އޯލެވެލްގެ އޭޕީ ސްކޯ ބަލާ މިންގަނޑުގެ ސަބަބުން އަމީނިއްޔާއަށްވަނީ މައްސަލަތަކެއް ކުރިމަތިވެފައި: ވަފާ

އޯލެވެލް އިމްތިހާނުގެ އެންމެ މަތީ ވަނަތައް ލިބޭ ސްކޫލުތައް ކަނޑައެޅުމުގައި އެޑިއުކޭޝަން މިނިސްޓްރީން ގެންގުޅުއްވާ އެކަޑެމިކް ޕާފޯމަންސް ސްކޯ (އޭ.ޕީ. ސްކޯ) ގެ ސަބަބުން އެ ސްކޫލަށް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް އަމީނިއްޔާ ސްކޫލުގެ ޑިޕިއުޓީ ޕްރިންސިޕަލް ވަފާ ވަހީދު ވިދާޅުވެއްޖެ އެވެ.
އޯލެވެލްގެ އޭ.ޕީ. ސްކޯ ކަނޑައެޅުމުގައި ބައްލަވަމުން ގެންދަވަނީ ސްކޫލުގެ އާބާދީގެ ނިސްބަތަށެވެ.
"އޯލެވެލްގައި އަޅުގަނޑުމެންގެ ސްކޫލު (އަމީނިއްޔާ) އަޅާ މިކިޔަނީ 1300 ދަރިވަރުން ތިބޭ ސްކޫލުތަކާ. އެހެންވެ ކުދިން ގިނަވާ ވަރަކަށް އޭޕީ ސްކޯ ދަށްވާނެ. މިއީ އަމީނިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލައެއް،" ވަފާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގައި، އޭ.ޕީ. ސްކޯގެ އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ މަގާމުން ވެސް އަމީނިއްޔާ ވަނީ ކަޓައިފަ އެވެ. އެހެން ނަމަވެސް އަމީނިއްޔާ އަކީ ކޮންމެ އަހަރަކު ވެސް އެންމެ ގިނަ އަދަދަކަށް އޯލެވެލްގައި ކުދިން ބައިވެރިކުރާ ސްކޫލެވެ. އެންމެ ފަހުން މި އަހަރު ބޭއްވި އިމްތިހާނުގައި ވެސް އެ ސްކޫލުން 887 ދަރިވަރުން އޯ ލެވެލްގައި ބައިވެރި ކޮށްފައި ވެ އެވެ.
ވަފާ ވިދާޅުވީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އަމީނިއްޔާ ކުދިންގެ ވަކިވަކި މާއްދާތަކުގެ ނަތީޖާ އަށް ބަލާއިރު ކުދިން ހާސިލު ކޮށްފައިވާ މިންވަރު ވަރަށް ރަނގަޅު ކަމަށެވެ.
"އެހެންވީމަ ހިސާބު އަކުރުން ބައްލަވާ އެއްޗެއް ވެއްޖިއްޔާ ވެލިއު ދަށަށް އަންނާނެ. އެކަމަކު މިދިޔަ އަހަރު އަމީނިއްޔާ ކުދިން ހޯދައިފައި ވަނީ ވަރަށް މަތިވެރި ކާމިޔާބީއެއް. މިދިޔަ އަހަރުގެ އޯލެވެލްގައި އަމީނިއްޔާ އިން 666 ދަރިވަރުން ބައިވެރިވި. އެ ކުދިންގެ ނަތީޖާ މި އަޅާ ކިޔަނީ 300 ކުދިން ބައިވެރިވި ސްކޫލުތަކާ. އެހެންވެ ނަތީޖާގެ އަދަދަށް ބަދަލު އަންނާނެ އޭ.ޕީ.ސްކޯ އަށް ބަލާއިރު،" ވަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ އޯ ލެވެލްގައި އެންމެ ބޮޑަށް ބޭނުން ވަނީ މިދިޔަ އަހަރުގެ ޕާފޯމަންސަށް ވުރެ ޕާފޯމަންސް މަތިކުރަން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ދަރިވަރުން މަދު ސްކޫލަކާ ދަރިވަރުން ނިސްބަތު މިހާ ގިނަ ސްކޫލަކާ އެއް ހަމައަކުން އަޅައެއް ނުކިޔޭނެ. އެހެންވެ އަޅުގަނޑުމެން މަސައްކަތް ކޮށްފައި ވާނީ މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ނަތީޖާ ރަނގަޅު ކުރުމަށް. ވަކި ސްކޫލަކަށް ވުރެ މައްޗަށް ދާކަށް ނޫން،" ވަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭ.ޕީ. ސްކޯ ބަލާ މިންގަނޑާ މެދު ގިނަ ސްކޫލުތަކަކުން ހިތްހަމައެއްނުޖެހޭ ކަމަށާއި އެ މިންގަނޑަށް ބަދަލު ގެންނެވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.
އޯލެވްލެގެ ތާރީހުގައި އެންމެ ޝަރަފުވެރި މަގާމުތައް އަމީނިއްޔާ އަތުން އެންމެ ފުރަތަމަ ބީވެގެން ދިޔައީ މިދިޔަ އަހަރު އެވެ.
އޯލެވެލްގެ މިދިޔަ އަހަރުގެ އެއް ވަނަ ސްކޫލަކީ ސ. ހިތަދޫ މުހިއްބުއްދީން ސްކޫލެވެ. ދެ ވަނަ ސްކޫލަކީ އަހުމަދިއްޔާ އެވެ. އަދި ތިން ވަނަ އަށް ހޮވުނީ ދަރުމަވަންތަ އާއި މަޖީދިއްޔާ ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ