވިދާޅުވި އެވެ. ތިން ވަނަ ކަމެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، އިސްލާމް ދީނުގެ ހުރިހާ ކަމަކީ ވެސް ޒަމާނާ ފެތޭ ކަންތައް ކަމުގައި ބުނާ ބަޔަކު އުޅޭ ކަމަށާއި މި ވިސްނުމަކީ ފަންޑަމެންޓަލިސްޓުންގެ ގޮތުގައި މަޝްހޫރުވެފައިވާ ބައި ކަމަށް ވެސް ޑރ. ބިލާލް ވިދާޅުވި އެވެ. އަދި ފަންޑަމެންޓަލިޒަމަކީ ޓެރަރިޒަމާ އެއްވަރުގެ އެއްޗެއް ކަމަށް ގަބޫލުކުރެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު 11ގެ ހަމަލާ އަށް ފަހު، ނިއުޔޯކް ޓައިމްސް އިން ވަނީ ފަންޑަމެންޓަލިސްޓުން ނުވަތަ ސިއްރުވެރި ޓެރަރިސްޓުން ފާހަގަކުރާނެ މުހިންމު ފަސް ކަމެއް ފާހަގަކޮށްފަ އެވެ. އަދި އެއީ ހަރުކަށި މުސްލިމުންނާއި މެދުމިނު މުސްލިމުން ވަކިކޮށް ދެނެގަންނާނެ މިންގަނޑުތަކެއް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވާ ކަމަށް ޑރ. ބިލާލް ވިދާޅުވި އެވެ.
އެ ގޮތުން ފަސް ވަގުތު ނަމާދުކުރާ، ރަމަޟާން މަހު ރޯދަ ހިފާ، އަންހެނުންނާ އަތާ އަތްޖޯޑުކޮށް ސަލާމްނުކުރާ ކޮންމެ މީހަކީ ފަންޑަމެންޓަލިސްޓެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިސްލާމީ ރުކުންތައް ފުރިހަމައަށް އަދާނުކުރާ ނުވަތަ ހުކުރު ނަމާދު އެކަނި ކުރާ ނުވަތަ ރޯދަ މަހު އެކަނި ނަމާދުކުރާ މީހުންނަކީ މެދުމިނު މުސްލިމުން ކަމުގައި ވެސް އެ ނޫހުގައި ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މުސްލިމުންގެ ތެރެއިން ބައެއް މީހުން ވެސް އިސްލާމް ދީން ޒަމާނީ ކުރުމަށް ގޮވާލާކަމަށާއި އެ ގޮތުން ކީރިތި ގުރްއާން ޒަމާނީ ގޮތަށް ތަފްސީރުކުރުމަށާއި އަންހެން އިމާމުން ތިބުމަށް ބާރު އަޅާ ބަޔަކު ވެސް މުސްލިމުންގެ ތެރޭގައި ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ވިސްނުމަކީ ނަސާރާއިން މުސްލިމުންގެ ސިކުނޑިތަކަށް ވައްދައިދީފައިވާ ވިސްނުމެކެވެ. ނަސާރާއިންގެ ތެރޭގައި އަންހެން ފާދިރީންނާއި އެއް ޖިންސުން ގުޅުން ހިންގާ އަދި އެފަދަ ކައިވެނިކޮށްދޭ ފާދިރީން އުފެދުނު ގޮތަށް މުސްލިމުންގެ ތެރޭގައި ވެސް އެ އާދަ ފެތުރުމަށް މަސައްކަތްކުރާ ކަމަށް ވެސް ޑރ. ބިލާލް ވިދާޅުވި އެވެ.
".... ޒިނޭކުރުމަކީ ކުށެއް ނޫން ކަމަށް ކަނޑައެޅުމަށް ވެސް ބަޔަކު ދަނީ މަސައްކަތްކުރަމުން. މިއީ ޒަމާނީކުރުމުގެ ނަމުގައި ހިންގާ ވަރަށް ބޮޑު ގޯހެއް. އެކަމުގެ ސަބަބުން، އާއިލާތައް ރޫޅުމަށް މަގުފަހިވެ މުޖްތަމައުގެ މޫތައް ބިމުން ލުހިގެންދޭ."
ޑރ. ބިލާލް ވިދާޅުވި ގޮތުގައި އެ ޖަރީމާތައް ހުއްދަކުރަން ހުޅަނގުން މަސައްކަތްކުރަނީ، ދެ ޖިންސުގެ މިނިވަންކަމާއި ހަމަހަމަކަމުގެ މާނައިގައި ކަމަށެވެ. އެ ގޮތުން ތަސައްރަފު ފުދިފައި ތިބި ދެ ޖިންސުގެ ދެ މީހަކު އެއްބަސްވެގެން ކުރާ ކަމަކަށް ބަސްބުނުމުގެ ހައްގެއް ސަރުކާރަށް ނޯންނާނެ ކަމަށް އެމީހުން ބުނެ އެވެ. މި ހަމަ އަށް ބަލައި ޒިނޭކުރުން ހުއްދަކޮށް އެއް ޖިންސުން ގުޅުން ހިންގުން ވެސް ނަސާރާ އިން ވަނީ ހުއްދަކޮށްފައި ކަމަށް ޑރ. ބިލާލް ވިދާޅުވި އެވެ. އަދި ސްވިޑަން އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި އެއްބަނޑުއެއްބަފާ މީހުންނާއި މައިންބަފައިންނާ އެކު ޖިންސީ ގުޅުން ހުއްދަކޮށްފައިވާ ކަމަށް ވެސް ޑރ. ބިލާލް ވިދާޅުވި އެވެ.
"މިއީ އެ މީހުން ކަލޭމެންނަށް ގެނެސްދޭ ޒަމާނީކުރުމަކީ. މިއީ ކުރިއެރުމެއްތަ؟ ނޫން އެއީ ވަރަށް ބޮޑު ފާފައެއް. އެއީ އިޖްތިމާއީ ފޭރާން ވީދައި ކުދިކުދިކޮށްލުން."
ޑރ. ބިލާލްގެ ވާހަކަގައި ކީރިތި ގުރްއާނާއި ރަސޫލާގެ ސުންނަތުގައިވާ އިލްމީ ބައެއް ހަގީގަތްތަކުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ. އެ ގޮތުން ބައެއް ފަނިފަކުސަ އާއި އެހެން ބައެއް ޖަނަވާރުތަކާ ބެހޭ ގޮތުން ކީރިތި ގުރްއާނާއި ރަސޫލާގެ ސުންނަތުގައި ވާރިދުވެފައިވާ ވާހަކަތައް މި ޒަމާނުގެ ސައެންސުން ސާބިތުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސައެންސްވެރިންގެ ތިއަރީތަކަކީ ވެސް އިންސާނީ ފިކުރުތަކެއް ކަމަށްވާ އިރު، އޭގެ ތެރެއިން ސާބިތުވެފައިވަނީ ކީރިތި ގުރްއާނުގައި ބަޔާންވެފައިވާ އިލްމީ ހަގީގަތްތަކާ ގުޅުން ހުރި ތިއަރީތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކީރިތި ގުރްއާނުގައި ބަޔާންވެފައިވާ އެއްވެސް ކަމެއް ސައެންޓިފިކް ގޮތުން، ކީރިތި ގުރްއާނާ ހިލާފަށް ސާބިތުވެފައިނުވާ ކަމަށް ވެސް ޑރ. ބިލާލް ވިދާޅުވި އެވެ.
ޑރ. ބިލާލް ވިދާޅުވީ އިސްލާމް ދީނުގެ ބަހެއް ހުކުމްތަކަށް ރިއާޔަތްކޮށް މި ދީނަކީ މި ޒަމާނަށް ނުފެތޭ ދީނެއް ކަމަށް ވެސް ބައެއް މީހުން ބުނާ ކަމަށެވެ. އެ ގޮތުން ވައްކަންކުރުމުން (ވަކި ޝަރުތުތަކެއް ހަމަވާ ނަމަ) އަތް ކެނޑުމަކީ އިންސާނީ ހައްގުތަކާ ފުށުއަރާ ހުކެއް ކަމަށް ބައެއް މީހުން ބުނާ ކަމަށާއި ނަމަވެސް އެހެން ބުނާ މީހުން، މުޖްތަމައުގެ އިންސާނީ ހައްގުތަކާ މެދު ނުވިސްނާ ކަމަށެވެ.
"އޭނާގެ އަތް ބުރިކޮށްލައިގެން، އޭނާގެ ފަރާތުން މުޅި މުޖްތަމައަށް ގެއްލުމެއްދިނަ ނުދީ އަހަރެމެންނަށް އޭނާ ހުއްޓުވިދާނެ. އޭނާގެ އެކަނި އިންސާނީ ހައްގުތަކަށް ވުރެ މުޅި މުޖްތަމައުގެ އިންސާނީ ހައްގުތައް މާ ބޮޑު. އޭނާގެ އަތް ބުރިކޮށްލުމަކީ، މީހަކު އެހެން ބަޔަކަށް ގެއްލުމެއް ދީފި ނަމަ ނުކުމެދާނެ ނަތީޖާ މުޅި މުޖްތަމައަށް އަންގައިދިނުމަށް ދެވޭ މެސެޖެއް."
އޭނާ ވިދާޅުވީ މި އުސޫލުން ބަލައިރު އިސްލާމީ ޝަރީއާގެ ކޮންމެ ގާނޫނަކީ ވެސް ޒަމާނަށް ފެތޭ އަދި އޭގެ މަންފާ މުޅި މުޖްތަމައަށް ލިބޭ ގާނޫނެއް ކަމަށެވެ. އެ ގާނޫނުތަކުން އަމަލީ މަންފާ ލިބޭ ކަމަށާއި އެ ގާނޫނުތައް ތަންފީޒުކުރާ ނަމަ ފައިދާ ލިބި، ތަންފީޒުނުކުރާ ނަމަ ގެއްލުންލިބޭ ކަމަށެވެ.
އޭނާ ވިދާޅުވީ އިސްލާމް ދީނަކީ ޒަމާނީ ކުރިއެރުންތަކަށް އެންމެ ފުރިހަމަ މާނައިގައި ތަރުހީބުދޭ ދީނެއް ކަމަށެވެ. ނަމަވެސް އެއީ ދީނީ ހުކުމްތައް ޒަމާނީކުރުން ނޫން ކަމަށާއި އިންސާނިއްޔަތުގެ ކުރިއެރުމަށްޓަކައި ޒަމާނީ ޓެކްނޯލޮޖީ އާއި ސައެންސްގެ އެހީގައި އަލަށް ހޯދާ ކަންކަމަށާއި އައު އީޖާދުތަކަށް އިސްލާމް ދީން ތަރުހީބުދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ